ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އިއްވެވި ރިޔާސީ ބަޔާނުގަ ގައުމުގެ ހާލަތު އެކަށީގެންވާ ގޮތެއްގަ ބަޔާންކޮށްފައި ނުވާ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެމްބަރުން ތިއްބޭ ޕާޓީތަކުގެ ފަރާތުން އެ ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި އިއްވަވަންވާނެ ކަމަށެވެ.
އެގޮތުން ރައީސް އިއްވެވި ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު ސަލީމް ވަނީ ޖަވާބުދާރީވެފައެވެ. ސަލީމް ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތަށް ރިޢާޔަތްކޮށްފައިނުވާ ޚިޔާލީ ވާހަކަތަކެއް އެކުލެވޭ ބަޔާނެއް ކަމަށެވެ.
އަދި ރިޔާސީ ބަޔާނުގެ ނަމުގަ 2020ވަނަ އަހަރު ރައީސް ސާލިހް ދެއްވީ ސިޔާސީ ބަޔާނެއް ކަމަށާއި އެ ބަޔާނުގައި ވަނީ ނަތީޖާ ނުނެރެވޭ އެއްވެސް ރޭވުންތެރިކަމެއް ނެތް ވާހަކަތަކެއް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން މުޖްތަމައުގެ ތެރެއަށް ދޫކޮށްލުމާއި އެމީހުން އިސްލާހު ކުރުމަށްޓަކައި ކުރައްވާނެ ކަންކަން ރިޔާސީ ބަޔާނުގައި ހިމެނިފައި ނެތުމުން، އިސްލާމް ދީނުގެ ޙިމާޔަތުގައި ސަރުކާރުން މިހާތަނަށްވެސް އަދި ކުރިމަގުގައި ވެސް މަސައްކަތެއް ނުކުރާނެކަން ބަޔާނުން ހާމަވާ ކަމަށްވެސް މެމްބަރު ސަލީމް ވިދާޅުވިއެވެ.
އަދި ސަރުކާރުން ދަނީ އިސްލާމްދީނުގެ ހުރުމަތް ކެނޑޭފަދަ ކަންކަމަށް ހިތްވަރު ދެމުންކަން ފާހަގަކޮށް ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.
މަލްޓިޕާޓީ ޑިމޮކްރަސީގައި ވާދަވެރި އިދިކޮޅު ޕާޓީއަށާއި އިދިކޮޅު ލީޑަރަށް އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް އުފެއްދުމުގެ ބަދަލުގަ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވާދަވެރި ފަރާތްތަކުގެ އަޑު ކަނޑުވާލާ ހުރަގެއަށްލާ ބަންދު ކުރުމަށް ކަމަށް ސަލީމްގެ ވާހަކައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސަލީމް ވަނީ ދިވެހި ރައްޔިތުން ހަރުއަޑުން މިއަދު ގޮވަމުންދަނީ އިންޑިޔާގެ މިލިޓަރީ ސިފައިން މިގައުމުން ބޭރުކުރުމަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ހުއްދައެއްނެތި، ރައްޔިތުންގެ ހުއްދައެއްނެތި ޑިފެންސް މިނިސްޓަރަކަށްވެސް، ރައީސުލްޖުމްހޫރިއްޔާއަކަށް ވެސް، މިފަދަ ކަމެއްކުރުމުގެ ބާރެއް ގާނޫނުއަސާސީން ލިބިދީފަނުވާ ކަން ފާހަގަކުރައްވާފައެވެ.
ސަލީމް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައުމަށްފަހު ރާއްޖެ އަޅުވެތިކަމުގެ ތެރެއަށް ވައްޓާލުމަށްޓަކައި ކުރި އެންމެ ޣައްދާރު އެއްކަމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި ދޮންބަންޑާރައިންނަށް ނިސްބަތްވާ ދައުލަތުގެ އެންމެ މަތީ ޝަރަފު، މުސްލިމުންގެ ލެއިން ތަތްތެޅިފައިވާ މީހަކަށް ދިނުން ކަމަށެވެ.
ރިޔާސީ ބަޔާނުގަ ގައުމުގެ ހާލަތު އެކަށީގެންވާ ގޮތެއްގަ ބަޔާންކޮށްފައެއް ނުވޭ: މެމްބަރު ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ