އެންމެ ބޮޑު ޕާޓީއަކަށް ޕީޕީއެމް ހޮވުނު ގޮތާމެދު މައުމޫން ފެކްޝަންގެ ކަންބޮޑުވުން

އެންމެ ބޮޑު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އެ ޕާޓީގެ ދަފްތަރުން އުނިކުރުމުން، އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް ހޮވުނު ގޮތާމެދު މައުމޫން ފެކްޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވަކިކޮށްފައިވާ މެމްބަރުންނަކީ މެމްބާޝިޕް ފޯމުގައި އިނގިލީގެ ނިޝާން ނުޖަހާ މެމްބަރުންނެވެ. އެ މެމްބަރުންނަކީ ސިޔާސީ ޕާޓީތައް އުފެއްދި ދުވަސްވަރު މެމްބާޝިޕް ފޯމުތަކުގައި އިނގިލީގެ ނިޝާން ޖެހުމަށް ލާޒިމްކޮށްފައި ނެތުމުން އިނގިލީގެ ނިޝާން ނުޖަހާ މެމްބަރުންނެވެ. ނަމަވެސް ގާނޫނަށް ގެނައި ބަދަލާއެކު އެ މެމްބަރުން ވެސް އިނގިލީގެ ނިޝާން ޖެހުމަށް ވަނީ ލާޒިމްކޮށްފަ އެވެ. މައުމޫން ފެކްޝަނުން ޕީޕީއެމްގެ ނަމުގައި މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެކަށީގެންވާ ވަގުތު ނުދީ ސިޔާސީ ޕާޓީތަކުން ގިނަ އަދަދެއްގެ މެމްބަރުން ވަކިކުރުމުން އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެ ޕާޓީވެފައި ވިޔަސް، އެ ޕާޓީގެ ފިކުރާއި ވިސްނުމަކީ "އެހެން ސިޔާސީ ޕާޓީތަކަށް ގެއްލުމެއް ދީގެން" ކުރިއަރައި ދިނުން ނޫން ކަމަށެވެ. "މި ޕާޓީން ގަބޫލު ކުރާ ފަލްސަފާއަކީ މިނިވަންކަމާއެކު ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ހަރަކާތްތެރިވެވޭނެ މާހައުލެއްގައި ވާދަކޮށްގެން އެހެން ޕާޓީތަކަށް ވުރެ ކުރިއަރައިގެން ދިއުމެވެ،" މައުމޫން ފެކްޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ. "އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ މަގާމު މި ޕާޓީއަށް ލިބިފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތް މި ޕާޓީން ކުށްވެރިކުރަމެވެ." އެ ބަޔާނުގައި ބުނެފައި އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައި ވަނީ ހުރިހާ ސިޔާސީ ޕާޓީތަކަށް މިނިވަންކަމާއެކު ވާދަވެރި ސިޔާސީ ވެއްޓެއްގައި ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށެވެ. އިނގިލީގެ ނިޝާން ނުޖަހާ މެމްބަރުންނަށް އަލުން އިނގިލީގެ ނިޝާން ޖެހުމަށް އެކަށީގެންވާ ވަގުތު ދީފައި ނުވާ ކަމަށް މައުމޫން ފެކްޝަނުން ނެރުނު ބަޔާނުގައި ތަކުރާރުކޮށްފައިވެ އެވެ. އަދިޕާޓީތަކުން ވަކިކުރި މެމްބަރުންނަށް، އެ މެމްބަރަކު ޕާޓީން ވަކިވިކަން އިލެކްޝަން ކޮމިޝަނުން އަންގަވާފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ