އެޗްއާރްސީއެމްގެ ބާރުތައް ސުޕްރީމް ކޯޓުން ނިގުޅައިގެންފައި ވާތީ މަޖިލީހަށް ގަރާރެއް!

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރު، ސުޕްރީމް ކޯޓުން ނިގުޅައިގަނެފައި ވާތީ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެ ގަރާރު ހުށަހެޅުއްވީ ކުރިން ހިއުމަން ރައިސްޓްސް ކޮމިޝަނުގެ މެމްބަރުކަން ކުރައްވާފައިވާ، މިހާރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާނު މަހްމޫދެވެ.
އެ ގަރާރަކީ 2014 ވަނަ އަހަރު އެޗްއާރްސީއެމުން ނެރުނު ރިޕޯޓެއްގެ ސަބަބުން ސުޕްރީމް ކޯޓުން ސޫމޯޓޯ މައްސަލައެއް އެޗްއާރްސީއެމް ގެ މައްޗަށް ހިންގާ، އެ ކޮމިޝަނުގެ ބާރުތައް ނިގުޅައިގަނެފައި ވާތީ، ގާނޫނު އަސާސީ އާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ އެއް ގޮތަށް އެޗްއާރްސީއެމުން މަސައްކަތް ކުރެވޭނެ ބާރުތަކާއި މިނިވަންކަން އަލުން ދިނުމަށް އެދި ހުށަހަޅާފައިވާ ގަރާރެކެވެ.
ޖީހާނަކީ، ސުޕްރީމް ކޯޓުން އެޗްއާރުސީއެމްގެ މައްޗަށް ސޫމޯޓޯ މައްސަލަ ހިންގިއިރު އެ ކޮމިޝަނުގެ މެމްބަރެކެވެ.
ސުޕްރީމް ކޯޓުން ސޫމޯޓޯ މައްސަލަ ހިންގީ 2014 ވަނަ އަހަރު އެޗްއާރުސީއެމުން އިންސާނީ ހައްގުތަކާ ގުޅޭ 18 ކަމެއް ފާހަގަކޮށް އެކުލަވާލި ރިޕޯޓަކާ ގުޅިގެންނެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ދަށު ކޯޓުތަކަށް ބާރު ފޯރުވާ ކަމަށާއި، ފަނޑިޔާރުގޭގެ އިތުބާރު ރައްޔިތުންގެ މެދުގައި ގެއްލި ރައްޔިތުންގެ ޝުއޫރު ފާޅު ކުރަމުންދާ ކަމަށާއި، އިންސާނީ ހައްތުތައް ހިމާޔާތް ކުރުމަށާއި އަދުލްއިންސާފުގެ ދާއިރާއިން ރައްޔިތުންގެ ލިބެން ޖެހޭ ހައްގުތައް ކަށަވަރު ކުރުމަށް ޖުޑީޝަރީއާއެކު އެޗްއާރުސީއެމުން ކުރަމުންދިޔަ މަސައްކަތް ސުޕްރީމް ކޯޓުން ހުއްޓުވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން އެޗްއާރުސީއެމްގެ މައްޗަށް ސޫމޯޓޯ މައްސަލައިގެ ޝަރީއަތް ހިންގުމަށްފަހު، ވަނީ އެޗްއާރުސީއެމުން އަމަލު ކުރަންޖެހޭ ގައިޑްލައިނެއް އަމުރެއްގެ ގޮތުގައި ނެރިފަ އެވެ.
އެ ގައިޑްލައިނުގެ ސަބަބުން އެޗްއާރްސީއެމަށް އެއްވެސް ބައިނަލްއަވްގާވީ މުއާހަދާއެއްގެ ޒަރީއާއިން ވެސް މުއާމަލަތެއް ކުރެވޭނީ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށް ބުނެފައިވާތީ، އެޗްއާރުސީއެމްގެ މައްޗަށް ގާނޫނު އަސާސީ އާއި ގާނޫނުން ލިބިދޭ ބާރުތަކާއި މިނިވަންކަން ވަނީ ސުޕްރީމް ކޯޓުން ނިގުޅައިގަނެފަ އެވެ.
އެޗްއާރުސީއެމްގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވެސް ސޫމޯޓޯ މައްސަލައެއް ހިންގައި، އެކޮމިޝަނުން ވެސް އާއްމު އިންތިހާބުތަކުގައި އަމަލު ކުރަންޖެހޭ ގައިޑްލައިނެއް ސުޕްރީމް ކޯޓުން ވަނީ ނެރެފަ އެވެ. އަދި އޭރު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ނާއިބު ރައީސް ހަސަން ފަޔާޒު މަގާމުން ވަކިކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ