ވަރިވާން ދިޔަ މީހަކަށް ގުޅައި މެސެޖު ކުރި އިތުރު މައްސަލައެއްގައި ގާޒީ އަލީ އާދަމް ވަކިކުރަން ނިންމައިފި

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދި ކަމަށް ތުހުމަތުވާ އިތުރު މައްސަލައެއްގައި ފަނޑިޔާރު އަލީ އާދަމް ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
މިހާރުވެސް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޝަންގައި ހުންނެވި އަލީ އާދަމްގެ ހަމަ މިފަދަ އެހެން ސުލޫކީ މައްސަލައެއްގައި 23 ޖުލައި 2023ގައި އޭނާ ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ވަނީ ލަފާ އަރުވައިފަ އެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން އޭނާއަށް ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި މަހުގެ 16 ވަނަ ދުވަހު ވަނީ ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި އެހެން މީހަކަށް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އަލީ އާދަމްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.
އަދި އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތް ކޮށްފައިވަނީ ނުނިޔަތެއްގައި ނުބައި މަގުސަދެއް އޮވެގެންކަންވެސް ސާބިތުވެފައިވާ ކަމަށް ބުންޏެވެ. އެހެންވެ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި އަލީ އާދަމް، ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލަފާއެރުވުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އަލީ އާދަމްގެ އިތުރު ސުލޫކީ މައްސަލައެއްގެ ތަހުގީގެއްވެސް ޖޭއެސްސީން ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން އެ ފަނޑިޔާރު މަސައްކަތަށް ނުކުތުން މަނާކޮށްފައިވާއިރު، ޖޭއެސްސީން ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ