ކާނަލް ނާޒިމްގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓްގައި އަންނަ ބުދަ ދުވަހު

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓާޔާޑް މުހައްމަދު ނާޒިމް ސުޕްރީމް ކޯޓްގައި އިލްތިމާސް ކޮށްފައިވާ މައްސަލައިގައި ޝަރީއަތުގެ އަޑުއެހުންތައް އަންނަ ބުދަ ދުވަހު ބޭއްވުމަށް ތާވްލަކޮށްފިއެވެ.
ނާޒިމް ދިރިއުޅުއްވި އެމަނިކުފާނުގެ އަނބިކަބަލުންގެ ގެކޮޅުގެ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ އޭނާގެ މައްޗަށް ދައުލަތުން އުފުލި ރާއްޖެއަށް ހަތިޔާރު އެތެރެ ކުރުމާއި ގެންގުޅުމުގެ ދައުވާ ސާބިތުވާކަމަށް ނިންމާ ކްރިމިނަލް ކޯޓުން ވަނީ އޭނާ 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
އަދި ހައިކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފައި. ހައިކޯޓުން އެހުކުމަށް ތާއިދު ކުރުމާއެކު، ނާޒިމް ވަނީ އެ ހުކުމް ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ އަންނަ ބުދަ ދުވަހުގެ މެންދުރު 11:00 ގައެވެ.
ނާޒިމާއި، ނާޒިމްގެ ވަކީލުން އެ މައްސަލައާ ގުޅޭ ގޮތުން ވިދާޅުވަމުން ގެންދަވަނީ ނާޒިމް ހުރީ ބަޔަކު ފްރޭމް ކޮށްފައި ކަމަށެވެ.
އަދި ސުޕްރީމްކޯޓުގައި މައްސަލަ އިލްތިމާސް ކުރުމަށް ފަހު ނާޒިމްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެބޭފުޅުން ވިދާޅުވީ، ނާޒިމްގެ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި ފުލުސް މީހާ މިހާރު ހޯދިފައިވާ ކަމަށާއި ހެއްކެއްގެ ގޮތުގައި އޭނާގެ ނަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ސުޕްރީމް ކޯޓްގެ ޝަރީއަތުގެ ތެރެއިން މައްސަލަ އަލުން ތަހުގީގު ކުރަން ޖެހޭ ވަރު ކަމެއް ފެންމަތިވެއްޖެ ނަމަ، އެމައްސަލަ ފުލުހުން އަލުން ތަހުގީގު ކުރާނެ ކަމަށެވެ. އަދި ނާޒިމް އަކީ އަދިވެސް ބަތޮލެއް ކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ