ގާސިމް މަރާލި ކަމަށް ހައްޔަރުކުރި މީހާ އިއުތިރާފްވެއްޖެ

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި ރޭ ހައްޔަރު ކުރި މީހާއަކީ ގާސިމްގެ ގާތިލް ކަމަށާއި އޭނާ ކުށަށް އިއުތިރާފްވެފައިވާކަން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ހަމީދު ހާމަކުރައްވައިފި އެވެ. މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިނގި އެ ގަތުލުމުގެ ފަހުގެ މައުލޫމާތު އާންމު ކުރައްވަމުން ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ ހައްޔަރު ކުރި މީހާ ވަނީ ޑްރައިވަރު ގާސިމް ގަތުލުކޮށްލި ކަމަށް އަމިއްލައަށް އެއްބަސްވެ ތަހުގީގަށް އެއްބާރުލުން ދޭން ފަށާފައި ކަމަށެވެ. އަދި ބަންދުގެ މުއްދަތު ޖަހަން އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން މިހާރު ޖަހައިދީފައިވާ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ، ގާސިމް ގަތުލު ކޮށްލި ވަގުތު އޭނާ ލައިގެން ހުރި ފޭރާން ވެސް ގާސިމް މަރާލި ސަރަހައްދުގެ ކައިރި ހިއްސާބެއްގައި ފޮރުވާފައި އޮއްވާ ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި މައްސަލައިގައި ފުލުހުންނަށް ހޯދިފައިވާ ހެކިތަކާއި ފޮރެންސިކް ތަހުލީލުތައް އިތުރަށް ދިރާސާ ކުރަމުން އަންނަ ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. "ފުލުހުން ރޭ ހައްޔަރު ކުރީ ގާސިމްގެ ގާތިލް،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. "މި ކޭސް ސޯލްވު ކުރުމުގައި ފޮރެންސިކް ހެއްކިތައް މުހިންމު ދައުރެއް ކުޅުނު." އެ މަރުގެ ތަހުގީގުގެ އިތުރު ތަފްސީލް ހާމަކުރުމަށް މި ފެށޭ ހަފްތާގެ ކުރީކޮޅު ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ