ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ހެދުނު އެއްބަސްވުމާ ޔަމަނުގެ ރައްޔިތުން ދެކޮޅުހަދައިފި

ޔަމަނުގެ ސަރުކާރާއި ދެކޮޅަށް އެޤައުމުގެ ރައްޔިތުންކުރަމުން އަންނަ މުޒާހަރާގެ ތެރެއިންވެރިކަމުގެ ބާރުތައް ޔަމަނުގެ ނައިބު ރައީސް ޢަބްދުއްރައްބު މަންޞޫރާ ހަވާލުކުރެއްވުމަށް ޔަމަނުގެ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙް ސައުދި އަރަބިޔާގައި ވެވަޑައިގަތް އެއްބަސްވުމާ ދެކޮޅުހެދުމުގެ ގޮތުން އެޤައުމުގެ މަގުތަކަށް ނިކުމެ މުޒާހަރާކުރުމަށް އިދިކޮޅުފަރާތްތަކުން ގޮވާލައިފިއެވެ.ވެރިކަމުގެ ބާރުތައް ޔަމަނުގެ ނައިބު ރައީސާ ހަވާލުކުރެއްވުމުން ސައުދި އަރަބިއާއިން ރައީސް ޢަލީ ޢަބްދުﷲ ޞާލިޙް އަށް ހިމާޔަތްދިނުމަށް އެއްބަސްވުމަކީ ޔަމަނުގެ ރައްޔިތުންގެ އިޙްސާސްތަކަށް ބެލުމެއްނެތި ވެފައިވާ އެއްބަސްވުމެއްކަމަށް ޔަމަނުގެ އިދިކޮޅުފަރާތްތަކުން ހާމަކޮށްފައިވެއެވެ.މިއެއްބަސްވުމާއި ދެކޮޅަށް ބޮޑު މުޒާހަރާތައް ބޭއްވުމަށް އިދިކޮޅުފަރާތްތަކުން މިއަދު ވަނީ އިޢުލާންކޮށްފައެވެ. ރައީސް ޢަލީ ޢަބްދުﷲ ޞާލިޙްގެ އިސްތިއުފާއަށް ގޮވައި އެޤައުމުގެ ރައްޔިތުން މުޒާހަރާކުރާތާ މިހާރު ދިހަ މަސްވެއްޖެއެވެ. ސަރުކާރާއި އިދިކޮޅުފަރާތްތަކާއި ހިނގަމުން އަންނަ ކުރިމަތިލުންތަކުގެ ސަބަބުން ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ މަރުވެފައެވެ.ސައުދި އަރަބިއާގައި ރައީސް ޢަލީ ޢަބްދުﷲ ޞާލިޙް ސޮއިކުރެއްވި މިއެއްބަސްވުމުގައި ބުނާގޮތުން ވެރިކަމުގެ ހުރިހާ ބާރުތަކެއް ތިރީސް ދުވަސް ތެރޭ ނައިބު ރައީސާ ހަވާލުކުރައްވަން ޖެހޭނެއެވެ. އަދި ވެރިކަމުގެ ބާރުތައް ނައިބު ރައީސާ ހަވާލުކުރެއްވި ނަމަވެސް އަންނަ ރިޔާސީ އިންތިޚާބު ބޭއްވެންދެން ރައީސްކަމުގެ މަޤާމުގައި އަދިވެސް ހުންނަވާނީ ޢަލީ ޢަބްދުﷲ ޞާލިޙްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ