ގުއަންޓަނާމޯބޭ މައްސަލާގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާބެހޭ ލިޔުންތައް ލީކުވިގޮތް ބަލައިދިނުމަށް އެދި އަލީ ވަހީދު ފުލުހުންނަށް ހުށަހަޅުއްވައިފި

14:30ގުއަންޓަނާމޯބޭ ޖަލުން ކުށްވެރިންތަކެއް ރާއްޖެ ގެނައުމަށް، ރާއްޖެ އާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ބެހޭ ލިޔުންތައް ލީކުވިގޮތް ބަލައިދިނުމަށާއި، އެ ލިޔުންތަކަށް ބަދަލު ގެނެސްފައިވާނަމަ އެފަރާތެއް ހޯދައި ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ފުލުހުންނަށް ހުށަހަޅުއްވައިފި އެވެ.ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކުށްވެރިކުރައްވައި އެ މައްސަލަ ބެލުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ވެސް ހުށަހެޅުއްވި، އަދި އެކޮމިޓީގެ މުގައްރިރުގެ ނާއިބު ކަމުގައި ވެސް ހުންނެވި އަލީ ވަހީދު މިއަދު ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި އެ މައްސަލަ ކުރިއަށްދާއިރު މައްސަލައިގައި ސަރުކާރުން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަމުން ދިއުމާއެކު އެ ލިޔެކިއުންތައް ބަދަލުކުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަދި  އެހެންވެއްޖެނަމަ މައްސަލައިގެ ހަގީގަތް އޮޅިގެން ދިއުމުގެ ފުރުސަތު އޮތުމުން އެކަމާ ބެހޭ އެންމެހައި މުއާމަލާތްތަކާއި ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދެއްވުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.އަލީ ވަހީދު އަދި ވިދާޅުވީ، ސަރުކާރުގެ ކަމާ ބެހޭ ބޭފުޅުން އެކަމަށް ޖަވާބުދާރީވުމަށްޓަކައި ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވުމަށް ގެންގުޅުއްވާ އުސޫލަށް ބައްލަވާއިރު އެކަމުގައި ސަރުކާރުން ސިއްރު އެޖެންޑާއެއް ގެންގުޅޭކަން ހާމަވާ ކަމަށެވެ. އަދި މިކަމުގައި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތަކީ، އެމްޑީޕީގެ މެނިފެސްޓޯއާ ވެސް ހިލާފް ސިޔާސަތެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މިކަމުގައި ސިޔާސީ ޕާޓީތަކާއި ރައްޔިތުންނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ކުރިއަށްވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ މިކަމާއިގެން ކުރިއަށް ވަޑައިނުގަތުމަށް ރައީސް ނަޝީދަށް އިލްތިމާސް ކުރެއްވި އެވެ.އަލީ ވަހީދު އަދި ވިދާޅުވީ މި މައްސަލައިގައި ޑީއާރުޕީން ދޫ ނުދޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ކޮމިޓީއަށް ހާޒިރު ކުރުވަންޖެހޭ އެންމެން ހާޒިރު ކުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.މި މައްސަލަ އަލީ ވަހީދު ފުލުހުންނަށް މި ހުށަހެޅުއްވީ، މި މައްސަލައާ ބެހޭ ލިއުންތަކެއް ހާރިޖިއްޔާއިން ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅުއްވާފައި ވަނިކޮށެވެ. އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ޝަހީދު ވިދާޅުވީ، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފައިވާ ލިޔުންތަކަކީ އެކަމާ ބެހޭ ލިޔުންތަކުގެ އެއްބައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ