އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެކަމަށް ގިނަ އިލްމުވެރިން ވިދާޅުވޭ: ރައީސް މައުމޫނު

އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެކަމަށް ކުރީގެ ގިނަ އިލްމުވެރިންނާއި މިހާރުގެ ގިނަ އިލްމުވެރިންވެސް ވިދާޅުވާކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫމު މިހެން ވިދާޅުވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅެއްގެ ނަން ނޮމިނޭޓޭޓް ކޮށްފައިވަނިކޮށް އަންހެނުން ފަނޑިޔާރުކަން ކުރުމާއި ގުޅޭގޮތުން ބަހުސްއަކަށް ގޮސްފައިވަނިކޮށް ކުރެއްވި ޓްވިޓެއްގައެވެ. ރާއްޖޭގައި ފުރަތަމަ އަންހެނަކު ފަނޑިޔާރުކަމަށް އިސްކޮށްފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އޭގެ ފަހުން ދަށުކޯޓްތަކާއި ހައިކޯޓްގައި އަންހެން ފަނޑިޔާރުންވަނީ ފަނޑިޔާރުކަން ކުރައްވާފައެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ކުރީގެ އިލްމުވެރިންނާއި މިހާރުގެ އިލްމުވެރިން ވެސް ވިދާޅުވާ ކަމަށެވެ. އޭގެ ތެރޭގައި މުހައްމަދު އިބުނު ޖަރާރު ތަބާރީ އާއި ހަސަނުލް ބަސްރީ އާއި އަބްދުލް ކަރީމް ޒައިދާން ފަދަ އިލްމުވެރިން ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ.Anhenun fan’diyaarukan kurumakee Islam dheenugai hudhdha kameh kamah kureege ilmuveringe therein Al-Tabari, Ibn Hazm, Hasanul Basri fadha beyfulhun vidhaalhu vefai vey. Yusuf al-Qaradhawi, Abdul Kareem Zaidan, Saeed Ramadan fadha mihaaruge gina ilmuverin ves vidhaalhuvanee ehen.— Maumoon Abdul Gayoom (@maumoonagayoom) August 23, 2019 ސުޕްރީމް ކޯޓުގެ ފަނޑިޔާކަމަށް ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވި ހުށަހެޅުން ބަލައިގަތުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ނިންމާފަ އެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ނޮމިނޭޓްކޮށް ރައީސް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ޑރ. އަޒްމިރަލްދާ އަކީ މިހާތަނަށް ރާއްޖޭގެ ހައި ކޯޓުގައި ފަނޑިޔާރު ކަން ކުރެއްވި ހަމައެކަނި އަންހެން ފަނޑިޔާރެވެ. އަދި ޕީއެޗްޑީ ހައްދަވައިގެން ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ވެސް ޑރ. އަޒްމިރަލްދާ ހިމެނެ އެވެ. އަޒްމިރަލްދާގެ އިތުރުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ފަނޑިޔާރަކީ މިހާރުގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޝުޖޫން އަކީ ރާއްޖޭގައި އައްޔަން ކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި އޭނާ އަކީ މިހާރު ދާދިފަހުން އިންތިހާބު ކުރެވުނު ބާ ކައުންސިލްގެ މެމްބަރެކެވެ.
ޑރ. އަޒްމިރަލްދާ އާއި ޝުޖޫން އަކީ ކުރިން އަމިއްލަ އަށް މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރުންނެވެ. އެގޮތުން ޑރ. އަޒްމިރަލްދާ ހައިކޯތުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2016ގަ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީ ކަމުން ޝުޖޫން އިސްތިއުފާ ދެއްވީ 2015ގަ އެވެ.
ގާނޫނު އަސާސީގައި އޮންނަ ގޮތުން ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުއްވާ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.
އަޒްމިރަލްދާއާއި ސުޖޫން ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ލަފަޔަކަށް އެދި ރައީސް ފޮނުވިފަހުން އިސްލާމީ ފަތުވާދޭ މަޖިލީހުންގެ ރައުޔެއް މިހާރުވަނީ އާއްމު ވެފައެވެ. އެނިންމުމަކީ އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫންކަމަށް ކަނޑއަޅާފައުވާ ނިންމުމެކެވެ.
މި ފަތުވާއަކީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ނެރެފައިވާ ފަތުވާއެކެވެ. މި ފަތުވާ މިހާތަނަށް އާއްމުވެފައި ނުވި ނަމަވެސް ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ހައިކޯޓްގެ ކުރީގެ ފަނޑިޔާރު ޑރ އަޒްމިރަލްޑާ ޒާހިރު އަދި ސިވިލް ކޯޓްގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް ސޯލިހު އިއްޔެ އެދިވަޑައިގެންނެވު ހަބަރާއިއެކު މި ފަތުވާ މިހާރުވަނީ އާއްމު ވެފައެވެ.
ފަތުވާ މަޖިލީހުގެ ނިންމުމުން ނިންމާފައިވަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ އިޖުމާއުއާއި ބަސްފުޅުތަކުގެ އަލީގައި އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އޮންނަ ގޮތް ހޯދުމަށް ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.
އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އިސްލާމީ ޝަރީއަތުގައި ތިން ރައުޔެއް އައިސްފައިވާއިރު އެ ތިން ރައުޔުވެސް ފަތުވާގައި ހިމަނާފައި ވެއެވެ. އަދި ތަފުވާ މަޖިލީހުގެ ނިންމުމުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ދުއްދަ ނޫންކަމަށް ކަނޑައަޅާފައިވަނީ އޭގެތެރެއިން އެންމެ ދަލީލުގެ ގޮތުން އެންމެ ބާރުގަދަ ރައުޔު ކަމުގައިވާ ފުރަތަމަ ރައުޔަށް ބުރަވެއެވެ.
1. ފުރަތަމަ ރައުޔު
ފުރަތަމަ ރައުޔަކީ ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބުގެ ގިނަ އިލްމުވެރިންނާއި، ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީޢާއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި، ޚަވާރިޖުންގެ ތެރޭގައި ހިމެނީ އިބާޟީންގެ ރައުޔެވެ.
އެ ރައުޔުގެ ހުލާސާގައި މުދަލާއި ގުޅޭ ކަމަކަށް ވިޔަސް، ނުވަތަ ގިސާސާއި ހައްދުތަކާ ގުޅުންހުރި ކަމެއްގައި ވިޔަސް، ނުވަތަ އެނޫން މައްސަލައެއްގައި ވިޔަސް އެ މައްސަލަތައް ބަލައި ހުކުމްކުރުމަށް، އަންހެނަކާ ހަވާލު ކުރުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ބުނެފައިވާ ކަމަށް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ.
އެ ނިންމުމުގައި ބުނެފައި ވަނީ ގަޟިއްޔާއެއް ނިންމުމަށް އަންހެނަކާ ހަވާލުކުރާ މީހާވެސް އަދި ހަވާލުކުރެވުނު މީހާވެސް ފާފަވެރިވާނެ ކަމަށާއި، އެ ހުކުމަކީ ހައްގަށް ވާސިލްވި ކަމުގައިވާނަމަވެސް ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށެވެ.
އޭގެ އިތުރުން ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ހަތަރު ހަލީފާއިން ވެސް ފަނޑިޔާރުކަމަށް އެއްވެސް އަންހެނަކު އިސްކުރައްވާފައި ނުވާކަމަށް އެ ރައުޔުގައިވެއެވެ.
2. ދެވަނަ ރައުޔު
ދެވަނަ ރައުޔުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ ހައްދުތަކާއި، ގިސާސް ހިފުމުގެ ގަޟިއްޔާތައް ފިޔަވައި އެހެން ހުރިހާ (މާލީ މައްސަލަތަކާއި، އަންހެނުން އާދަކޮށް ދެކެއުޅޭ މައްސަލަތަކާއި އެނޫނަސް އެފަދަ) މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށެވެ. އެއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރަޢުޔެކެވެ.
3. ތިންވަނަ ރައުޔު
ތިންވަނަ ރައުޔުގައި ބުނެފައި ވަނީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށެވެ. މިއީ އަލްއިމާމުއްތަބަރީގެ ރައުޔެކެވެ. މި ރައުޔަށް ތާއީދު ކުރާ އެއްވެސް ދަލީލެއް ނެތް ކަމަށާއި، އަދި އެއީ އިމާމުއްތަބަރީގެ ރަޢުޔެއް ކަން އެނގޭ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ. އަދި އިމާމުއްތަބަރީއަކީ ތަފްސީރާއި ތާރީހުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ އިލްމުވެރިއަކަށް ވާއިރު، އެއިން އެއްވެސް ފޮތެއްގައި މި ރަޢުޔުގެ ވާހަކަ އައިސްފައި ނުވާ ކަމަށެވެ.
މި ތިން ރައުުގެ އޭގެތެރެއިން އެންމެ ހަރުދަނާ ރައުޔަކީ ފުރަތަމަ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ނިންމާފައިވަނީ އެ ރައުޔުގެ ދަލީލުތަކާއި ހުއްޖަތުތަކުގެ ވަރުގަދަކަމުންނެވެ. އަދި އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރަޢުޔަށް ވާތީކަމަށް ނިންމުމުގައި ވެއެވެ. އެީ ޖުމްހޫރު އިލްމުވެރިންގެ ރައުޔުވެސް މެއެވެ.
ފަތުވާ މަޖިލީހުން ނިންމާފައި ވަނީ އަނެއް ދެ ރަޢުޔަކީ ދަލީލުގެ ގޮތުން ބަލިކަށި ބުރަދަނެއް ނެތް ދެ ރަޢުޔު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ