ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދައުލަތުގެ ބައެއް މުއައްސަސާތަކުން ހިންގަމުންގެންދާ "ޖަރީމާތައް" ހުއްޓާލުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީން މިކަމަށް ގޮވާލާފައި މިވަނީ ވިލާގެ ހުރިހާ ރިސޯޓަކަށް ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އޮފިސަރުން އަރާ އެތަންތަން ބަލައި ފާސްކުރަމުން ގެންދާތީ އެ އަމަލު ކުށްވެރިކޮށް ނެރެފައިވާ ބަޔާނުގަ އެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ މުއައްސަސާތަކާއި މުދަލާއި އެހެނިހެން ވަސީލަތްތައް ގާނޫނާ ހިލާފަށް ބޭނުންކޮށްގެން ގާސިމް އިބްރާހީމްގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލުމަށްޓަކައި ހިންގަމުންގެންދާ ޣައިރު ގާނޫނީ އަނިޔާވެރި ޖަރީމާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. މިފަދަ ފިނޑި އަމަލުތަކަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަޑީގައި ހުންނަވައިގެން ގާނޫނުތަކާއި ގަވާއިދުތަކާ ކަނޑައެޅިގެން ހިލާފަށް މުޅި ދައުލަތުގެ ހުރިހާ ބާރުތަކެއް އެއްކޮށްގެން ހިންގާ އަމަލެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި މިފަދަ އަމަލުތަކަކީ ގާސިމް އިބްރާހީމް ކުރައްވަމުންގެންދަވާ ސިޔާސީ އިސްލާހީ މަސައްކަތް ހުއްޓުވާލުމަށްޓަކައި ހިންގާ ފޭރުމުގެ އަމަލެއް ކަމަށްވެސް މިބަޔާނުގައި ވަނީ ސިފަކޮށްފަ އެވެ.
އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ހުރިހާ ސިޔާސީ ލީޑަރުން ޖަލުގޮޅީގައި ބަންދުކޮށްގެންވެސް ސިޔާސީގޮތުން ސަރުކާރަށް ކުރިއެރުމެއް ނުލިބުނު ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބު ބޯމަތިވުމާއެކު ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް ބިރުދައްކައިގެންނާއި، އެތައް ބައިވަރު މުވައްޒަފުން ވަޒީފާ ބިރުވެރިކަމެއްގެ ތެރެއަށް ހުށަހަޅައިގެންނާއި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައިގެންނާއި އަދި ފަތުރުވެރިންނަށް ދިވެހިރާއްޖެ އަކީ ބިރުވެރި، ނާމާން، ހަމަނުޖެހުން ބޮޑުތަނެއްގެ ގޮތުގައި ދެއްކުމަކީ އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށާއި އަދި ޖުމްލަކޮށް ދިވެހި އިގްތިސާދަށް ނުހަނު ބޮޑުކޮށް ކުރާނެ ކަމެއް ކަމަށެވެ. މިކަންކަމާމެދު ލަސްނުކޮށް ފިޔަވަޅުއެޅުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓުއަރިޒަމް އިންޑަސްޓްރީސް (މަޓީ) އާއި ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާފަދަ މުހިއްމު މުއައްސަސާތަކަށް މިބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
ގާނޫނީގޮތުން އަމަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ދިވެހި ފުލުހުން ރައީސް ޔާމީންގެ ސިޔާސީ ވާދަވެރިން ނެތިކޮށްލުމަށްޓަކައި ހިންގާ ޣައިރު ގާނޫނީ އަމަލުތަކުން އެއްކިބާވެ، ގާނޫނުގެ ތަރަހައިގެ ތެރެއަށްވަދެ، މުޖުތަމައުގައި ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށްވެސް މިބަޔާނުގައި ވަނީ ގޮވާލާފަ އެވެ.
"އަދި ހަމައެހެންމެ ދައުލަތުގެ އެހެނިހެން މުއައްސަސާތައްވެސް ގާނޫނުގެ އިމުގެ ތެރެއަށް ރުޖޫއަވެ، ގާނޫނީގޮތުން ދީފައިވާ ބާރުތަކާއި މަތިކޮށްފައިވާ ޒިންމާތަކުގެ ބޭރުން ހަރަކާތްތެރިނުވުމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް އެ މުއައްސަސާތައް ހިންގަން ހަވާލުވެ ތިބި ފަރާތްތަކަށްވެސް ގޮވާލަމެވެ." އަދާލަތު ޕާޓީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ގާސިމް ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ "ޖަރީމާތައް" ހުއްޓާލުމަށް އަދާލަތުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ