ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވަޒީރުން ވަކިކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގައި އޮއްވާ މަޖިލީހުގެ އެއްވެސް މެމްބަރަކު ހައްޔަރުނުކުރެވޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ މާއްދާ ބާތިލްކުރަން ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސަރުކާރުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ށ) އަކީ ކުށުގެ ވެށިން މެންބަރުން ހައްޔަރުކުރެވޭ އިރު އަމަލުކުރަން ނުޖެހޭ މާއްދާއެއް ކަމަށާއި އަދި އެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އަކީ، ޖިނާއީ މައްސަލަތަކުގައި ހައްޔަރުކުރެވޭ އިރު އަދި ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ރ)ގެ ދަށުން ބަންދާ މެދު ފަނޑިޔާރަކު ގޮތެއް ނިންމެވުމުގައި ޢަމަލުކުރައްވަން ޖެހޭ މާއްދާއެއް ނޫން ކަމަށް ކަޑައަޅައިދިނުމަށެވެ.
އަދި އެ ގަވާއިދުގެ 204 ވަނަ މާއްދާގެ (ނ) އަކީ، ގާނޫނު އަސާސީގެ 45 ވަނަ މާއްދާ އާއި 46 ވަނަ މާއްދާ އާއި 48 ވަނަ މާއްދާ އާއި އަދި ފުލުހުންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާ ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެ އެވެ.
މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ށ. ގައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތުގައި މެމްބަރަކު ބަންދުކޮށްގެން ނޫނީ ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތުގައި މެމްބަރަކު ބަންދުކުރަން ޖެހިއްޖެ ނަމަ އެކަން ކުރަންވާނީ މަޖިލީހުގެ ރައީސަށް އެންގުމަށް ފަހު ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ރ. ގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މިނިވަން މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި އެ ކަމާ މެދު މަޖިލީހުން ގޮތެއް ނިންމުމުމުގެ ކުރިން މެމްބަރަކު ހައްޔަރުނުކުރެވޭނެ ކަމަށެވެ.
އެ ގަވާއިދުގެ 204 ވަނަ މާއްދާގެ ނ. ގައި ވަނީ މެމްބަރަކު ބަންދުކޮށްގެން މަޖިލީހުގެ އިމްތިޔާޒް ކޮމެޓީން އެކަން ބެލުމަށް ފަހު މަޖިލީހުގެ ރައީސަށް ފޮނުވާ ރިޕޯޓުގައި، އެ މެމްބަރަކު ބަންދުކޮށްފައިވަނީ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއްގެ މައްޗަށް ބިނާކޮށްފައި ނޫން ކަމަށް ބުނެފައިވާނަމަ އެ މެމްބަރަކު ބަންދުން ދޫކޮށްލަން މަޖިލީހުގެ ރައީސް އަންގަންވާނެ ކަމަށެވެ.
މެމްބަރުން ހައްޔަރުނުކުރެވޭ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވަނީ ބަނގުރަލުގެ މައްސަލައެއްގެ ތުހުމަތުގައި މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުން އެ ބޭފުޅުން ދޫކޮށްލުމަށް ވެސް މަޖިލީހުގެ ރައީސް އެންގެވުމާއި ގުޅިގެންނެވެ.
އެގޮތަށް އަންގާފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަނާއި ރައީސް ޑރ. މުހައްމަދު ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި އޮތުމުންނެވެ.
މެމްބަރުން ހައްޔަރުނުކުރެވޭ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ