ސްނޯ ތެރޭ 27
"ހިތް އަލިކުރަން ބޭނުންވާ މީހެއްނަމަ ތިމާއާއި ނުބެހޭ ކަންތައްތަކުގެ ވާހަކަ ނުދައްކާ ފާފަތަކުން ދުރުހެލިވެ އަދި ސިއްރުން ހެޔޮ އަމަލުކުރުން ގިނަކުރާށެވެ." *** "ހޫމް. ވަރަށް ނިދި އައިސްފި. މިހާ ފިނި ރެއެއްގައި އަރާމުކޮށް ނިދާލެވޭނެ..." އެރިކް ހިނގައިގަތެވެ."ފަތިސް ނަމާދަށް ހޭލައްޗޭ. ގުޑްނައިޓް..." އަސްލަންގެ ތުންފަތްމައްޗަށް ނުލަފާ ހިންޏެއް ވެރިވިއެވެ. އަސްލަން ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަދައްކަން ފެށީ ނިކަން މަޑުންނެވެ. އޭރު އެ ހިނިތުންވުން ފިލާ މޫނުމަތިން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ސީރިޔަސްކަމެވެ. އެއަށްފަހު ކަށިތައްވެސް ގަނޑުކޮށްލާފަދަ ފިނީގައި ސްނޯމަތިން ހިނގާފައިގޮސް ގޭގެ ފަހަތުގައި އޮތް ބޮޑު މައިދާނެއް ވަރުގެ ތަނުގައި ހުރި ބެންޗެއްގައި އިށީދެ ސިގްރެޓެއް ރޯކޮށްލިއެވެ. ދަންވަރު އެގަޑީގައި އެކަނިމާއެކަނި އެ ގަދަފިނީގައި ގަސްތަކުގެ ތެރޭ އިން މަންޒަރު މީހަކަށް ފެނިއްޖެނަމަ ބިރުވެސް ގަންނާނެއެވެ. އަދި ސިގްރެޓްގެ ހުޅުކޮޅާއެކުގައި ހިޔަންޏެއް ފަދައިން އަސްލަން ފެންނާން އިނުމުންނެވެ. *** ހާރިސް އާއި ޚައިރާ އެކީގައި ތަހައްޖުދު ނަމާދުކޮށް ނިމިގެން ޚައިރާ ރަޖާގަނޑުތެރޭ ބޮނޑިވެގަތެވެ. ހާރިސް ބިއްލޫރި ދޮރުން ބޭރަށް ބަލައިލުމާއެކު މާކް ކްރޯފޯޑްމެންގެ ބަގީޗާތެރޭގެ މަންޒަރު ރީތިކޮށް ފެނުނެވެ. އެގަޑީގައި ދިގު ގޮނޑިއެއްގައި އިށީދެލައިގެން އިން މީހަކަށް ވިސްނުންތެރިކަމާއެކު ބަލައިލުމުން އަސްލަންކަން ދެނެގަނެވުނެވެ. "އަހަރެމެން ފަހަތުން އައީ އަސްލަންތަ؟ކީއްވެ މިހާ ފިނީގައި ބޭރުގައި؟" ހާރިސްގެ ހިތް ނުތަނަވަސްވިއެވެ. "އައިމް ފްރީޒިން ހަބީބީ. ދޮރު ނުހުޅުވާ އާދެބަލަ ކުޑަކޮށް ނިދައިލަން......."ޚައިރާ މޫނުމަތިން ރަޖާނެގިއެވެ."ކޯންޗެއް ފެނުނީ؟" "ގާޑަންއަށް ބަލައިލީ." "ސްނޯ ވެހޭ ރޭތަކުގައި ޖިންނިންތައް ގަސްތަކުގެ ތެރޭގައި ފިނިކޮށްލަން އައިސް އުޅޭނެ..ޖިންނިއެއް ފެނުނުތަ؟" ޚައިރާގެ ގާތަށް އައި ހާރިސްގެ މޫނަށް ބަލަމުން ޚައިރާ ހިނިތުންވެލިއެވެ. "އެކަހަަލަ ގޮތެއްކަން ނޭގޭ.."ހާރިސް ހީލިއެވެ. "އޯ މައި ގޯޑް. ސީރިޔަސްކޮށް ދޮންބެ ގާޑްން ތެރޭ ހުރީ؟މިއޮތް ފިނި ރޭގައި.." ހީކަރުވައިގެން ރޫ ރޫ އަޅަން އޮތް ކުއްޖާ އެނދުން ފުންމާލައިގެން ގޮސް ދެވަނަ ސިކުންތުކޮޅު ހުރީ ކުޑަދޮރު ހުޅުވާލައިގެންނެވެ.ޚައިރާ އެހެން ވިސްނައިގަތްގޮތެއްވެސް ނޭގެއެވެ. ބައެއްފަހަރު "ސައިކިކް"ހެން ހީވާފަދަ ގޮތަކަށް މިފަހަކަށް އައިސް ޚައިރާ އުޅެއެވެ."ހޭއި.....އަ...ސް....ލަން......." ޚައިރާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ."ޑޫ ޔޫ ހޭވް އެ ޑެތްވިޝް؟" "އެހިސާބަށް އަޑެއްނުފޯރާނެ...."ހާރިސް ދޮރު ލައްޕާލިއެވެ."ޚައިއަށް މާ ބޮޑަށް ފިނިވެދާނެ. އަސްލަން ބޯ ހަމަޖައްސައިލަން ނުކުތީކަމަށްވާނީ. ސުއިސައިޑްވާވަރަށް އޭނަ ނާއުއްމީދުވާނެހެން ހިޔެއްނުވޭ. އެއަށްވުރެ ވިލްޕަވާ ހުރޭކަން ނޭގޭ...." "އަހަންނަށް އެނގޭ. ދޮންބެ އަދިވެސް ސިއާރާއާއިހެދި އުޅެނީ. އަލާނާ އާއި ދެމީހުންނަށްވެސް އެކައިވެނިން އުފަލެއްނުލިބޭ. އެހާވަރުން ދޮންބެ އަލާނާއާއި ކައިވެނިކުރީ ކޮން ބޭނުމަކުކަން އަދިވެސް ނޭގުމުގެ ތެރޭގައި މިވަނީ. އެނގޭހާ އެއްޗަކީ ދޮންބެއާއި އަލާނާގެ ދޭތެރޭ ލޯބި މިކިޔާ އެއްވެސް އެއްޗެއް ނެތްކަން. ބީރައްޓެއްސަކާއިއެކު ކޮޓަރިއެއް ހިއްސާކުރުންފަދަ ކަމެއްހެން ހީވޭ. އަލާނާ ކިތަންމެ ވަރަށް ސިއްރުކުރިޔަސް އެގެއަށް ގޮސްއުޅޭއިރު ފެންނަ މަންޒަރުތަކުން އެދެމީހުންގެ އެއްވެސް ގުޅުމެއްނެތްކަން އެނގޭ. ވަރަށް ދެރަ. ދޮންބެއަށް ހުރިހާ އެއްޗެއް ލިބުނަސް ރޫހާނީ ހިތްހަމަޖެހުމެއް ނުލިބޭ..ވަރަށް ދެރަ.........." "ޚައި. ޚައި...ހަނދާން ނައްތައިލީތަ؟ ﷲ ސުބުހާނަހޫވަތައާލާ ކޮންމެ ކަމަކަށް ކުޅަދުންވަންތަ. ހިތާމަކުރުމަކީ މައްސަލަތަކުގެ ހައްލެއްނޫން. ސްޓްރެސްއިން ހަށިގަނޑު ފަސާދަވެދާނެ. ލޯބިވާ މީހުންނަށް ގިނަގިނައިން ހެޔޮ ދުޢާކުރޭ..އެއަށްވުރެ އަގުހުރި ހަދިޔާއެއް މީހަކަށް ނުދެވޭނެ..އެކަމަކު އަސްލަން އަލާނާއާއި ކައިވެނި ކުރީ އެހެން ނިޔަތެއްގައި ކަމުގައިވާނަމަ އެންމެ ރަގަޅުވާނީ އަލާނާ ދުރަށް ދިޔުން....." "ދޮންބެ އެ ކައިވެނި ކުރީ ސިއާރާގެ މަތިން ހަނދާން ނައްތާލަން. ސިއާރާފަދައިން ނިގާބީގާލްއަކާއި ކައިވެނިކުރި ސަބަބަކީ އެއީކަން ނޭގޭ. އެކަމަކު އެވަރުންވެސް ހަނދާން ނުނެތުނީކަމަށްވާނީ.އަލާނާއަކީ ރަގަޅު މާތްކުއްޖެއް. އެހާ ރީތި. ތައުލީމީ ކުއްޖެއް. ކޮންކަމެއް ފުރިހަމަ ނުވެގެން ދޮންބެ ލައިކް ނުވެގެން އެއުޅެނީ؟އައި ވިޝް ދޮންބެ އިސްލާހު ވާނެ ނަމައޭ. އަލާނާގެ މޮޅިވެރި މޫނު ފެނުމުން ވަރަށް ދެރަވޭ. ރޮއިފަ ހުންނަހެންވެސް ހީވޭ. މިއަދުވެސް ހާރިސް މަންމަ ބުނި އަލާނާ ހުމާއި އުޅޭ ވާހަކަ..މޭﷲ ބްލެސް ހާރ.............." "ޚައި. އަލާނާއާއި ވާހަކަދައްކާލަންވީނު. މަންމަ ކައިރިއަށް ވިޒިޓްކުރަން ގޮސްފައި ޑިވޯސްއަކަށް އެދެވިދާނެ. ކޮންމެހެން އުފާވެރިކަމެއްނެތް ކައިވެންޏެއްގައި ބަދެވިގެން ހުންނަން ދީނަކުވެސް ނޯވޭ. ހައްގުތައް އަދާނުކުރެވެންޏާ ވަކިވުން އެންމެ ރަގަޅީ......ޚައި ދެން ނިދާލާ.."ހާރިސް ކުރިއަށްވުރެ ބޮޑަށް ބޮކީގެ އަލި ފަނޑުކޮށްލުމުން އަނދިރިކަމުގެ ތެރެއަށް ކޮޓަރި ގެނބުނެވެ. ހަމައެކަނި އަލިފާނުގެ ފަނޑު އަލިކަމެއް ފިޔަވާ އަނދިރިކަން ވެރިވެފައިވާއިރު ހިމޭންކަމާއެކު ސްނޯވެސް ފައިބަމުން ދިޔައީ ދުނިޔޭގެ ހަޑިތަކާއި މިލަތައް ދޮވެލުމުގެ އަޒުމްގައެވެ. *** މާމައާއި ކާފަ ބޯ ކެހެރި ހެދުންތަކުގައި ތިބެ ބޭރަށް ނުކުތީ މަޖާކޮށްލުމަށެވެ.ސްނޯބޯޅަ ކުޅެ އެކަކު އަނެކަކު ފަހާ ދުވުނީ ޅަ ދުވަސް އައިސްގެން އުޅޭފަދައިންނެވެ. ސިއާރާއާއި އެލިޔަސްވެސް ދޭތެރެއަކުން އެ މަޖަލާއި ބައިވެރިވެ އެކީ ސެލްފީ ނަގާ ވީޑިއޯތައްވެސް ފޯނުގައި ރައްކާކުރިއެވެ. މާމަމެންނަށް މާ ބޮޑަށް ފިނިވާންފެށުމުން އަލިފާން އަންދާތަނުގެ ކައިރީގައި ދެބޯ ޖެހޭހާ ގާތުގައި އިށީދެލައިގެން ތިބެ ފާތިހާ ސޫރަތް ދަސްކުރާން މުސްހަފް ހުޅުވިއެވެ. ފޮންޓް ބޮޑުކަމުން ކިޔަން ފަސޭހަވެފައި އިނގިރޭސިން ތަރުޖަމާހުރުމުން މާމަމެންނަށް އެންމެ އެކަށީގެންވާ މުސްހަފް ކަމުގައިވިއެވެ. ދެމީހުން އެގޮތަށް ކިޔަވަން ތިބުމުން ހާދަ ލޯތްބޭ ހިތަށް އެރިއެވެ. މުސްކުޅި އުމުރުގައިވެސް ހިދާޔަތް ލިބުނުކަމީ ނިއުމަތެކެވެ. ދުނިޔެއިން ފެންނާނެ އެންމެ ހުވަފެނީ އެއް މަންޒަރެވެ. ކުއްލިއަކަށް ސިއާރާގެ ބަނޑަށް ތަދެއްްއެރިއެވެ. އެ ތޫނު ތަދުގެ ސަބަބުން ކަންބޮޑުވުމާއެކު އަވަސްވެގަނެވުނީ އެލިޔަސް ހުރިތަނެއް ހޯދުމަށެވެ. އެލިޔަސް ގުރުއާން ކިޔަވަން އިނދެފައި އިސްއުފުލައިލިއެވެ. "އައިމް ނޮޓް ފީލިން ގުޑް....." "ވަޓް ހެޕެންޑް ހަބިބްތީ............."އެލިޔަސް ޚަތިމް ރީތިކޮށް ޝެލްފްމަތީގައި ބާއްވާފައި ގާތަށް އައެވެ. ސިއާރާގެ ހާލަތު އޮޅުން ފިލުމާއެކު ދެވަނަ ވިސްނުމަކަށް ނުގޮސް ގަސްތުކުރީ ޓައުންއަށް ދިޔުމަށެވެ. ސްނޯގެ ތޫފާނާއެކު އެމީހުން މިތާ ހައްޔަރުވެއްޖެއްޔާ ސިއާރާއަށް ދެރަގޮތެއްވެދާނެއެވެ. ސިއާރާއާއި ދަރިފުޅުގެ ސަލާމަތަށް ވުރެ މުހިއްމު އެއްވެސް ކަމެއް ދުނިޔެއަކު ނެތެވެ. ހާރިސްއާއި ޚައިރާވެސް އަވަހަށް ހޮސްޕިޓަލަށް މިސްރާބުޖެހިއެވެ. ސްކޭންހެދިއިރު ދަރިފުޅުގެ ހާލު ރަގަޅެވެ. "މިވީގޮތުން ހާރިސްމެން ގޭގައި މަޑުކޮށްލާނީ...." "އެކަމަކު ވަޓް އެބައުޓް ޔޫ؟" "މިވަގުތު އަހަރެމެން ދަރިފުޅާއިމެދުވެސް ވިސްނަންޖެހޭ. ﷲއަށް ވަކީލުކޮށްފައި ދުނިޔެއާއި ކުރިމަތިލާން ޖެހޭ ދުވަސް އަތުވެއްޖެ. އަބަދަށް ފިލައިގެން ނޫޅެވޭނެ. ޖެހޭ ކޮންމެ މުސީބާތަކަށް ތައްޔާރުވެގެން ހަޔާތުގެ ދަތުރުގައި ނިކުންނަންވާނީ ދޯ...."އެލިޔަސްގެ ރީތި ދެލޮލުން ފެނުނު ސާބިތުކަމާއި ހިތްވަރުން ސިއާރާއަށްވެސް އުފާވެރިކަން ލިބުނެވެ. އަސްލަންވެސް މުސްލިމްވެ ހަޔާތުގެ ބައިވެރިޔެއް ހޯދައިގެން ދިރިއުޅުމެއް ފަށާފައިވާއިރު އޭނަގެ ފަރާތުން އުދަގުލެއް ކުރިމަތިވެދާނެކަމަށް ހީކުރެވުމަކީވެސް މޮޔަކަމެކެވެ. *** އެރޭ ސްނޯ ފައިބަންފެށީ ދުވަހަކު ހުއްޓައިލަން ބޭނުންނުވާފަދަ ގޮތަކަށެވެ. ކަންނެތްގޮތަކަށް ފެށުމަށްފަހު ފަޒާތެރޭގައި ސްނޯގެ މިލިއަން އެތިކޮޅުތައް ނަށަންފެށިގޮތަށް އެތައް އިންޗިއަށް ސްނޯ އޮއްސާލައިފިއެވެ.ފުރާޅުތަކާއި ކާރުތަކާއި ގަސްނބޮޑިތައް ބައްތި ދަނޑިތަކާއި ފެންސްތަކާއި ހުރިހާ އެއްޗެއްގެ ބައްޓަމާއި އެއްގޮތަށް ސްނޯގެ ބޯފަށަލައެއްލެވި ހަށިގަނޑަށް ލިބޭފަދަ ފިނިކަމެއް ލޮލަށްވެސް ލިބެއެވެ. އަޖައިބުވެ އާޝޯޚުކުރުވާވަރަށް އެ ޝަހަރަށް ސްނޯފައިބާ މުޅި ރަށް ސްނޯ ތެރޭ ވަޅުލައިފިއެވެ. ބައެއް ސަރަހައްދުތަކުގައި މީހުން ގޭގައި ބަންދުވެ ނުނިކުމެވިފައި ތިބެން ޖެހުނެވެ. ކޮންމެ ދިމާލަކުން ފެންނަނީ ސްނޯ ފުންޏާއި ފިނި ބޯ އޮމާން ހުދު ދޫލައެއްހެން ފެތުރިފައިވާ ސްނޯއެވެ. އެރިކް ޑްރައިވްވޭއިން ސްނޯ ކަހަން ނިކުމެ އޮތްވާ ކެތްރީން ދޮރުމައްޗަށް އެރިއެވެ. "ދަރިފުޅު ފިނީގައި ކޮންކަމެއް؟ ފްލޫގަނޑު ޖެހިއްޖެއްޔާ ކިހާދެރަ. އަދިވެސް އަލާނާ ބަލިކޮށް އެއުޅެނީ. މިހާރުވެސް ހުންގަދަކަމުން ބޭސްދީފައި މަންމަ މިއައީ..." އަލާނާގެ ނަން ކިޔުމާއެކު އެރިކްގެ ހިތް ހުއްޓޭފަދަ ގޮތެއްވެ ލައްކިއެއްޖެހިއެވެ. "ސުބުހާނަﷲ...." "ކިހިނެއްވީ އެރިކް؟" "ކަމެއްނުވޭ މަންމާ.މިހާ ފިނިއިރު ޝޮވެލް ކުރަން ހަދައިގެން ކުޑަކޮށް އަތަށް ތަދުވެލީ............"މަންމައަށް ހިތުގެ ހާލަތު ބޭޒަރުވެދާނެތީ އަނެއް ފަރާތަށް އެނބުރުނުއިރު އޭނަގެ މޫނަށް ރަތްކުލަ ފެތުރިއްޖެއެވެ. "ގޯޑް ބްލެސްޔޫ ސަން. މީހަކު ބުނެގެނެއްނޫން. ދަރިފުޅު އަމިއްލައަށް އިސްނަގައިގެން ސްނޯ ކަހަން ތިއޮތީ. އެކަމަކު ކޮންމެވެސް މީހަކު މިކަންވެސް ކުރަން އެބަޖެހޭ ނޫނީ ގޭގައި ތާށިވެފައި ތިބެން ޖެހޭނީ. މަންމައާއެކު ގްރޯސަރީއަށް ގެންދަން ބަލައިލިއިރު އަދިވެސް އަލާނާގެ ހުން ވިހެލިކަމަކަށް ނުވޭ..އެރިކް މަންމައާއެކު ދާންވީނު. "ކެތްރީން ކޯޓު ގަޔަށް މަހައިލިއެވެ. ކުއްލިއަކަށް ކަޅުކޯޓުތަކުގައި ފޮރުވިގެން ތިބި ދެއަންހެންކުދިން މަޑުމަޑުން ހިނގާލާފައި އަންނަތަން ފެނުމުން ކެތްރީންއާއި އެރިކްއަށް ބަލަހައްޓައިގެން ތިބެވުނީ ލޮލަށް ފެންނަ މަންޒަރު ގަބޫލުނުކުރެވިފައިފަދަ ގޮތަކަށެވެ. ސިއާރާގެ ހިނގުން ކެތްރީންއަކަށް ނޯޅޭނެއެވެ. "ދަރިފުޅު.....ސިއާރާ..."ކެތްރީންއަށް ދުއްވައިގަނެވުނެވެ. ސިއާރާވެސް އޭނަގެ މަންމަގެ މޭގައި ބޮނޑިވެލުމާއެކު އެސްފިޔަތައް ފޫދުއްވާލާފައި ކަރުނައިގެ ސައިލެއް އޮހިގަތެވެ. "ސިއާރާ އައީތަ؟ ހާދަ ދިގު އިންތިޒާރެކޭ......" "މާމައާއި ކާފަވެސް އެބަތިބި..." "އެންމެންގެ ހާލު ރަގަޅުތަ؟ " އެރިކްވެސް ސިއާރާގެ ގައިގާ ކުޑަކޮށް ބައްދައިލިއިރު ފުރަތަމަފަހަރަށް ބޭބެއެއްގެ އިހުސާސް ސިއާރާއަށް ކުރެވުނެވެ. ބާޒާރުކުރަން ދިޔުމުގެ ޚިޔާލު ދޫކޮށްލާފައި ކެތްރީން އަވަސްވެގަތީ އޭނަގެ މައިންބަފައިންނާއި ބައްދަލުކުރަން އަމިއްލަގެއަށް ދިޔުމަށެވެ. އެރިކްއާއި ކެތްރީން އެގެއަށްގޮސް އެންމެން އެކީ އެކަކު އަނެކަކަށް ސަލާމްކޮށް ރޮއި ޖަޒުބާތީ އެކުވުމަކަށްފަހު ކެއުމަށް އިންސާފުކުރަން ސުފުރާގައި އިށީނެވެ. ސިއާރާގެ ފިރިމީހާވެސް ކެތްރީންއަށް ތައާރަފުކޮށްދެވުނެވެ. އެހެން މީހުން ނިރުބަވެރިއެއްގެ ގޮތަށް ދެކޭތީ ސިއްރުކޮށްދޭން އެރިކްއާއި ކެތްރީންގާތުން ހާރިސް އެދުނެވެ. ކެތްރީން ބުނީ އަމިއްލަ ދަރިންނަށް ދެރަގޮތެއްވާން ބޭނުންނުވާ ކަމުގައެވެ. ކޮންމެ ދީނެއް ޚިޔާލެއް ފިކުރެއްވިޔަސް ދަރިންނާއި މައިންބަފައިންގެ އޮތް ގުޅުން ވަރުގަދަކަމަށް އޭނަ ގަބޫލުކުރެއެވެ. އެންމެން އެކީ ފެނުމުން މިއަދު ކެތްރީންގެ ހަޔާތުގައި އުފާނުވާވަރަށް އުފާވެރިކަން ލިބިއްޖެއެވެ. ހާރިސް އެވަގުތުވެސް އޭނަގެ މަންމައަށް ދީނަށް ދައުވަތު ދިނެވެ. ކެތްރީން ހިނިތުންވުމާއެކު ބުނީ ދީން ދަސްކުރަމުން ދާކަމަށެވެ. *** އަސްލަން ފުން ނިންޖަކުން ތެދުވުނުއިރު ކޮންމެވެސް ވަރަކަށް ފިނީގެ އުދަގޫތައް އިހުސާސްކުރެވި ހީކަރުވާގޮތްވިއެވެ. އޭނަގެ ތަބީއަތުވަނީ ކަޅުވެ ފޫހިކަން ޚިޔާރުކޮށްފައެވެ. ދޮރު ފަރުދާތައް ކަހައިލިއިރަށް ކުރިމަތިން ފެންނާން އޮތީ ސްނޯގެ ދުނިޔެއެކެވެ. ފިނިކަމާއިއެކު އަނދިރިކަން އޭނަގެ ހިތުގެ ހާލަތާއި ގުޅެއެވެ. ކަންނެތްކަމުން އެނދުން ހިއްލައިލަން ބޭނުންނުވެ އޮވެފައިވެސް ކުރަން ޖެހޭ މަސައްކަތެއް ހަނދާންވުމުން ބޯ ރަޖާގަނޑު ދުރުކޮށްލާފައި އަވަސްވެގަތީ ބޭރަށް ދާން ތައްޔާރުވުމަށެވެ. އަސްލަން އާއި ސިޓިން ރޫމުން ބައްދަލުކުރީ އޭނަގެ ބައްޕަ މާކް އެވެ. "މޯނިން ޑޭޑް...." އަސްލަން ކުޑަކޮށް ކުރެހިފައިވާ އަޑަކުން ސަލާމްކޮށްލިއިރު އެމޫނުމަތީގައި އުޖާލާކަމެއްނެތެވެ. ދުނިޔޭގެ ހުރިހާ ރިހުމެއް ލޮލުތެރޭ ފޮރުވައިގެން ހުރިފަދަ ހިތާމަވެރި ދެލޮލެވެ. މާކްގެ ހިތް ގެނބުނެވެ. "ދަރިފުޅަށް އެނގޭތަ؟" "ކޮންކަމެއް ބައްޕާ....."އަސްލަން ސިޑީގެ ފަތްތަރުމަތިން ތިރިއަށް އެރިގެން އައިސް މާކްގެ ގާތުގައި ސޯފާގައި އިށީނެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ