ކައުންސިލް އިންތިހާބުގައި މާމިގިލީގެ ހަތް ގޮނޑިވެސް ޖޭޕީއަށް ދިނުމަށް ގާސިމް އެދިވަޑައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އދ. މާމިގިލީގެ ކައުންސިލުގެ ހަތް ގޮނޑިވެސް ޖުމުހޫރީ ޕާޓީ، (ޖޭޕީ) އަށް ދިނުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފި އެވެ.
ގާސިމް މިހެން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުނެވެ.
ގާސިމް ވިދާޅުވީ ކައުންސިލަރުންނަށް ގާނޫނީ ގޮތުން ބާރުތަކެއް މިހާރު ދީފައިވާއިރު، މާމިގިލީ ކައުންސިލްގެ ހަތް ގޮނޑިވެސް ޖުމްހޫރީ ޕާޓީއަށް ދީފި ނަމަ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަކަށް ނޫނީ އެއްވެސް ކަމެއް ހިނގިޔަ ނުދެއްވާނެ ކަމަށެވެ. އަދި ޖޭޕީގެ ކައުންސިލެއް ރައްޔިތުން ހޮވައިފި ނަމަ ކައުންސިލް މެންބަރުން "ގޯޅި" އެޅިޔަ ނުދެއްވާނެ ކަމަށާއި ކައުންސިލުން ކުރާ ގޯސް ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"ހަމަގައިމުވެސް މި ރަށުން ކުރެވޭ އެއްވެސް ކަމެއްގައި މިރަށުގެ ކައުންސިލުން، ޖޭޕީގެ ކައުންސިލެއް އޮވެން ކުރެވޭ ކަމެއްގައި، އަޅުގަނޑު ގަދަވެ ސަލާމަތުން ހުރެގެން ހިނގާ ކަމެއް ކަމަށް ވާނަމަ، ގައިމުވެސް ގޯޅި އަޅައިގެން ދިޔަކަ ނުދޭނަން. އެކަން އަޅުގަނޑުމެން ރައްޔިތުންނަށް ކަށަވަރުކޮށްދެން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލެއް އޮވެގެން ރައްޔިތުންނަށް އެކަމުން ގެއްލުން ލިބޭނެ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލަރުން މަސައްކަތް ކުރާނީ ގަވައިދާ ހިލާފު ނުވެ، ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ހަމަޖެހުމާއި އޮމާން ކަމާއި އެކީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
މި ޖަލްސާގައި ގާސިމް ވަނީ ކޯލިޝަނުގެ ކަންކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން މިހާރު ވެސް ކަންތައް ހިނގަމުންދަނީ އެންމެ ރުހެވޭ ގޮތަކަށް ނޫން ކަމަށް ގާސިމު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ