ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ބޮޑު ކެމްޕެއިނެއް ފަށައިފި

ކުރީގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުންނެވި ރައްޔިތުންގެ މަޖިޅިހުގެ ރައީސްގެ މަގާމުން އެމަނިކުފާނު ދުރުކުރުމަށް ނުވަތަ އަމިއްލަފުޅަށް އިސްތިޢުފާ ދެއްވުމަށް އާންމުންގެ ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ބޮޑު ކެމްޕެއިނެއް ފަށައި، އެކަމަށް ޑިމާންޑު ކުރަން ފަށައިފިއެވެ.
ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވެފައި މިވަނީ، އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ފާހިޝް ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ލިވާތުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ވަކީލުކަމުގެ ހުއްދަ ހިފަހައްޓާފައިވާ މަޝްހޫރު ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ދިފާޢުގައި ތެދުވެވަޑައިގަތުމުންނެވެ. އަދި ނާޒިމް ދިފާޢުކުރެއްވުމަށް ވިދާޅުވި ވާހަކަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހްގެ އިސްތަށިފުޅުގައި ސާބިތު ނުހިފޭ ބޮޑެތި ތުހުމަތުތަކެއް އެޅުވުންވެސް މީގެ ސަބަބެއް ކަމަށް ވެއެވެ.
އެމަނިކުފާނު ތުހުމަތުކުރައްވާފައި ވަނީ ރައީސް ޞާލިހަކީ ރާބޮއެ، ޒިނޭ ކުރާ ބޭފުޅެއް ކަމަށެވެ. ނަމަވެސް މި ތުހުމަތުތައް ސާބިތު ކޮށްދެވޭނެ އެއްވެސް ހެއްކެތް ރައީސް ނަޝީދަށް ދެއްކިފައި ނުވެއެވެ. ރައީސް ޞާލިޙްގެ ތަރުޖަމާނު ވަނީ ރައީސް މިކަމުން ބަރީޢަވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި، އާންމުން އަންނަނީ ސޯޝަލްމީޑިއާގައި ރައީސް ނަޝީދު މަގާމުން ދުރުކުރުމަށް ރައްޔިތުން ބޭނުންވާކަން ހާމަކުރުމަށް އޮންލައިން ޕެޓިޝަނެއްގައި ވެސް ސޮއިކުރަން ފަށާފައެވެ.
މީގެ އިތުރުން، އެމްޑީީޕީގެ އިސް ލީޑަރު އަދި ރައީސް ޞާލިހްގެ އިސްތަށިފުޅުގައި އެއްވެސް އަސާސެއްނެތް ބޮޑެތި ތުޙުމަތުތަކެއް އަޅުއްވައި ދެއްކެވި ވާހަކަތަކުން ނުރުހުންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމަނިކުފާނު ދުރުކުރުމަށް އެމްޑީޕީގެ ތެރެއިން ވެސް ވަނީ މަސައްކަތް ފަށާފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ދުރުކުރަން މަސައްކަތް ކުރަން ނިންމާފައިވަނީ މަޖިލިސް ޖަލްސާތައް ފެށުމާއެކުއެވެ.
މި މަސައްކަތް ފެށްޓެވި ބޭފުޅުންގެ އަމާޒަކީ އެމްޑީޕީ ކޮންގްރެސްގެ ކުރިން ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީީސްގެ މަގާމުން ވަކިކުރުމެވެ. އެއަށްފަހު އެޕާޓީގެ ކޮންގްރެސްގައި ނަޝީދު ޕާޓީގެ ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް ކުރާނެކަމަށް ވެއެވެ.
ރައީސް ޞާލިހް އަންހެނަކާއެކު ޒިނޭކުރާ ފޮޓޯތަކެއް ލިބިފައިވާ ކަމަށާއި، އެ ފޮޓޯތައް ފުލުހަށް ފޮނުވަންވީތޯ ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް މުހައްމަދު ނަޝީދު ގިނަ މެސެޖުތަކެއް ފޮނުވުމާއެކު މެންބަރުންގެ ސުވާލުތަކާއި ނުރުހުން ނަޝީދަށް އަމާޒުވިއެވެ.
ޤައުމުގެ ވަލީއުލްއަމުރުގެ ބޮލުގައި އެފަދަ ބޮޑު ތުހުމަތުތަކެއް އެޅުވުމާއެކު އެމްޑީޕީގެ އިސްފަޑީގައި ތިއްބެވި ބޭފުޅުން ވަނީ އެކަމުގެ ތެދުދޮގު ހާމަކޮށްދިނުމަށް ނަޝީދު އަރިހުގައި އެދިފައެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ފަހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ