ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ކަމަށާއި، ނަމަވެސް އެމައްސަލައަށް ވަކިގޮތެއް ނިންމެން އަންނަނީ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލައްވަމުން ގާސިމް ވިދާޅުވީ މަޖިލީހުގެ 14 މެމްބަރަކު ސޮއި ކުރައްވައި، މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. ގާސިމް ވަކި މިނިސްޓަރެއްގެ ނަންފުޅު ވިދާޅުނުވި ނަމަވެސް އިދިކޮޅު ޕީޕީއެމް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފަ އެވެ. އަދި ޕީޕީއެމުން މާރިޔާގެ އިތުބަރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ 14 މެމްބަރުންގެ ސޮޔާއެކު އެވެ.
ގާސިމް ވިދާޅުވީ މަޖީލިހުން ނަގާ އިތުބާރު ނެތްކަމުގެ މައްސަލަތަކާއި ގުޅޭ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެކުރިން ކޮށްފައިވާ ހުކުމެއްގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި އަމަލު ކުރަންޖެހޭ ގޮތް، އެހުކުމާ އެއްގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުގެ އިދާރީ މުވައްޒަފުން މެދުވެރިކޮށް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ އިދާރީ މުވައްޒަފުން މެދުވެރިކޮށް، މަޖިލީހުގެ ގަވާއިދަށް އެބައި އިސްލާހުކޮށް، އެކުލަވާލެވޭ ޑްރާފް މަޖިލީހުގެ ގަވާއިދު ކޮމެޓީއަށް ފޮނުއްވާނެ ކަމަށެވެ. އަދި ކޮމެޓީން ގަވާއިދު ނިންމުމަށްފަހު ފޮނުއްވުމުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވޭ 14 އިއްޒަތްތެރި މެމްބަރަކު ސޮއި ކުރައްވާފައިވާ ވަޒީރެއްގެ ނޯ ކޮންފިޑެންސް ވޯޓެއްގެ މައްސަލަ. އެހެންނަމަވެސް އެމައްސަލާގައި އަޅުގަނޑުމެންނަށް ކުރިއަށްދެވެން އޮތީ، ކުރީގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ހުކުމެއްގައި އެބައޮވޭ، އިންޕީޗްމަންޓްގެ އުސޫލުން ކަންތައްތައް ގެންދަންޖެހޭނެ ވާހަކަ، މަޖިލީހުގެ ގަވާއިދުގައި އެބައި އަދި ހިމެނިފައި ނެތުމާއެކީގައި އިދާރީ ބޭފުޅުން ލައްވައި، އިމްޕީޗްމަންޓްގެ ބައި މަޖިލީހުގެ ގަވާއިދަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ވާހަކަވެސް ދަންނަވާލަން. އެ ޑްރާފްޓް އަޅުގަނޑަށް ލިބުނީމައި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން އެމައްސަލަ ކޮމެޓީއަށް ފޮނުވައި، ކޮމެޓީން ނިމިގެންއައީމަ މަޖިލީހުގެ ޖަލްސާއަކަށް ދަންނަވާނެ ވާހަކަ ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދު ވަނީ މަޖިލީހުގެ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. އެގޮތުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރެއްވި އެވެ. މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ނާއިބު ރައީސްގެ އިތުބަރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ސޮއި ކޮށްގެން ކަމަށް މަޖިލީހުގެ ގަވާއިދު ބަދަލު ކުރެއްވި އެވެ.
މީގެއިތުރުން، މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހެޅޭނީ ސަބަބު ބަޔާންކޮށް، މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ސޮއިކޮށްގެން ހުށަހެޅުމުން ކަމަށް އޭރު ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި ސަރުކާރުގެ އިސްވެރިން ބުނަމުންދިޔަ އެވެ. އެގޮތުން އޭރުގެ އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް މަޖިލީހާ ގުޅުން ހުރި އެފަދަ މައްސަލަތަކެއް ހުށަހަޅުއްވަމުން ގެންދެވި އެވެ.
މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، މާރިޔާގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސް ނުކުރެވޭނެ ކަމަށާއި އެމައްސަލަ ފެއިލް ކޮށްލާނެ ކަމަށް ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީއާއި މައުމޫން ރިފޯމް މޫވްމަންޓުން އަދި އަދާލަތު ޕާޓީން ވެސް ވަނީ ބުނެފަ އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަންގެ އަތްމަތީގަ އެވެ.
މާރިޔާގެ އިތުބާރުގެ މައްސަލައަށް ގޮތެއް ނިންމޭނީ ގަވާއިދު އިސްލާހު ކޮށްގެން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ