އަސާސީ ހައްގުތައް ނިގުޅައިގަތުމަކީ އަޅުވެތިކުރުން: ގާސިމް

ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތައް ނިގުޅައިގަތުމަކީ އަޅުވެތި ކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ްދިވެހިން މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަން ކުރައްވާފައިވާ ގާސިމް އިބްރާހީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ގާސިމް އިބްރާހިމްގެ ޓްވީޓުގައި ވަނީ މިހާރު ހައްޔަރުކުރެވިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އަސާސީ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް އިޝާރާތްކުރައްވާފައިވެ އެވެ. އެގޮތުން ވިދާޅުވީ އަޅުވެތި ކަމުން ނާޒިމް މިނިވަން ކުރުމަށް ގޮވާލުމަކީ ފަރުދީ ވާޖިބެއް ކަމުގަ އެވެ.
ނާޒިމް ދޫކޮށްލުމަށް ގާސިމް އިބްރާހިމް ވަނީ މީގެ ކުރިންވެސް ދައުލަތުގެ ކަމާ ގުޅުންހުރި ފަރާތްތަކަށް ގޮވާލައްވާފަ އެެވެ. އަދި ނާޒިމްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ ސިޔާސީ ގޮތުން ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށްވެސް ގާސިމް އިބްރާހިމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ކާނަލް ނާޒިމަކީ މިދައުލަތަށް އިހްލާސްތެރިކަމާއެކު ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމުގައިވެސް ގާސިމް އިބްރާހިމް ވިދާޅުވެފައިވެ އެވެ.
ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީއާ ޖޭޕީ ގުޅިގެން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކަށް އިސްނަންގަވާ އެކަމުގައި ބައިވެރިވުމަށް ޕާޓީ ތަކަށް ދައުވަތު ދެއްވެވީވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.
ޖޭޕީއާ އެމްޑީޕީ ގުޅިގެން މިހާރު ކުރިއަށްގެންދާ ހަރަކާތްތަކުގައި ގާސިމް އިބްރާހިމް ގެންދަވަނީ އަމަލީގޮތުންވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ