ފ. ނިލަންދޫ ކައުންސިލް މެމްބަރު އަޙްމަދު ޝިޔާމާއި، އެރަށު އިތުރު ބަޔަކު ޖޭޕީއާ ގުޅިއްޖެ

ފ. ނިލަންދޫ ކައުންސިލް މެމްބަރު އަޙްމަދު ޝިޔާމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
ޝިޔާމް ޖޭޕީއާ ގުޅިވަޑައިގެންނެވި ފޯމް، މާމިގިލީ އެއާޕޯޓްގައި ބޭއްވި ހަފްލާއެއްގައި ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
ޝިޔާމްގެ އިތުރުން ނިލަންދޫގެ ބައެއް ރައްޔިތުންވެސް ވަނީ އޭނާއާއެކު ޖޭޕީއަށް ސޮއިކޮށްފައެވެ.
ފޯމް ހަވާލުކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ، އެޕާޓީއަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި މަސައްކަތްތައް ކުރާ ޕާޓީއަށް ވާތީ ކަމަށެވެ.
މިހާރު ރާއްޖޭގައި ސިޔާސީ ގޮތުން ކުރިމަތިވެފައިވާ އޮއިވަރުގައި، ބޮޑެތި ޕާޓީތަކުން އެއް ޕާޓީ އަނެއް ޕާޓީއަށް ޖަދަލުކުރަމުން ދާއިރުވެސް ޖުމްހޫރީ ޕާޓީން ކުރިޔަށްދަނީ އަމަންއަމާންކަމާ އެކުގައިކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ޖުމްހޫރީ ޕާޓީން ވަނީ އެޕާޓީގެ ސިޔާސީ ހަރަކާތްތައް އަލުން ފަށާފައެވެ.
އެގޮތުން ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް "ސީދާ އަމާޒަށް" މިނަމުގައި މުޅި ރާއްޖޭގައި ދަނީ ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ. މިކެމްޕެެއިންގެ ދަށުން މިހާތަނަށް ދެހާހަށްވުރެ ގިނަ މީހުން ވަނީ ޖޭޕީއާ އަލަށް ގުޅިފައެވެ.
އޭގެތެރޭގައި، ރާއްޖޭގެ ބައެއް މަޝްހޫރު ފަރާތްތަކާއި، އަލަށް ސިޔާސީ މައިދާނަށް ނިކުތް ފަރާތްތަކާއި، 18 އަހަރު ފުރުނު ޒުވާނުންނާއި، ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިހުރި ފަރާތްތަކުގެ އިތުރުން ރަށްރަށުގެ އިޖްތިމާއީ ތަރައްގީއަށް މަސައްކަތްކުރާ ގިނަ ބޭފުޅުން ހިމެނެއެވެ.
ކޮންމެ ހަފްތާއަކުވެސް ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅޭ މެމްބަރުންގެ ފޯމާއި ހަވާލުވުމަށް ޖަލްސާއެއް ބާއްވާއިރު، "ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދާނެކަމަށް އެޕާޓީން ބުނެއެވެ.
އެގޮތުން މާލެ ސަރަހަށްދާއި، އަތޮޅުތަކުގައިވެސް މިކެމްޕޭން ވަރަށް ބާރަށް ކުރިޔަށް ގެންދާކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ