އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރަން އެމްޑީޕީ ޕީޖީ ގުރޫޕުން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ އެމްޑީޕީގެ ޕީޖީ ގްރޫޕުން އެގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށް ދަނިކޮށް، ބޭއްވި ޕާލްމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި ކަމަށެވެ. ދެ ފަނޑިޔާރުން ވަކި ކުރަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކުރިއިރު، އެ ކަމަށް ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އެ ދެ ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވާތީ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
ދެ ފަނޑިޔާރުން ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނީ ޖޭއެސްސީން ނިންމި ނިންމުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރުމަށްފަހު، އެ ކޮމިޓީން ވެސް އެގޮތަށް ނިންމައިގެންނެވެ.
އެ ދެ ފަނޑިޔާރުން ވަކި ކުރަން ވޯޓަށް އަހާނީ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހަން އޮންނަ ވަގުތު ކަމުގައިވާ 1:30 ގައެވެ.
ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައި ބުނެފައިވަނީ ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގައި ބައިވެރިވެ ވަޑައިގަންނަވާ މެންބަރުންގެ ތިން ބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ