ސުޕްރީމް ކޯޓަށް އައްޔަނު ކުރުމަށް މަހާޒްގެ ނަން ރައީސް ހުށަހަޅުއްވައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު އައްޔަނުކުރުމާ މެދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ސާބިތުވެ ރައްޔިތުންގެ މަޖިލީހުން އޭނާ ވަކިކުރުމުންނެވެ. ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 148 ވަނަ މާއްދާގެ ހގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ. މަޑަވެލި، މޭނާ، މަޙާޒް އަލީ ޒާހިރު އައްޔަންކުރުމާމެދު ޖުޑީޝަލް ސާވިސަސް ކޮމިޝަންގެ ލަފައަކަށް އެދި މިއަދު ފޮނުވާފައިވާ ކަމަށެވެ. https://twitter.com/ibusolih/status/1169528807507648512 ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ލަފާ ލިބުމުން ދެން އެ ނަންފުޅާއި އަދި ފަނޑިޔާރު ކަމަށް އިއުލާނު ކުރުމުން ކުރިމަތިލާ މީހުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ރުހުން އޮތްތޯ ބަލަން ޖެހޭނެއެވެ. ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ވަނީ ކުރިމަތި ލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ