"ސޭޓު" ކިޔާތީ ގާސިމް ރުޅިގަދަވެއްޖެ

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ނިސްބަތްކޮށް "ސޭޓު" ގެ ނަމުން މުހާތަބުކުރާތީ އޭނާ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ. އާމްދަނީ ޓެކްސް ނެގުމުގެ ބިލުގެ ބަހުސް މަރުހަލާގައި މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތްވާ ބަޔަކު އޭނާއަށް ނިސްބަތްކޮށް "ސޭޓު" ނުވަތަ "މަހުޖަނު" ކިޔުމަކީ އާންމު ކަމަކަށްވެއްޖެ ކަމަށެވެ. އަދި އެހެން ކިޔާމީހުންނަަށް ވަނީ ކީއްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ. "އަޅުގަނޑު ހިތައް އަރަނީ މި ކީއްތޯއޭ މި ވަނީ. ދުނިޔޭގައި ގައުމެއް ކުރިއަރާ ދަނީ އެތަނެއްގައި ތިބި ތަނަވަސް މީހުންނާއި މުއްސަނދިކަން އިތުރުވެގެން ދަނީ މިދެންނެވި ގޮތަށް ތަނަވަސް މީހުންތަކެއް ތިބެގެން." ގާސިމް އިބްރާހިމް ވިދާޅުވި އެވެ. ޓެކްސްއެއްވެސް ނެގޭނީ ތަނަވަަސް އަދި ފައިދާ ލިބޭ ކުންފުނިތަކެއްވެސް ހުރެގެން ކަމަށް ގާސިމް ވިދާޅުވި އެވެ. "މި ކޮން ވާހަކައެއްތޯ މި ދައްކަނީ. ބައެއްގެ ސިކުނޑިއަށް ވައްދައިދޭން. މުއްސަނދިންނޭ މަހުޖަނުންނޭ. ދެފަހަރުން އެއްފަހަރު އިރުކޮޅަކުން މިވަހަކައެއް މިދައްކަނީ. ސޭޓުންނޭ. މިވާހަކައެއް މި ދައްކަނީ ކޮން ކަމަކާ ހެދިތޯއޭ އަޅުގަނޑު ހިތައް އަރަނީ." ގާސިމް ވިދާޅުވި އެވެ. ސޭޓުގެ ނަމުން އޭނާއަށް ދިމާލަށް މުހާތަބު ކުރުމަކީ "ޖޯކަކަށް ނޫނީ ނުވޭ" ކަމަށް ގާސިމް ވިދާޅުވި އެވެ. އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ގާސިމަށް ނިސްބަތްކޮށް ސޭޓު ކިޔުމަކީ އާންމު ކަމެކެވެ. އަދި ސޯޝިއަލް މީޑިއާގައިވެސް އެމްޑީޕީގެ އެކްޓިވިސްޓުން އެހެން ކިޔާ އުޅެ އެވެ. މީގެ ކުރިންވެސް ގާސިމް ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ