އިތުރު އިންތިހާބެއް ކާމިޔާބު ނުވާނެކަން ކަށަވަރު ވުމުން ރައީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ ރަހުމަތްތެރިން މުއްސަނދިކޮށްދޭން: ގައުމީ ޕާޓީ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ރައްޔިތުންގެ ތާއީދު ގެއްލި، އިތުރު އިންތިޚާބެއް ކާމިޔާބު ނުވާނޭ ކަން ކަށަވަރު ވެވަޑައިގަތުމުން، މިހާރު ފެންނަމުން ދަނީ، އެމަނިކުފާނުގެ ގާތް ރަހުމަތްތެރިން މުއްސަނދިކޮށްދެއްވުމަށް މަސައްކަތް ކުރައްވާ މަންޒަރު ކަމަށް އިދިކޮޅު ގައުމީ ޕާޓީން ބުނެފި އެވެ.
ގައުމީ ޕާޓީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސަރުކާރުގެ އެކިފަންތީގައި ތިއްބެވި ބޭފުޅުންގެ ފަރާތްޕުޅުން ފެންނަމުން ދަނީ ކަރަޕްޝަންގެ އަމަލުތައް ކަމަށާއި، އާއްމު އުސޫލުތަކާއި މިންގަނޑުތަކުގެ ކުރިއަށް އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު އިސްކުރާތަން ކަމަށެވެ. އަދި މުޅި ސަރުކާރުގެ ތެރޭގައި ކަރަޕްޝަނާއި އަމިއްލަ އެދުން, ބޮޑު ބައްޔެންހެން ފެތުރިގެންދާ އިރު އެފަދަ އަމަލުތައް ހުއްޓުވުމަށް، ރައީސް ނަޝީދު ނުކުޅެދިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"އެމިނިކުފާނު [ރައީސް ނަޝީދު]ގެ ސިޔާތުތައް ބައްޓަންވެ ތަރުތީބުވެގެން މިދަނީ އެފަދަ ފަރާތްތަކަށް މަތީ މަގާމްތައް ދިނުމާއި، ބޮޑެތި ޕްރޮޖެކްޓްތަކާއި ވިޔަފާރީގެ ފުރުޞަތުތައް ދިނުމުގެ މައްޗަށެވެ. ވިސްނާލީމާ ސިފަވަނީ ރައްޔިތުންގެ ތާއީދު ގެއްލި އިތުރު އިންތިޚާބެއް ދެން ކާމިޔާބު ނުވާނޭ ކަން ކަށަވަރު ވުމުން ގާތް ރަހުމަތްތެރިން މުއްސަނދިކޮށްދޭން މަސައްކަތްކުރާ މަންޒަރެވެ. ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ރައީސް ނަޝީދުގެ ވާގިވެރިންގެ ކިބައިން ފެންނަމުންދަނީ ވެސް އެފަދަ މަންޒަރުތަކެވެ،" ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.
ގައުމީ ޕާޓީގެ ބަޔާނުގައި އަދި ވަނީ ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ފަރާތްތަކުން ބަދުއަޚުލާގީ އަމަލުތަކާއި މުޖުތަމައު ގަބޫލުކުރާ އަޚުލާގީ މިންގަނޑުން ބޭރު ހަޑިހުތުރު އެތައް އަމަލެއް ފެންނަމުންދާ އިރު، ކަރަޕްޝަންގެ އަމަލުތައް ވެސް އިންތިހާ އަށް އިތުރުވަމުންދާ ކަމަށެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މެދުގައި ބަހުސެއް ބޭއްވުމަށް މި މަހު 26 އަށް ދި ޓީވީގެ ނަމުގައި ދަރުބާރުގެ ބުކްކޮށްދިނުމަށް ފަހު އެ ތަން ރާއްޖެ ޓީވީ އަށް ދިން މައްސަލަ އަށް އިޝާރާތްކުރައްވައި އެ ބަޔާނުގައި ބުނެފައި ވަނީ، އެކަމަކީ ވެސް ސަރުކާރުގެ އިސް ފަރާތްތައް ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން އަންގައިދޭ ރީތި މިސާލެއް ކަމަށެވެ. އަދި އެފަދަ އެތައްކަމެއް ކޮންމެ ދުވަހަލު އެކި ދިމަދިމާލުން ފެންނަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ކަރަޕްޝަނަށް މަގުފަހިވާ ފަދަ ތަފާތު އަމަލުތައް ސަރުކާރުގެ އިސްވެރިންގެ ފަރާތުން ފެންނަމުންދާ އިރު، ރައީސުލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު ހިމޭނުން ހުންނެވުމުން ދޭހަކޮށްދެނީ ރައީސް ނަޝީދަކީ އަމިއްލަ އެދުން އިސްކުރައްވައި ކަރަޕްޝަނާ ދެކޮޅަށް މަސައްކަތްނުކުރައްވާ ބޭފުޅެއްކަމެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ