އީސީގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރަން ފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) މެމްބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވީ އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ޝަރީފް އައްޔަން ކުރަން މިނިވަން މުއައްސަސާތަކާ ކޮމެޓީން ފާސްކުރީ މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައި، އެ މައްސަލަ ކޮމެޓީ އަށް ފޮނުވުމުންނެވެ.
ސަރުކާރުގެ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް ކޮމެޓީން ޝަރީފާ އިންޓަވިއު ކުރުމަށް ފަހު، މެމްބަރުން މާކްސް ދެއްވިއިރު އޭނާއަށް 77 މާކްސް ލިބިވަޑައިގަތެވެ. މާކްސް ދޭއިރު 75 މާކްސް ނުވަތަ އެ އަށް ވުރެ މަތިން ލިބޭ ބޭފުޅަކީ މަގާމަށް ގާބިލް ފަރާތެއް ކަމަށް ކޮމެޓީން ބަލަމުން އަންނާތީ އެ ކޮމެޓީން ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރަން ފެންނަ ކަމަށެވެ.
ކޮމެޓީން އެގޮތަށް ނިންމުމުން، ކޮމެޓީގެ ރިޕޯޓް ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. ޝަރީފް އެ މަގާމަށް އައްޔަން ކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހައިގެންނެވެ.
ޝަރީފް ވަނީ މީގެ އަހަރުތަކެއް ކުރިން ވެސް އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެފަަހުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ. މަޖިލީހުގެ އެ ދައުރު ހަމަވުމުން އޭނާ ފުރަތަމަ އައްޔަން ކުރީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބަކަށެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރީ އޭގެ ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ