ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލައިފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލައިފިއެވެ.މި މައްސަލައިގެ ދައުވާ އުފުލާފައިވާއިރު، ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން މީގެކުރިން ވަނީ ހުކުމްކޮށްފައެވެ. ފާރިޝްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއީދު ހޯދުމަށްޓަކާ މަޖިލީހުގެ އެހެން މެންބަރުންނަށް ރިޝްވަތު ހުށަހެޅުމަށް ފާރިޝް އިސްވެ އުޅުނު ކަމުގެ ތުހުމަތު ކޮށްފައިވެއެވެ. މި މައްސަލާގައި ރިޝްވަތުގެ ދައުވާ އުފުލާފައިވާ ދެވަނަ ފަރާތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ. ގާސިމްގެ މައްޗަށް ދައުވާކޮށް މިހާރު ދަނީ ޝަރީއަތް ހިންގަމުންނެވެ. ފުލުހުން ބުނެފައިވަނީ މަޖިލިސް މެމްބަރުންނަށް ފާރިސް ރިޝްވަތު ދިން ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފަ އެވެ. ފާރިސް ދިރިއުޅުއްވާ މއ. ސުނޯރޯސްގެ ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް، އެގޭގެ ސީސީޓީވީ ފްޓޭޖްގެ ރެކޯޑިން ވެސް ގެންގޮސްފައެވެ.ފާރިޝްގެ އިތުރު މައްސަލަތަކެއް މިހާރުވެސް ކޯޓްގައި ކުރިއަށް އެބަދެއެވެ. އެގޮތުން ފާރިޝްގެ މައްޗަށް އުފުލާފައިވާ ޝަޚުސު އޮޅުވާލުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ފާރިޝްގެ ފަރާތުން ހަ ކަމެއް ފާހަގަކޮށްފައި ވަނިކޮށް، ކުރިމިނަލް ކޯޓުން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވައިދުތައް ނުހަދާ އޮތް ނަމަވެސް ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންކަމުން އެމައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާކަމަސް ގާޒީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ