ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ވާހަކަ، ކޯޓުން ބޭރުގައި ދައްކާތީ ކޮނޑޭ ކޯޓުގެ އިސް ގާޒީ ސަސްޕެންޑް ކޮށްފި

ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް ގާޒީ، މުހައްމަދު އިބްރާހިމް 14 ދުވަހަށް ސަސްޕެންޑް ކުރުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުހައްމަދު އިބްރާހިމް ސަސްޕެންޑް ކުރަން ނިންމީ ކޮނޑޭ ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާ ނުކުރާކަމާއި މައްސަލަތަކުގެ ހުކުމާއި މައްސަލަތަކުގެ ރިޕޯޓު މުވައްޒަފުން ތައްޔާރު ކުރަންޖެހޭ ކަމަށް އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ގިނަ ދުވަސްވެ އެ މައްސަލަތަކަށް މުހައްމަދު އިބްރާހިމް އިހުމާލުވެފައިވާ ކަމަށާއި ކޯޓުގެ ވާހަކަތަކާއި ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ވާހަކަ ކޯޓުން ބޭރުގައި އޭނާ ދައްކާކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާތީ ކަމަށެވެ.
މުހައްމަދު އިބްރާހީމްގެ އެ އަމަލުތަކަކީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލުތަކެއްކަމުގައިވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ވަޒީފާއަށް ނުކުތުން މަނާކުރަން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގާޒީ މުހައްމަދު އިބްރާހިމް ސަސްޕެންޑް ކޮށްފަ އެވެ. އެ ފަހަރު ސަސްޕެންޑް ކުރީ އޭނާގެ މަސްލަހަތު ހިމެނޭ މައްސަލައެއްގައި އަމަލީ ގޮތުން ބައިވެރިވެފައިވާތީ ދެ މަސް ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ