ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ހިލާފްވެފައި ވާކަމަށްބުނާ މައްސަލަ ޖުޑިޝަރީ ކޮމިޓީން ބަލަނީ

ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ހިލާފަށް ނިންމި ކަމަށްބުނާ މައްސަލަތަކާބެހޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ގެ ރިޕޯޓްގައިވާ ކަންތައްކަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައި މިއަދު ގޮތެއް ނިންމަން ތާވަލް ކޮށްފިއެވެ.
އެ މައްސަލަ ކޮމިޓީއަށް ތާވަލް ކޮށްފައިވަނީ މިއަދު 11:00 ގައި ބާއްވާ އެ ކޮމިޓީގެ ބއްދަލުވުމަށެވެ.
ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ގާނޫނުއަސާސީއާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާކަމަށް ބުނެ އެކަމުގައި ބައިވެރިވެ ވަޑައިގެންނެވި އެ ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ޖޭއެސްސީ ދާދިފަހުން ވަނީ ބަލަން ފަށައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މައްސަލަތައް ބެލުމަށް ޖޭއެސްސީން އެކުލަވާލި ކޮމިޓީން ތައްޔާރުކުރި "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނުއަސާސީއާ ހިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް"ގައި ހިމެނޭ މައްސަލަތަކާ ގުޅިގެން ބަލަމުން ގެންދަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ޖޭއެސްސީގެ ރައީސް އަދި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލައެކެވެ.
އެ މައްސަލަތަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސުލޫކީ ފިޔަވަޅެއް އެޅުމުގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން، ނިންމައި އެ ބޭފުޅުންނަށް ކަމާބެހޭ ލިއުންވެސް ފޮނުއްވެވިއެވެ.
ނަމަވެސް އުއްތަމަ ފަނޑިހާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު ވަނީ ޖޭއެސްސީން ފޮނުވި ނަސޭހަތުގެ ލިޔުން ބަލައި ނުގަނެ އަނބުރާ އެ ކޮމިޝަނަށް ފޮނުއްވާ ލައްވައިފައެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމްތަކާބެހޭ އެއްވެސް މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުބެލޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ