ލެސްޓާއިން ޖެހި 9 ގޯލާއެކު ތާރީހުގެ ތެރެއަށް

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ސައުތްހެމްޓަން ކޮޅަށް ނުވަ ލަނޑު ޖަހައި، ލެސްޓާ ސިޓީއިން ގިނަ ރިކޯޑުތަކެއް މުގުރާލައިފި އެވެ. ސައުތްހެމްޓަންގެ ދަނޑުގައި ކުޅުނު އެ މެޗު 9-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރުމާއެކު ލެސްޓާއިން ވަނީ އެންމެ ބޮޑު ތަފާތަކުން މޮޅުވި ޓީމުގެ ރިކޯޑާ ހަމަހަމަކޮށްފަ އެވެ. ލެސްޓާއާއެކު އެ ރިކޯޑު ހިއްސާ ކުރަނީ 1995 ވަނަ އަހަރު އިޕްސްވިޗް ޓައުންއާ ކޮޅަށް ހަމަ އެ ނަތީޖާ ނެރުނު މެންޗެސްޓަރ ޔުނައިޓެޑެވެ. ރަށުން ބޭރުގައި ޓީމެއް ހޯދި އެންމެ ތަފާތު ބޮޑު މޮޅު ނޮޓިންގްހަމް ފޮރެސްޓްގެ ދަނޑުގައި 1999 ވަނަ އަހަރު 8-1 އިން ހޯދި މޮޅާއެކު ޔުނައިޓެޑުން ދަމަހައްޓަމުން އައި ރަށުން ބޭރުގައި ކުޅުނު މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހިކަމުގެ ރިކޯޑު ވެސް ރޭގެ މެޗުގެ ނަތީޖާއަށްފަހު ލެސްޓާއިން ވަނީ މުގުރާލާފަ އެވެ. މިއީ އިނގިރޭސި ފުޓްބޯޅަ ލީގުގެ 131 އަހަރުގެ ތާރީހުގައި ވެސް ރަށުން ބޭރުގައި ކުޅުނު މެޗަކުން ޓީމެއް ހޯދި އެންމެ ބޮޑު މޮޅެވެ. އެއް މެޗުގައި ދެ ކުޅުންތެރިންގެ ހެޓްރިކެއް ރޭގެ މެޗުގައި ލެސްޓާގެ ޖޭމީ ވާޑީއާއި އަޔޯޒް ޕެރޭޒް ހެޓްރިކެއް ހެދިއިރު، މިއީ ޕްރިމިއާ ލީގުގެ މެޗެއްގައި ދެ ކުޅުންތެރިން ހެޓްރިކް ހެދި ދެވަނަ ފަހަރެވެ. މީގެ ކުރިން އެކަން ކޮށްފައިވަނީ 2003 ވަނަ އަހަރު އާސެނަލްގެ ރޮބަޓް ޕިރޭޒްއާއި ޖަމެއިން ޕެނަންޓް އެވެ. އެއް ޓީމު ކޮޅަށް ޖެހިޖެހިގެން ދެ މެޗުގައި ހެޓްރިކެއް ކުރިން ނިއުކާސްލްއަށް ކުޅުނު ޕެރޭޒް ވަނީ މިދިޔަ ސީޒަނުގައި ވެސް ސައުތްހެމްޓަން ކޮޅަށް ހެޓްރިކެއް ހަދާފަ އެވެ. ރޭގެ މެޗުގައި ހެދި ހެޓްރިކާއެކު އޭނާ ވަނީ ލުއިސް ސުއަރޭޒް ދަމަހައްޓަމުން އައި ރިކޯޑަކާ ހަމަހަމަކޮށްފަ އެވެ. 2012 ވަނަ އަހަރު ނޯވިޗްއާ ދެކޮޅަށް ލިވަޕޫލް ކުޅުނު ދެ މެޗުގައި ވެސް ސުއަރޭޒް ވަނީ ހެޓްރިކް ހަދާފަ އެވެ. ލެސްޓަރގެ ޕެރޭޒް: މިދިޔަ ސީޒަނުގައި ވެސް އޭނާ ވަނީ ސައުތްހެމްޓަން ކޮޅަށް ހެޓްރިކެއް ހަދާފައި-- ދެބަފައިންގެ ރިކޯޑުތަކެއް މީގެ އިތުރުން ރޭގެ މެޗުގައި ލެސްޓަރގެ ގޯލު ބެލެހެއްޓި ކެސްޕަރ ޝްމައިކަލްއާއި 1995 ވަނަ އަހަރު ޔުނައިޓެޑް 9-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓި ޕީޓަރ ޝްމައިކަލްއަކީ ދެބަފައިންނެވެ. އެއާއެކު އެ ދެ ކުޅުންތެރިންނަކީ ޕްރިމިއަރ ލީގު މެޗެއްގައި 9 ލަނޑުގެ ތަފާތަކުން ޓީމެއް މޮޅުވިއިރު ބައިކޮޅަށް ގޯލެއް ނުވަދެ ގޯލު ބެލެހެއްޓި ދެ ކުޅުންތެރިންނެވެ. ލެސްޓަރ ސިޓީގެ ގޯލުކީޕަރު ކެސްޕަރ ޝްމައިކަލް އެ މެޗުގައި ސައުތްހެމްޓަންގެ ގޯލު ބެލެހެއްޓި އެންގަސް ގަން ވެސް ވަނީ އޭނާގެ ބައްޕަ، ބްރަޔަން ގަންއާއެކު ރިކޯޑެއް ހަދާފަ އެވެ. ރޭގެ މެޗުގައި އެންގަސް ކޮޅަށް ވަތް 9 ލަނޑާއެކު ގޯލުކީޕަރުގެ މަޤާމަށް ކުޅުނު ދެބަފައިންގެ ކޮޅަށް 7 ގޯލު ނުވަތަ އެއަށްވުރެ ގިނައިން ގޯލު ވަތް މިއީ ފުރަތަމަ ފަހަރެވެ. 1992 ވަނަ އަހަރު ބްލެކްބާންއިން ނޯޗިވް ކޮޅަށް 7 ލަނޑު ޖެހިއިރު ނޯޗިވްގެ ގޯލު ބެލެހެއްޓީ ބްރަޔަން އެވެ. ރޭގެ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ލެސްޓަރ މޮޅުވިއިރު، މެޗުގެ 12 ވަނަ މިނެޓުގައި ސައުތްހެމްޓަންގެ ރަޔަން ބާޓްރެންޑްއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބޮޑު ބައި އެ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ