ސިއްހީ ނިޒާމަށް ބަދަލުގެނެސް ރައްޔިތުން ހިތްހަމަޖެހިގެން ދިރިއުޅޭނެ ދުވަހެއް ހޯދާނަން: ނައިބް ރައީސް

ސިއްހީ ނިޒާމަށް ބަދަލުތަކެއްގެނެސް ރައްޔިތުން ހިތްހަމަޖެހިގެން ރަށްތަކުގައި ދިރިއުޅެވޭނެ ދުވަހެއް އަވަސް ކުރިމަގެއްގައި ހޯދައިދެއްވާނެ ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދިޔަ "ފީޓަލް ހާޓް މޯލްޑިވްސް 2019" ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވީ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސް ރައްޔިތުން ހިތްހަމަޖެހިގެން ރަށްތަކުގައި ދިރިއުޅެވޭނެ ދުވަހެއް އަވަސް ކުރިމަގެއްގައި ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށެވެ. އެހެންކަމުން އެކަން ހާސިލްކުރުމަށް ފަރުވާކުޑަކުރުމެއްނެތި މުޅި ސަރުކާރު މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
އައިޖީއެމްއެޗްގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ސަރުކާރުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމުގައި ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުންވެސް، އެބޭފުޅަކަށް އެނގިވަޑައިގެންފައި ހުރި އެއްޗެއް އެހެން ފަރާތްތަކަށް ކިޔައިދީ އަންގައިދިނުމަކީ ކޮންމެހެން ކުރަންޖެހިވަޑައިގަންނަވާ ކަމެއް ކަމުގައިވެސް ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި ފީޓަލް ހާޓް މޯލްޑިވްސް ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ވެސް ނައިބް ރައީސް ފައިސަލް ނަސީމު އެވެ.
މިވޯކްޝޮޕަކީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އިސްނަގައިގެން، ފީޓަލް ހާޓް އާއި ގުޅޭ މައުލޫމާތު ޑޮކްޓަރުންނަށް ދިނުމަށް ބޭއްވި ތިންވަނަ ވޯކްޝޮޕެވެ.
މި ވޯކްޝޮޕްގައި މި އަހަރު 14 ޑޮކްޓަރުން ބައިވެރިވެފައިވެ އެވެ. އެކިއަހަރުތަކުގެ މަތިން ބާއްވާފައިވާ މި ސިލްސިލާގެ ވޯކްޝޮޕްތަކުން 90 ވަރަކަށް ޑޮކްޓަރުންނަށް މިހާރު މައުލޫމާތު ހިއްސާ ކުރެވިފައިވާ ކަމަށް ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ވަނީ މައުލޫމާތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ