މެމްބަރު ޝާހިދާއި ލަތީފް ދޫކޮށްލައިފި

އިދިކޮޅު ޕާޓީތަކުގެ އެއްވުމުގެ ތެރެއިން އިއްޔެ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ދޫކޮށްލައިފިއެވެ.
އިއްޔެގެ އެއްވުމުގެ ތެރެއިން ޝާހިދު ހައްޔަރުކޮށްފައިވަނީ މަޖީދީމަގު ސޯސަންމަގު ގުޅޭ ސަރަހައްދުންނެވެ. ލަތީފް ހައްޔަރުކޮށްފައިވަނީ ޗާންދަނީމަގު ސަރަހައްދުންނެވެ.
މެމްބަރު ލަތީފާއި ޝާހިދު ދޫކޮށްލި އިރު ދެ މެމްބަރުންގެ މައްޗަށްވެސްކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތެވެ. ޝާހިދާއި ލަތީފްވެސް ހައްޔަރުކޮށް ދޫނިދޫއަށް އިއްޔެ ގެންދެވުނެވެ.
ދެ މެމްބަރުން ދޫކޮށްލި ނަމަވެސް އިއްޔެ ސޯސަން މަގު ސަރަހައްދުން ހައްޔަރުކުރި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ދޫކޮށްލާފައެއް ނުވެއެވެ. ރިޔާޒު ހައްޔަރުކޮށްފައިވަނީ އެސްއޯއީގެ ދަށުންކަމުގައިވާއިރު ރިޔާޒަށް ކުރަނީ ކޮންތުހުމަތުތަކެއް ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ.
ރިޔާޒުވެސް ހައްޔަރު ކުރުމާއެކު ގެންގޮސްފައިވަނީ ދޫނިދޫ އަށެވެ. އެހެންކަމުން ރިޔާޒު ވިގުތު ހުރީ ދޫނިދޫ ކަސްޓޯޑިއަލްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ