ހައުސިން ޔުނިޓުތަކެއް އެޅުމަށް ކަމަށް ބުނެ މަކަރާއި ހީލަތުން، ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލާގައި، ވ. ތނަދޫ ރެޑްހައުސް، އަހުމަދު މޫސާ (އައްމަޓީ) ހައްޔަރުކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.
ހައި ކޯޓުން މި އަމުރު ނެރެފައިވަނީ ކްރިމިނަލަ ކޯޓުން އޭނާ ބަންދުން ދޫކޮށްލަން ނެރެފައިވާ އަމުރު ބާތިލް ކުރުމަށްފަހު އެވެ.
ޖޫން މަހުގެ 17 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިމައްސަލައަކީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ބުނެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ ޖޫންމަހުގެ ފަހުކޮޅު މިމައްސަލަ އިސްތއުނާފް ކުރުމަށް ހުށަހަޅާފައެވެ.
މިއަދު ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި އައްމަޓީ ހައްޔަރުކުރުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމެންޓްތަކެއް ވިއްކާ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް، 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ލަންކާއިންނެވެ.
މިމައްސަލާގައި އައްމަޓީގެ މައްޗަށް ވަނީ 42 ދައުވާއެއް އުފުލާފައެވެ. މި ދަޢުވާތައް ސާބިތުވެއްޖެނަމަ އައްމަޓީގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
އައްމަޓީ ހައްޔަރުކުރުމަށް ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ