ޖިންނި އުޅޭކަމަށް ބުނެ ތުޅާދޫ ސްކޫލް ބަންދުކޮށްފި

ޖިންނި އުޅޭކަމަށް ބުނެ، ބ. ތުޅާދޫ ސްކޫލްގައި ތަޅު އަޅުވައިފިއެވެ.
މިކަމާ ގުޅޭގޮތުން ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ވަން އޮންލައިނަށް ވިދާޅުވީ ވިދާޅުވީ އެރަށު ސްކޫލް ބަންދުކޮށްފައިވަނީ ބެލެނިވެރިން ނުކުމެ މިއަދު އިރުއޮއްސުނު ވަގުތުގައި ކަމަށެވެ. މި މައްސަލަ ހައްލު ނުވަނީސް ސްކޫލް ނުހުޅުވުމަށް ބެލެނިވެރިން ބުނަމުން އަންނަ ކަމަށް ޒާއިދް ވިދާޅުވިއެވެ. އަދި ބެލެނިވެރިން ޑިމާންޑް ކުރަނީ އަލުން ސްކޫލް ހުޅުވަންދެން ކައުންސިލުން ސްކޫލްގެ ތަޅުދަނޑިއާ ހަވާލުވުމަށް ކަމަށް ޒާއިދު ވިދާޅުވިއެވެ.
ތުޅާދޫ ސްކޫލްގެ ދަރިވަރުންނަށް ގޮތްތަކެއް ވާކަމުގެ
ވާހަކަ މީގެ ކުރިންވެސް ދެކެވިފައިވީ ނަމަވެސް ހައްލެއް ނުލިބޭ މައްސަލައެއް
ކަމަށް ޒާއިދު ވިދާޅުވިއެވެ. އެގޮތުން މިއަދު ބެލެނިވެރިން ސްކޫލް
ބަންދުކޮށްފައިވަނީ ސްކޫލްގެ ބެލެނިވެރިންގެ ބައްދަލުވުމެއްގައި، މީގެ ކުރިން
ސްކޫލް ދުވަސްވަރު މިފަދަ ގޮތްތަކެއް ދިމާވި ބެލެނިވެރިންތަކެއް ސަކަރާތް ވުމުން
ކަމަށް ޒާއިދް ވިދާޅުވިއެވެ. ސްކޫލްގައި އުޅޭ އިރު ދަރިވަރުން ވަރު ދެރަވުމާއި،
ހޭނެތުމަކީ އާންމު ކަމެއް ކަމަށާއި މިއީ ވަރަށް ކުރިން ފެށިގެން ހިނގަމުން އަންނަ
ކަމެއް ކަމަށް ޒާއިދު ވިދާޅުވި އެވެ. އަދި ދަރިވަރުން ގޭގައި ރަނގަޅު ކަމަށާއި
މައްސަލަ ދިމާވަނީ ސްކޫލަށް ދާހިސާބުން ކަމަށް ޒާއިދު ވިދާޅުވިއެވެ.
ޒާއިދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ސްކޫލްގެ %90
އަށްވުރެ ގިނަ ބެލެނިވެރިންގެ ސޮޔާއެކު މިހާރު ސްކޫލަށާއި ކައުންސިލަށް ޕެޓިޝަނެއް
ހުށަހަޅާފައިވާ ކަމަށެވެ.
މި ޕެޓިޝަނަކީ ސްކޫލްގައިވާ ނިކަގަސް ކަނޑާލުމަށް ހުށަހަޅާފައިވާ ޕެޓިޝަނެއް
ކަމަށާއި އަންނަ އާދިއްތަ ދުވަހު އެޑިއުކޭޝަން މިނިސްޓަރަށް މި ޕެޓިޝަން
ހުށަހަޅާނެކަމަށް ޒާއިދު ވިދާޅުވިއެވެ. ޒާއިދު ވިދާޅުވި ގޮތުގައި އެ ނިކަ ގަހުގައި
ރޫހާނީ ކަމެއް އުޅޭ ކަމަށާއި މި ނިކަގަހަށް އެކި ކަންކޮށްފައިވާ ކަމަށް
ބެލެނިވެރިން ތުހުމަތު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ