ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމްތަކަށް ސަރުކާރުން ބާރުވެރިކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވިލިމާލެ ދާއިރާއަށް ޕީޕީއެމުން ކުރިމަތިލައްވާފައިވާ އަހުމަދު ނިހާން ހުސެއިން މަނިކުގެ ކެމްޕެއިން ލޯންޗުކުރުމަށް މިރޭ ވިލިމާލޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރު ސުޕްރީމް ކޯޓަށް ފާޑު ނުކިޔާނެ ކަމަށާއި އިދިކޮޅު ޕާޓީން މިހާރު ސުވާލު އުފައްދަނީ ކުރިއަށް އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާނެތޯ ނޫނީ ކުރިމަތިނުލާނެތޯ ކަމަށެވެ.
ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން ތަހުޒީބީ މުޖުތަމައުއެއްގައި ކަންކުރާ ގޮތަކީ ސުޕްރީމް ކޯޓުގެ އެ ނިންމުމަކާއިއެކު ކުރިއަށް ދިއުން ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ގާނޫނުގެ އަމުރު ދަމަހައްޓަވާނެ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ހުކުމަށް އަޅުގަނޑު ސަރުކާރުގެ، ހުރިހާ ދިމާލަކުން ވެސް، ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާވާނެ، މިއަދު 10 ޖެހިއިރު ރައީސް އޮފީހުން އިއުލާންކޮށްފިން، އިލެކްޝަންސް ކޮމިޝަނުން މިހާރު ހުސްވެފައި، އޮތް ގޮނޑިތަކަށް ނަންފުޅުތަކެއް ހޯދުމަށްޓަކައި، އަދި އަޅުގަނޑުމެން މި މަސައްކަތްކުރަނީ މާދަމާ ނޫން އަނެއް ދުވަހު ތިނެއް ޖަހާއިރަށް އިރާދަކުރެއްވިއްޔާ ނަންފުޅުތައް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް." ރައީސް ވިދާޅުވިު އެވެ.
ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަށް ސަރުކާރުން އެއްޗެއް ނުބުނާނެ ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިހްތިރާމް ކުރާ ކަމަށެވެ. ނަމަވެސް އަދުލު އިންސާފުގެ ދާއިރާ އިސްލާހުވާންޖެހޭ ވާހަކަތަކަކީ ދައްކަންޖެހޭ ވާހަކަތައް ކަމަށާއި އޭގެ ތެރޭގައި މައްސަލަތައް ނުހިނގުމާއި ގިނަ މައްސަލަތައް އެއްވެސް ގޮތަކަށް ނުހިނގާކަން އެމްޑީޕީ ބޭފުޅުން ގަބޫލުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މުއައްސަސާއަކުން ކޮރަޕްޝަން ފިލުވާލަން ޖެހޭ ކަމަށް ގަބޫކުރާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މިސާލު ރައްޔިތުންނަށް ދައްކަވަންޖެހޭ ކަމަށާއި 18 ވަނަ މަޖިލީހަކީ ކޮރަޕްޝަން ނައްތާލާ މަޖިލީހަކަށް ހަދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްތަކަށް ބާރުވެރިކަން ދިނުމަކީ ޑިމޮކްރަސީގައި ތަހުޒީބީ މުޖުތަމައުއެއްގައި އަމަލުކުރާ ގޮތް ކަމަށާއި ރާއްޖޭގެ ދާޙިލީ ކަންކަމާއި މެދު ގޮތްތައް ނިންމުމުގެ ބާރު އޮންނާނީ ރާއްޖޭގެ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ފަސް އަހަރުގެ ދައުރަކަށް އިންތިހާބުކުރާއިރު މަޖިލީހުގައި އެބައެއްގެ ހިޔާލު ފާޅުކުރުން މަހްރޫމްވާ ގޮތަށް ޕާޓީއަކުން އިންތިހާބު ބޮއިކޮޓް ކުރުމަކީ އެއްވެސް ގޮތެއްގައި ތަހުޒީބީ މުޖުތަމައުއެއްގައި ކަންކުރާނެ ގޮތެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމަކާއި މެދު ހިތްހަމަނުޖެހިއްޖެނަމަ ދެން ކަންކުރާނެ އުސޫލެއް ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ މަޖިލީހުން ބަޔާން ނެރުމެއް ނޫން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ސޮއިކުރައްވާ ނެރުއްވާފައިވާ ބަޔާނަކީ މަޖިލީހުގެ މެންބަރުން ނިންމާ ބަޔާނެއް ނޫން، އެއީކީ ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއް ނޫން، މަޖިލީހަކަށް ބަޔާނެއް ނުވެސް ނެރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ހުކުމެއް ނޫނީ ކަމެއް ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަޖިލިސް މެންބަރުންގެ ރައުޔު ހާމަކުރުމަކީ އޮންނަ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއަކީ އެމްޑީޕީ، އަދާލަތު، ޕީޕީއެމް، ޖުމްހޫރީ ޕާޓީގެ ދިވެހިރާއްޖެ ނޫން ކަމަށާއި މިއީ އެންމެންގެ ދިވެހިރާއްޖެ ކަމަށެވެ. އެހެންކަމުން މިމަހުގެ 22 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ވޯޓުލުމަށް ނިކުންނަންޖެހޭ ކަމަށާއި ކޮރަޕްޝަން ނައްތާލައި ޖުޑިޝަރީއަށް އިސްލާހު ގެންނަން ބޭނުންވާ ކަމުގައިވާނަމަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ޝާމިލްވާންޖެހޭ ކަމަށެވެ.
އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެމްޑީޕީން މަޖިލީހުގައި ޝާމިލްވާންޖެހޭ ކަމަށާއި "ދަނޑުން ބޭރުގައި ތިބެގެން ނަތީޖާ" ހާސިލެއް ނުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ކުރީގެ ދެރައީސުން ކަމުގައިވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމާއި ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސަރުކާރު ކޯލިޝަންގެ ފަރާތުން މާލެ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ އާންމުން މި ޖަލްސާގައި ބައިވެރިވެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްތަކަށް ބާރުވެރިކަން ދޭނަން - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ