ރައީސް ސޯލިހަށް ކަމެއް ނުކުރެވެއޭ ބުނަން ލަދު ގަންނަންޖެހޭނެ: ގާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމެއް ނުކުރެވެއޭ ބުނަން ލަދުގަންނަން ޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު ށ. ކޮމަންޑޫގައި ބޭއްވި އެ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކޮވިޑްގެ ނުރައްކާތެރި ހާލަތާ ހެދި މަޝްރޫއުތައް ކުރިއަށް ގެންދަން އެންމެ ދަތިވި ދުވަސްވަރުވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ސަރުކާރަކުން މަޝްރޫއުތައް ކުރިއަށް ނުގެންދާވަރަށް ކޮވިޑްގެ ހާލަތުގައި ރައީސް ސޯލިހު ތަރައްގީގެ މަޝްރުއުތައް ކުރިއަށްގެންދެވި ކަމަށެވެ. "ރައީސް ސޯލިހަށް ވެރިކަން ކުރަން އެ ލިބިވަޑައިގަތީ އަދި އެންމެ އަހަރެއް އިނގޭތޯ. އޮންލީ ވަން އިޔާ،" ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ އެއް އަހަރުތެރޭގައި މި ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތައް ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ބަލި މަޑުކަމެއްގެ ތެރޭގައި ސަރުކާރުން މަޝްރޫއުތައް ހިންގާލެއް ލަހޭ ކިޔައި ފާޑު ކިޔުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. "ލަސްވެއްޖޭ، ފަސްވެއްޖޭ، މީނާއަށް ކަމެއް ނުވިއޭ ކިޔަން ލަދުގަންނަން ޖެހޭ. ސަރުކާރު މާ ސްލޯލޭ، މާ ދިޔޮޅި ދިގީއޭ އެކި ފާޑު ފާޑު ވާހަކަ ދައްކާނެ. އަޅުގަނޑުމެންގެ އޮޕޮޒިޝަންގައި ތިބި ބަޔަކު އަބަދުވެސް އެ ވާހަކަ ދައްކާނެ،" ގާސިމް ވިދާޅުވިއެވެ. ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ފޯރި އެ ދާއިރާގައި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ޕާޓީތަކުގެ އިސް ބޭފުޅުން މިހާރު ވެސް ތިއްބެވީ އެ ދާއިރާގެ ރަށްތަކުގައެވެ. އެ ރަށްތަކުގައި ބާއްވާ ކެމްޕޭން ޖަލްސާތަކުގައި ޕާޓީތަކުގެ މެދުގައި ބަހުގެ ހޫނު ހަމާލާތަކެއް ބަދަލުކުރެއެވެ. މާލޭގައި ވެސް ކޮމަންޑޫ ދާއިރާގެ ހަރަކާތްތައް ފޯރިއާއެކު ޕާޓީތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމާއި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ މާލޭގައި ދިރިއުޅޭ ކޮމަންޑޫ ދާއިރާގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ