މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު މިއަދު ހުޅުއްވައިލައްވައިފިއެވެ.
މި ފުރްޞަތު ހުޅުއްވައިލައްވައި، އެކަމުގެ އިތުރު ތަފްޞީލު މަޢުލޫމާތު، ޤައުމީ އިނާމާބެހޭ ކޮމިޓީންނާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި، ޤައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ޙުސައިނާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ ޗެއަރމަން ޑޮކްޓަރ މުޙަންމަދު ޝައިނީއެވެ.
ޤައުމީ އިނާމު ދެއްވުމުގައި، ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމަށް މިއަހަރުވެސް ވަރަށްބޮޑު އިސްކަމެއް ވަނީ ދެއްވާފައެވެ. އެގޮތުން، ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރްޞަތު ދެއްވުމަށްޓަކައި، އިނާމު ދެވޭ ދާއިރާތަކުގެ ތެރޭގައި، މިދިޔަ އަހަރެކޭ އެއްގޮތަށް، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ވަނީ ހިމަނުއްވާފައެވެ. މިގޮތުން، މި ދާއިރާއިން އިނާމު ދެއްވާނީ، 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއްގައި ފާހަގަކުރެވޭފަދަ ޚިދްމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި، ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މީގެއިތުރުން، އެކި ދާއިރާތަކުން އިނާމުދެވޭ ރޮނގުތަކަށްވެސް، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ލަފާ ހޯއްދަވައިގެން، މިއަހަރުގެ ބައެއް ބަދަލުތައް ވަނީ ގެންނަވާފައެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތްފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތްފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ، 5 ގިންތިއަކުންނެވެ. އޭގެތެރޭގައި ހިމެނެނީ ތިރީގައި ބަޔާންކުރެވިފައިވާ ގިންތިތަކެވެ.
1 ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީ.އެޗް.ޑީ) ޙާޞިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ޙާޞިލުކޮށްފައިވުން.
2. މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
3 ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދުން.
4 ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލުކޮށްފައިވުން. (މިއީ އަލަށް އިތުރުކުރެވުނު ކެޓަގަރީއެއް)
5 ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން. މިރޮނގުން މިއަހަރު ހުޅުވާލީ މިދަންނަވާ ދާއިރާތަކުންނެވެ.
(ހ) ކުޑަކުދިންނާއި ޒުވާނުންގެ ކިބައިގައި އިސްލާމީ ރިވެތި އާދަތަކާއި، އަޚްލާޤީ މާތް ސިފަތައް ހަރުލެއްވުމުގެ މަޤްޞަދުގައި ލިޔެފައިވާ ޢިބްރަތްތެރި ވާހަކަފޮތާއި، ކިޔާހިތްވާގޮތަށް އަދި ފަސޭހަކަމާއެކު އެނގޭގޮތަށް ލިޔެފައި ހުންނަ ކީރިތި ރަސޫލާ (صـلّى الله علـيـه وسـلّم)ގެ ސީރަތާއި، އިހުގެ މުސްލިމް މާތް ބޭކަލުންގެ ދިރިއުޅުއްވުން ސިފަކޮށްދޭގޮތަށް، ވާހަކަފޮތް ލިޔުމުގެ މުބާރާތް. (ކަމާބެހޭ މުއައްސަސާ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް)
(ށ) ކުޑަކުދިންނަށް ދިވެހިބަހުން [ނާވިލު] ލިޔުމުގެ މުބާރާތް. (ކަމާބެހޭ މުއައްސަސާ: ދިވެހިބަހުގެ އެކަޑަމީ)
(ނ) ކަސަބު ބޯވަޅު ގެތުމާއި، ރާއްޖޭގައި އުފައްދާ ކަސަބު ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތް. (ކަމާބެހޭ މުއައްސަސާ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް)
(ރ) ރާއްޖެއަށް މިނިވަންކަން ހޯދުމަށް ކުރި މަސައްކަތްތަކާއި އަދި މިނިވަންކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތައް ދައްކައިދޭ ވިޜުއަލް އާޓްސްއާއި، ޕަރފޯމިންގ އާޓްސް މުބާރާތް. (ކަމާބެހޭ މުއައްސަސާ: ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް)
(ބ) ދިވެހިރާއްޖޭގެ ތާރީޚީ ޙާދިޘާތަކުގެ މައްޗަށް ލިޔެފައިވާ ވާހަކައެއް ނުވަތަ ޙާދިޘާއެއް އަޞްލަކަށް ބަލައިގެން ނުވަތަ ދިވެހި ފޯކްލޯރއެއްގެ މައްޗަށް ބިނާކޮށް، އަޞްލު ނުގެއްލޭގޮތަށް، ވިޜުއަލް އާޓްސް ނުވަތަ ޕަރފޯމިންގ އާޓްސް ބޭނުންކޮށްގެން ބާއްވާ މުބާރާތް. (ކަމާބެހޭ މުއައްސަސާ: ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް)
މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރްޞަތު، ކަމާބެހޭ ދާއިރާތަކުން މިހާރުވަނީ ހުޅުއްވައިލައްވާފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީވެސް އެކަމަކަށް ކަނޑައެޅިފައިވާ ފޯމުގައެވެ.
ޤައުމީ އިނާމާއި ޚާއްޞަ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީންނާއި، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވާފައެވެ. ޤައުމީ އިނާމާއި ޚާއްޞަ އިނާމާ ބެހޭގޮތުން އެ ދެކޮމިޓީން ނެރުއްވި ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާއިޢު ކުރައްވާފައެވެ.
ޤައުމީ އިނާމަށާއި ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވައި ފޯމުތައް ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ ސެޕްޓެންބަރު މަހުގެ 15ވާ އަންގާރަ ދުވަހެވެ. ފޯމުތައް ފޮނުއްވަންޖެހެނީ، ކަމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޤައުމީ އިނާމަށާއި، ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
މިއަހަރުގެ ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވާނީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ޤައުމީ އިނާމަށާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު ހުޅުއްވައިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ