ގޮތް ނޭނގޭ ބޭރު ޝޭހުންނަށް ވިސާ ދިނުން ބުއްދިވެރިއެއް ނޫން: ނަޝީދު

ބޭރު ޝޭހުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފު ނުވަނީސް، އެފަދަ ފަރާތްތަކަށް ރާއްޖެ އައުމަށް ވިސާ ދިނުން ބުއްދިވެރި ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާގައި އިސްކޮށް ހުރި ޒަހްރަން ހާޝިމް 2016 ވަނަ އަހަރު ދީނީ ދަރުސް ދިނުމަށް ކަމަށް ބުނެ އެހެން ނަމެއްގައި ރާއްޖެ އައިސްފައިވާކަން ނުވަތަ ނޫންކަން އަދި ސާފު ނުވާ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވިއިރު ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ތަރާވީސް ނަމާދުކުރުމަށް ބޭރުގެ ޝޭހުންނާއި ހާފިޒުން ރާއްޖެ ގެންނަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއަހަރު އަދި އެއްވެސް ބޭރު ހާފިޒެއް ރާއްޖެ ގެނެސްފައެއް ނުވެއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާ ފައްޅިތަކަށާއި ހޮޓެލްތަކަށް ދިން ބޮމުގެ ހަމަލާގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އެ ހަމަލާގައި އެންމެ އިސްކޮށް އުޅުނީ ޒަހްރާންކަން ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
އެ ހަމަލާއާ ގުޅިގެން ރާއްޖެ އަށް އެއްވެސް ނުރައްކަލެއް އޮތްކަން އަދި މިހާތަނަށް ސަލާމަތީ ބާރުތަކުން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ