ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލީ ޝަހީދު އެކަނި!

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލައްވާފައިވަނީ އެންމެ ބޭފުޅެކެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވުމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން ހުންނެވީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ ފުރަތަމަ ހުޅުވާލީ މިއަހަރުގެ މާޗް އެވެ. ނަމަވެސް 11 ފަނޑިޔާރުން ތިއްބަވާ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކު އެ ފަހަރު އެ މަގާމަށް ކުރިމަތިލައްވާފައެއް ނުވެ އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ދެވަނަ ފަހަރަށް ހުޅުވާލީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ދެވަނަ ފުރުސަތުގައި އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ ފަނޑިޔާރު ޝަހީދު އެކަންޏެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަހްމަދު ނިމާލް މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެން ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށްވެސް ޖޭއެސްސީ އިން ހުޅުވާލުމުން މުއްދަތު ހަމަވިއިރު މިމަގާމަށް ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާގެ އިތުރުން ގާޒީ ހާފިޒާ އަބްދުއްސައްތާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ