ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ސިވިލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އެ ކޯޓަށް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
މައުމޫން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައިވާ ގޮތުން، އިސްތިނާފް ޝަރީއަތެއް ހިންގައިދިނުމަށް އެދި މައުމޫން ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ހައި ކޯޓުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ބަލަންޖެހޭ ފަދަ ގާނޫނީ ގޮތުން ސައްހަ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ސަބަބެއް ނެތެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ގޮތުގައި ސިޔާސީ ހަރަކާތް ހިންގައި ކުރިއެރުވުމަކީ ގާނޫނުއަސާސީން ލާޒިމުކުރާ ކަމަކަށް ވާތީ، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ހިންގުން ހުއްޓާލާފައި ބޭއްވުމަކީ ގާނޫނުއަސާސީ ހުއްދަ ކުރާ ކަމެއް ނޫނެވެ. އެހެންވެ، ހައި ކޯޓުން ތާއީދުކޮށްފައި ވަނީ ގާނޫނުއަސާސީގެ އަސާސެއް ނެގެހެއްޓުމަށް ކޮށްފައިވާ ހުކުމަކަށް ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.
މައުމޫންގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓަށް މައުމޫން ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން ނިންމިކަން އަންގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޝަރީއަތް ނުބާއްވައި މައްސަލަ ކޯޓުން ބޭރުކޮށްލުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
"އިންސާފު ލިބޭނެ ދުވަސް އަންނާނެ،" ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
Maumoon Supreme Courtah hushahelhuvvi PPM ge massala shariay nubaavvai beyru kollumakee hithaama huri kameh. Insaafu libeyne dhuvas annaane.— Husnu Al Suood (@hsuood) October 27, 2016
ސުއޫދުގެ ޓުވީޓު.ސުޕްރީމް ކޯޓުން މި ގޮތަށް ނިންމިއިރު، ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފްކުރައްވައި ހައި ކޯޓަށް މައުމޫން ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ވެސް ބަލައެއް ނުގަތެވެ.
ސިވިލް ކޯޓުގެ ހުކުމް، ހައި ކޯޓުން ދެމެހެއްޓީ ޕީޕީއެމްގެ އަމިއްލަ މެމްބަރެއް ކަމަށްވާ އައްބާސް ވާފިރުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ. އެ މައްސަލައިގެ ތެރެއަށް މައުމޫން ތަދައްހުލުވެވަޑައިގަތެވެ.
ހުކުމް އިއްވެވުމުގެ ކުރިން، މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަން މައުމޫން ދެކޮޅު ހެއްދެވި ކަން އެނގޭއިރު އެކަމަށް މަގްބޫލު އުޒުރެއް ދެއްކިފައި ނެތް ކަމަށެވެ. މައުމޫންގެ އެ އަމަލުތަކުގެ ސަބަބުން ޕީޕީއެމްގެ ހިންގުމަށް ހުރަސް އެޅިގެންދާއިރު އެ ހާލަތުގައި އެކަމަށް ކޯޓުން ހައްލެއް ހޯދައި ދެވިދާނެ ކަމަށާއި އެއީ ޕާޓީތަކުގެ ހިންގުމާ ކޯޓުތަކުން ބެހުން ކަމަށް ނުބެލެވޭނެ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
އިސް ފަނޑިޔާރު އަބްދުﷲ ވިދާޅުވީ ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަން މައުމޫން ދެކޮޅު ހައްދަވާއިރު އެ ހާލަތުގައި ޕާޓީ ހިންގުން ރައީސް ޔާމީނާއި ހަވާލު ކުރުމަކީ އެންމެ މަސްލަހަތު ހުރިގޮތެވެ. ސަބަބަކީ ބައްދަލުވުން ބާއްވަން ޕާޓީގެ ރައީސް ދެކޮޅު ހަދާއިރު ޕާޓީގެ ނައިބު ރައީސަކަށް ހުރި އަބްދުއްރަހީމް އަބްދުﷲ އެ މަގާމުން ވަކިކޮށްފައިވާތީ ބައްދަލުވުން ބޭއްވޭނެ އެހެން ގޮތެއް ނެތުމުން، އެކަމުގައި ޕާޓީއަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ރައީސް ޔާމީނާއި ޕާޓީ ހިންގުން ހަވާލު ކުރުން ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
ޕީޕީއެމް ހިންގުން ޕާޓީގެ މުސްތަޝާރާ، ސިވިލް ކޯޓާއި ހައި ކޯޓުން ހަވާލުކުރިއަސް، އެއީ ކަނޑައެޅިގެން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އިއްވި ހުކުމެއް ކަމަށް މައުމޫން ފެކްޝަނުން ދަނީ ބުނަމުންނެވެ. ޕީޕީއެމްގެ ރައީސަކު ހުންނަވަނިކޮށް، އެ ޒިންމާތައް، ޕާޓީ ހިންގުމާއި ސިޔާސަތު ކަނޑައެޅުމުގައި އެއްވެސް ދައުރެއް ނެތް ބޭފުޅަކާ ހަވާލުނުކުރެވޭނެ ކަމަށް މައުމޫން ވެސް ގެންދަވަަނީ ވިދާޅުވަމުންނެވެ.
މައުމޫން ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ