"ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން، ދައުވާ އުފުލާފައިވާ ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި މިމައްސަލާގައި ދައުވާ އުފުލާފައިވާ ސިފައިންގެ ދެ މީހުން ކަމަށްވާ މޫސާ ޒަމީރާއި އަހްމަދު ތިހާމްގެ މައްޗަށް ހުކުމްކޮށްފި އެވެ.
ޕާޕާ އާއި އަހްމަދު ތިހާމް އާއި މޫސާ ޒަމީރު މައްޗަށް ދައުލަތުން ކުރަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ. މިމައްސަލާގައި ކްރިމިނަލް ކޯޓުން ޕާޕާގެ މައްޗަށް ހުކުމްކޮށްފައިވަނީ އޭނާ 2 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ. އަދި އަހްމަދު ތިހާމް އާއި މޫސާ ޒަމީރުގެ މައްޗަށް ހުކުމްކޮށްފައިވަނީ އެ ދެ މީހުން 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ.
މި ދައުވާގައި ބުނެފައިވަނީ ރިޔާސީ ލޯންޗު ގޮއްވާލި ދުވަހު ފަޔާޒް އެސަރަހައްދަށް ގޮސް، އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންނަށް އަމުރުމައުރޫފު ހިންގައި، އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވާ ކަމަށެވެ. އަދި ފަޔާޒުގެ އަމުރަށް ތިހާމްއާއި ޒަމީރު ލޯންޗަށް އަރައި ކުށުގެ ވެށިން ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ތަކެތި ނަގައިގެން ގެންގޮސްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މީގެ އިތުރުންވެސް ޕާޕާގެ މައްޗަށް ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ ވެސް ވަނީ އުފުލާފައިވެ އެވެ. މިދައުވާ އުފުލާފައި ވަނީ ރިޔާސީ ލޯންޗު ގޮއްވާލި ދުވަހު، އެ ހާދިސާ ތަހުގީގުކުރުމުގެ ގޮތުން ސީނަށް ދިޔަ ފުލުހުންނަށް ލޯންޗަށް އެރުން މަނާކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ޕާޕާ ހުރަސްއަޅާފައިވާ ކަމަށް ބުނެ އެވެ. މިމައްސަލާގައި ކްރިމިނަލް ކޯޓުން ނިންމީ 3 މަހާއި 18 ދުވަހަށް އޭނާ ޖަލަށް ލުމަށެވެ.
ފަޔާޒަކީ މި ހާދިސާ ހިނގިއިރު ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ބަޑި ގުދަނުގެ ވެރިޔާގެ މަގާމުގައި އޭރު ހުންނެވި ބޭފުޅާއެވެ. މި ހާދިސާއަށް ފަހު ސިފައިންގޭގައި އޭނާ ބަންދުކޮށް އޭނާ ވަނީ އެ ދެ މަގާމުންވެސް ވަކި ކޮއްފައެވެ. އަދި ކާނަލެއްގެ ރޭންކުގައި ހުއްޓާ ކެޕްޓަނެއްގެ ރޭންކަށް ވަނީ ދަށްކޮށްފައެވެ. އަދި މާލޭ ކޮމާންޑަރ ކަމަށްވަނީ ބަދަލުކޮށްފައެވެ.
މި މައްސަލާގައި ހުލާސާ ބަޔާން ނެގުމަށް މިމަހުގެ 14 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ ހެކީންގެ ހެކިބަސް ނުނަގައި ހުލަސާ ބަޔާން ނަގައި އަޑުއެހުންތައް ނިންމާލާފަ އެވެ
މި މައްސަލައިގެ އަޑީގައި ހުރިކަން ސާބިތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 15 އަހަރަށް ޖަލަށް ލުމަށާއި އަދީބުގެ ބޮޑީގާޑުން 10 އަހަރަށް ޖަލަށް ލުމަށްވެސް މީގެ ކުރިންވަނީ ހުކުމްކޮށްފައެވެ.
ޕާޕާ ، ތިހާމް އަދި ޒަމީރުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވައިފ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ