ރިޕޯރޓު/ އަބޫ މުޙަންމަދު – ޚަބަރު.އެމްވީ. 2017-9-28 ( ބުރާސްފަތި): ރައީސް ޔާމީންގެ ރިޔާސީ ދައުރުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ގެނުވައިދޭ އިންޤިލާބީ ބަދަލުތަކަކީ، 2018 ކާމިޔާބު ކުރައްވަން ޔާމީނަށް ހުޅުވިގެންދާ ފަހި ފުރުސަތަކަށް ވެދާނެ ހެއްޔެވެ؟ އަޅުގަނޑު މި މަސައްކަތް ކުރަނީ މި ސުވާލު އުފަން ކުރުވުމަށްފަހު، އޭގެ ޖަވާބަކީ ކޮބައިތޯ ބަލައި ލުމަށެވެ.
އެންމެ ފުރަތަމަ ސުވާލަކީ ރައީސަކު އިންތިޚާބު ކުރަނީ ކީއްކުރަން ކޮން މަޤްސަދެއްގައިތޯ ކުރެވޭ ސުވާލެވެ. އޭގެ ޖަވާބަކީ ރިޔާސީ އިންތިޚާބެއްގައި ރައީސަކު ހޮވުމުގެ ހުރިހާވެސް ބޭނުމަކީ، ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަކަމާ ފަހިކަން ގެނުވުމެވެ. ޤައުމުން ލިބެންނެތް ޚިދުމަތްތައް ހޯދައި ލިބިގަތުމެވެ. ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށް ފުދުންތެރި ބަޔަކަށް ވުމެވެ. ތަޢުލީމީ ދައުރު ނިންމައިގެން ނިކުންނަ ޒުވާން ޖީލަށް، ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމެވެ. ކައިވެނީގެ ގޮށް ޖަހާލެވޭ ހިނދު، ދެމަފިރިން ޙަޔާތެއް ފަށަން ވަންނާނެ ހިޔާވައްސެއްގެ ލިބުމުގެ ފަހިކަން ހޯދުމެވެ. ސިއްޙީގޮތުން އިތުބާރު އޮތް، ރަނގަޅު ފެންވަރެއްގެ ޚިދުމަތްތައް ފަހި ޤައުމަކަށް އަމިއްލަ ގައުމު ހެދުމެވެ. ކޮލިޓީ އެޑިއުކޭޝަން، އަމިއްލަ ޤައުމުން ޙާސިލްވާނެ ރޮނގުތައް ފުޅާކޮށް، މަގުތައް ތަނަވަސް ކުރުމެވެ. ކުރުކޮށް ދަންނަވާނަމަ، ކޮންމެ ދާއިރާއަކުންވެސް ކުރިއެރުން ހޯދުމެވެ. ރައީސަކު ހޮވުމުގައި ރައްޔިތުންގެ ވިންދުގައިވާ މުހުތާދު ތަކަކީ މިއީއެވެ.
މިދެންނެވީ ރައީސަކު ހޮވަން ރައްޔިތުން ނިކުމެ ވޯޓުލާ މައިގަނޑު ސަބަބެވެ. އެ ވޯޓުން ހާސިލުވާން ރައްޔިތުންބޭނުންވާ އުންމީދުތަކެވެ. އެހެން ކަމުން ސުވާލަކީ، ރައްޔިތުންގެ މިދެންނެވި ފަދަ އުންމީދުތަކެއް ރައީސް ޔާމީނަށް ފަހިކޮށްދެއްވުނުތޯ އާއި އަދި ކުރިމަގުގައި އެފަދަ ކުރިއެރުންތަކެއް މި ޤައުމަށް ފަހިކޮށް ދެއްވިދާނެ ތޯއެވެ؟ އަދި އެމަނިކުފާނުގެ ފުރަތަމަ ފަސް އަހަރު އެމަގަށް ރާއްޖެ ގެންދަން ކުރެއްވީ އަދި ކުރައްވަމުން ގެންދަވާ ކަންކަމަކީ ކޮބައިތޯއެވެ؟
މިއަދު ފެންނާން އޮތް އެންމެ ސާފު މަންޒަރަކީ، އެންމެ ފަސް އަހަރެއްގެ ދަންފަޅި ނުވަތަ "ޓައިމް ޕީރިއަޑު" އަށް ބަލާއިރު، ރައީސް ޔާމީންގެ ސަރުކާރުގެ ތަރައްޤީގެ ދުވެއްޔާ ގާތްކުރާވަރުގެ ސްޕީޑެއް ވޭތުވެދިޔަ ސަރުކާރު ތަކުން ނެރެދެވިފައި ނުވާކަމެވެ. މީގެ މާނައަކީ 30 އަހަރުގެ ދިގު ތާރީޚުގައި ރައީސް މައުމޫނަށް، ރާއްޖޭގެ ތަރައްޤީއަށް ޚިދުމަތްތަކެއް ކޮށްދެއްވިފައި ނެތެކޭއެއް ނޫނެވެ. އަދި ރައީސް ކަމުގެ 10 އަހަރާއި ބޮޑުވަޒީރު ކަމުގެ މުއްދަތުގެ ތެރޭގައި، ރައީސް ނާސިރަށްވެސް ރާއްޖޭގެ ތަރައްޤީއަށް ބިންގައުތަކެއް އަޅައިދެވި ، ޚިދުމަތްތަކެއް ކޮށްދެއްވިފައި ނެތެކޭ އެއްވެސް ނޫނެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރުގެ ކުރު މުއްދަތުގެ ތެރޭގައި ތަރައްޤީގެ ކަންކަން ހިނގައިފައި ނެތެކޭ އެއްވެސް ނޫނެވެ. އެބޭފުޅުންނަށްވެސް ހައްޤު ޝުކުރާ ތާރީފު އަޅުގަނޑު އަރިސް ކުރަމެވެ.
ދެންމެ މިދެންނެވި ތިން ރައީސުންގެ 53 އަހަރާއި ރައީސް ޔާމީންގެ 5 އަހަރާ އަޅާބަލާއިރު، ރާއްޖޭގެ ތަރައްޤީގެ ދުވެލި، މި 5 އަހަރުގެ ތެރޭގައި ފެންނަމުން މިދަނީ، މާބޮޑަށްވެސް ހަލުއިކަމާއެކު ގައެވެ. ޚާއްސަކޮށް މުޅި ރާއްޖެއަށް އޭގެ އަސަރު ފަތުރާލަދިން މިންވަރުވެސް، މާ ބޮޑެވެ. ހއ. ތުރާކުނުން އައްޑުއާ ހަމައަށް ހިންގި ހުރިހާ މަޝްރޫޢުތަކަކީ، މި މަޒްމޫނުގައި އަޅުގަނޑު ބަލައިލާ ކަންކަމެއް ނޫނެވެ. އަޅުގަނޑު މި ދައްކާލަދެނީ އޭގެ ތެރެއިން އެންމެ ދެގަނޑު ފޮޓޯއެވެ.
މިސާލަކަށް ސިއްޙީ ޚިދުމަތަށް ބަލާއިރު، ހދ. ރީޖަނަލް ހޮސްޕިޓަލް އެވަނީ ބޭރުގެ ފަރާތަކުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދޭ، ޒަމާނީ ހޮސްޕިޓަކަށް ހަދަން ޙަވާލުކޮށްފައެވެ. އެތާނގައި ސީޓީ ސްކޭންގެ ޚިދުމަތާއި އެމް އާރު އައި ޚިދުމަތް ދިނުމާބެހޭ މަސައްކަތް މިހާރު އެވަނީ ފަށާފައެވެ. އިތުރު ޑިޕާޓްމަންޓުތައް އުފައްދައި، އެނދު އިތުރުކޮށް، ޒަމާނީ ޚިދުމަތްދޭ ހޮސްޕިޓަލަށް އެތަން ބަދަލުވެގެން ދިއުމުން، މުސްތަޤުބަލުގައި މާލެއަށް ނައިސް، ރައްޔިތުންގެ ގިނަ ބޭނުންތައް އެތަނުން ފުދެމުން ދާނެއެވެ.
މިއީ ރައީސް ޔާމީންގެ ސަރުކާރުގެ އިމޭޖު ބޮޑުތަނުން ކުރިއަރައިދާނެ ކަންކަމެވެ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ ވާހަކަ ދައްކާއިރު، މިހާރު އިޢުލާނު ކޮށްފައިވާ އެރަށުގެ އެއަރޕޯޓާއި އަލަށް ހަދަމުންދާ މަގުތަކާއި ޢުމްރާނީ ތަރައްޤީގެ ވާހަކަތައް، މި މަޒްމޫނުގައި އަޅުގަނޑު ބަޔާނެއް ނުކުރަމެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދޭ ތަރައްޤީގެ އެހެން ފޮޓޯ ތަކެކެވެ. މިއީ ހަމައެކަނި އެންމެ ދެ ފޮޓޯއެއް ދައްކައިދޭން އަޅުގަނޑު މަސައްކަތްކުރާ މަޒްމޫނެކެވެ.
އައިޖީއެމް ހޮސްޕިޓަލުގައި ކުރިން ނެތް ކާޑިއޮކް ޚިދުމަތް ތަޢާރަފް ކުރެއްވީ ރައީސް ޔާމީނެވެ. މީގެކުރިން ހިތުގެ ލޭހޮޅިއެއްބެދި ހާޓްއެޓޭކެއް ޖެހިގެން ފުރާނަ ގެއްލުމުގެ މަގުމަތީގައިވާ މީހާ، ބޭރަށް ގެންދިއުމަށްޓަކައި ބޭނުންވާނެ ޙާލަތަކަށް، ބަލިމީހާއެއް ނުގެނެވެއެވެ. ބެދިފައިވާ ލޭހޮޅި ސްޓަންޓް ލައްވައިގެން ހުޅުވައެއް ނުލެވެއެވެ. ޕޭސްމޭކަރެއް ނުލެއްވެއެވެ. ނަތީޖާއަކީ އެ ޙާލުގައި އޭނާ ފުރާނަ ދޫކޮށްލަން ޖެހުމެވެ. މިގޮތަށް އެތައް ބައެއްގެ ފުރާނަ ގެއްލުނުކަމީ ހިތާމަހުރި ކަންކަމެވެ.
އެހެން ނަމަވެސް އައު ކާޑިއޮކް ޑިޕާޓްމަންޓެއް އުފައްދައި، އެތަނުން ޚިދުމަތްދޭން ފެށިފަހުން، މިއަހަރުގެ ޖުލައިގެ ނިޔަލަށް ގާތްގަނޑަކަށް 1700 މީހުންނަށް، ހިތާ، ހިތުގެލޭހޮޅިތަކާ ގުޅުންހުރި ކަންކަމަށް ފަރުލާދެވިއްޖެއެވެ. އެތައް ބަޔަކަށް ޕޭސްމޭކަރ ލައްވައި ދެވިއްޖެއެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވި އެތައްބައެއްގެ ފުރާނަ ސަލާމަތްކޮށްދެވުނު އަދި ކޮށްދެވެމުންދާ ތަނަކަށް، އައިޖީއެމްއެޗް ހަދައިދީފިއެވެ.
މިހާރު މަސައްކަތް ހިނގާ އިސްކަނދަރު ހޮސްޕިޓަލަކީ، އެކަށޭނެ ކެތް ލެބެއްހުރި އަދި ތިއޭޓަރގެ ގޮތުން ބެލިނަމަވެސް، ހިތުގެ ބައިޕާސް އޮޕަރޭޝަންކުރެވޭ، ޚިދުމަތުގެ ފެންވަރު އެތައް ގުނަޔަކަށް އުފުލައިދޭނެ ތަނަކަށް ވެގެންދާއިރު، އެއީ ރައީސް ޔާމީންގެ ރިޔާސީ ދައުރުގެ ކާމިޔާބީ ނޫންކަމަށް ބުނެވޭކަށެއް ނެތެވެ.
އަންނަ އަހަރު އައިޖީއެމްއެޗްގައި ކިޑްނީ ޓްރާންސްޕްލާންޓު ކުރަން ފެށުމަކީ، މި ސަރުކާރަށް، އޭގެ ކްރެޑިޓް ލިބޭނެ ކަންކަމެވެ. އެތައް ރައްޔިތަކަށް ލިބޭ އުފާވެރި ކަމަކަށް އެކަން ވެގެންދާނެއެވެ. ނޮވެމްބަރު 11 އަށް ހުޅުވޭތޯ މަސައްކަތްކުރާ އައު އިމަޖެންސީ ޑިޕާޓުމަންޓަކީ، އައި ޖީ އެމް ހޮސްޕިޓަލް ހޯދާ އައު ކުރިއެރުންތަކެވެ. ހަމައެކަނި ހޮސްޕިޓަލަށް ބަލާލުމުންވެސް ފެންނަނީ މި ސަރުކާރުން ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތައް އިތުރުކޮށް، ފުޅާކޮށް، ފަހިކުރަން މަސައްކަތްތަކެއް ކޮށްފިކަމާއި ކުރަމުންދާކަމެވެ.
ހޮސްޕިޓަލުން ނިކުންނަމާ ހިނގާށެވެ. ކައިރީގައި އޮތް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަނީ ކޮންކޮން ބަދަލުތަކެއްތޯ ބަލައި ލުމަށެވެ. ފެންނަނީ އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް، އަންނަ އަހަރަށް ހިފާފައި އޮތް ތަނެވެ. ފުޅާ އަދި ކުރިއަށްވުރެން ދިގު، މި އައު ރަންވޭ ނިމުމުން، އެންމެ ބޮޑެތި އެއަރކްރާފްޓުތަކަށް، މި އެއަރޕޯޓަށް ޖެއްސޭނެއެވެ. އައު ޓާމިނަލަށް ސީދާ ބޯޓުން ފޭބޭނެއެވެ. މިކަންކަން ހިނގަމުންދާއިރު، ކޮންމެ ރިސޯޓަކުން އަންނަ ޓޫރިސްޓކަށްވެސް އަދި ދިވެއްސަކަށްވެސް، އޮންލައިނުން ޗެކިން ކޮށްލެވުމާއި ވައިފައި އެކްސަސް ލިބިފައިވާ، ޒަމާނީ އެއަރޕޯޓަކަށް، އެއަރޕޯޓު އެދަނީ ބަދަލުވާށެވެ. މިކަންކަން ހިނގަމުންދާއިރު، މިސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު އެއަރޕޯޓުތައް އަޅައިދިނުމާއި، މިހާރުވެސް އަޅަމުންގެންދިއުމާއި، ކުރިމަގުގައި އަޅާނެ އެއަރޕޯޓުތައް އެ ގެންދަނީ ހާމަކުރަމުންނެވެ. ސުވާލަކީ މިކަންކަމަށް ތަރައްޤީއޭ ނުކިޔައި، ދެން ކިޔާނީ ކޮން އެއްޗެކޭ ހެއްޔެވެ؟ މިއީ ރައީސް ޔާމީންގެ ސަރުކާރުގެ ކާމިޔާބީތަކުގެ ގޮތުގައި ނޫނީ ގުނެން އެބަ އޮތް ހެއްޔެވެ؟
މި މަޒްމޫނުގައި އަޅުގަނޑު މިބަލައިލީ، މި ސަރުކާރުގެ ހުރިހާ މަޝްރޫޢު ތަކަކަށްނޫނެވެ. މި ދައްކައިލަދިނީ، ތަރައްޤީގެ ހަމަ އެންމެ ދެ ފޮޓޯ ގަނޑެވެ. ސިއްޙީ ދާއިރާއިންނާއި ވައިގެ ޚިދުމަތުންނެވެ. އެ ދެ ފޮޓޯގައިވެސް ނުފެންނަ އެތައް ކަމެއް، މީގެ އިތުރުންވެސް ވެއެވެ. މިސާލަކަށް އެއަރޕޯޓުން ފެންނާން އޮތް އިންޓަރނޭޝަނަލް ބްރޭންޑްތަކުގެ އައު ރެސްޓޯރަންޓުތަކާއި އިތުރު އެތައް ޚިދުމަތްތަކެވެ. އައު ހޮސްޕިޓަލުން ލިބިދެވޭނެ އައު ޚިދުމަތްތަކެވެ. އެތަނަށް ފަހު، އައި ޖީ އެމް ހޮސްޕިޓަލަށް އަލަށް ލިބޭ ޖާގައިގައި ފަހިކުރަން "ޕައިޕްލައިން"ގައި ހުރި ޚިދުމަތްތަކެވެ.
މިދެންނެވި ދެ ދާއިރާއިން މި ދައްކައިލަދިން ދެ ފޮޓޯގަނޑުންވެސް، ލައްކަ ވާހަކަ އެބަ ބުނެދެއެވެ. މި ސަރުކާރުން ކަންކަން ކުރާކަން އެއީ ފުރަތަމަ ވާހަކައެވެ. އަދި ކުރާކަންކަމަކީ ޒަމާނީ ފެންވަރުގެ ކަންކަމަށްވެފައިވުމީ، ދެވަނަ ވާހަކައެވެ. އެކަންކަމަށް ކުރާ ހޭދަ އެއީ ތިންވަނަ ވާހަކައެވެ. އެއީ ރައްޔިތުން ސަރުކާރު ހިންގަންދިން ޓެކުހާއި ބޭރުގެ ލޯނުއެހީން، މެކުހުގައި މަސައްކަތް ކުރާ ވާހަކައެވެ. ހަތަރުވާނަ ވާހަކައަކީ ސްޕީޑެވެ. އެންމެ 5 އަހަރުގެ ތެރޭގައި ތަރައްޤީގެ ސްޕީޑު މިވަރަށް ހިއްލާލި ސަރުކާރަކީ ކޮބައިތޯއެވެ؟ މި ސުވާލު މި ދަންނަވާލަނީ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ބައިގަރުނު ތެރޭގައި އެ އޮތް ޙާލަތަކީ 4 ރައީސަކަށް ލިބިވަޑައިގަތް ބައިގަރުނުން ކުރެވުނު މިންވަރަށް ވެފައި، އެންމެ 5 އަހަރުގެ ތެރޭގައި ރައީސް ޔާމީން، އެތާނގެ ހާލަތު މާބޮޑުތަނުން ބަދަލު ކޮށްދެއްވާތީއެވެ. މާ ކުރު މުއްދަތެއްގައި މާ ފުރިހައަށެވެ.
ރައީސް ޔާމީނަށް 2018 ކާމިޔާބު ކުރެއްވުމުގެ ފުރުސަތު މާބޮޑޭ، އަޅުގަނޑު ސުރުޚީގައި ދަންނަވާފައި އެވަނީ، މިސަރުކާރުގެ ނަތީޖާއަށް ރިޢާޔަތްކޮށްފައެވެ. ކޮށްފައިވާ އަދި ކުރަމުންދާ ކަންކަމަށް ބަލައިފައެވެ. ޕާފޯމަންޓް އޮޑިޓެއް އަމިއްލަ ސިކުނޑިން ހަދައިގެންނެވެ. މީހުންދައްކާ ތޯތޯ ވާހަކައަށް ބަލައިގެންނެއް ނޫނެވެ. "ފެކްޓްސް" ގެ އަލީގައި، ސާފު މަންޒަރެއް، އެންމެންނަށް ފެންނާނެހެން ތިލަވެފައި އޮތުމުންނެވެ.
ރައްޔިތުން ރައީސަކު ހޮވަނީ ގައުމު ތަރައްޤީކުރާށެވެ. އެކަން ކުރެވޭނެ ސްޕީޑާ، އެ ޤާބިލްކަން ފެންނަނީ ރައީސް ޔާމީންގެ ކިބައިންނެވެ. އެމަނިކުފާނު ރިޔާސީ ދައުރެއް ނިންމަވާ ރައްޔިތުންގެ ކުރިމައްޗަށް ނިކުންނަވާއިރު، ރައްޔިތުން ދިން 5 އަހަރުގެ ތެރޭގައި ހާސިލްކުރެއްވި ތަރައްޤީގެ ފޮޓޯތައް ވެގެންދާނީ، އައު ދައުރެއް އެމަނިކުފާނަށް އަރުވަން ޖެހޭކަމަށް ރައްޔިތުން ނިންމާނެ ނިންމާނެ ދުވަހަކަށެވެ. އެއީ ޔާމީން ސަރުކާރުގެ ނަތީޖާއިން، އެމަނިކުފާނު ޙާސިލްކުރައްވާނެ އައު ދައުރަކަށް ވެގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭތީ، ސުރުޚީގައި އަޅުގަނޑު ދެންނެވި ވާހަކައެކެވެ.
ރައީސް ޔާމީނަށް 2018 ކާމިޔާބުވުމުގެ ފުރުސަތު މާބޮޑެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ