އައްޑޫ އިހުތިޖާޖުން މިއަދު ހަވީރު ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އަޑު އުފުލުމަށް އައްޑޫ ސިޓީއަށް ނިސްބަތްވާ އިދިކޮޅު ސަޕޯޓަރުން މިއަދު ހަވީރު އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.
އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހަންމަދު ޔަސްރިފާއި، އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސް އިބްރާހިމް ރަޝީދުގެ އިތުރުން، އިތުރު ހަތަރު މީހަކު ހިމެނެއެވެ.
ފުލުހުން މިބޭފުޅުން ހައްޔަރުކުރީ، ކުރިން ހުއްދަ ހޯދުމަކާ ނުލައި މަގުމަތީގައި މުޒާހަރާކުރި ކަމަށް ބުނެ ކަމަށް ޚަބަރު ލިބެއެވެ.
ފުލުހުން ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވަނީ ބަޔާނެއްގައި ސޮއިކުރުވުމަށް ފަހުގައެވެ.
އައްޑޫ ހިތަދޫގައި މިއަދު ހަވީރު ބޭއްވި އިހުތިޖާޖުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނެއެވެ.
އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން ފުލުހުން ބަޔަކު ހައްޔަރު ކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި، ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައި ވެއެވެ. އަލީ ނިޒާރުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމަކީ އަސާސީ ހައްގެއް ކަމަށެވެ.
އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގު ކުރެއްވި ޓްވީޓެއްގައި، އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހަންމަދު ޔަސްރިފާއި، އަދި މިއަދު ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލެއްވުމަށްވެސް ގޮވާލެއްވިއެވެ.
އައްޑޫ ސިޓީގެ މޭޔަރ ވަކިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގެ ރައްޔިތުންގެ ތާއީދު މިސަރުކާރަށް ނެތުމަކީ ރައްޔިތުންނަށް އަނިޔާކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އައްޑޫ ސިޓީގައި މިއަދު ބޭއްވި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލިއިރު، ސަރުކާރުގެ ފަރާތުން އިއްޔެ ހަވީރު ހިތަދޫގައި ބޭއްވި އެއްވުމަށް ފަސްޓްލޭޑީ ވަޑައިގަތުމުން އެކަމަނާގެ މޮޓޮކޭޑަށް ހުރަސްއަޅަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހުންވެސް ވަނީ ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ