ޔާމީން ޖަލަށްލީ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިމަހު 28 ގައި ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ މިމަހުގެ 28 ވަނަ ދުވަހު އިސްތިއުނާފްގެ އަޑުއެހުންތައް ފެށުމަށް ނިންމައިފި އެވެ.
ހައިކޯޓުގެ މީޑިއާ އޮފިޝަލް ވެސް މިއަދު ވިދާޅުވީ އިސްތިއުނާފް އަޑުއެހުން މިމަހުގެ 28 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު ވަނީ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަންދެން އެމަނިކުފާނު މިނިވަންކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ހައިކޯޓުން މިކަމުގައި އަދި އެއްވެސް ގޮތެއް ނިންމާފައި ނުވާތީ ރައީސް ޔާމީންގެ ގާނޫނީ ޓީމުންނާއި ޕީޕީއެމްއާއި ޕީއެންސީން ވަނީ ޝަކުވާ ކޮށްފަ އެވެ.
ހައިކޯޓުގެ ގަވާއިދުގައިވާ ގޮތުން ދަށު ކޯޓުން ކުށް ސާބިތުވެފައިވާ މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާނަމަ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަންދެން ކަފާލާތުގެ ދަށުން އެ މީހަކު މިނިވަންކުރެވިދާނެ އެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާއާ ހަވާލާދީ ބައެއް ބޭފުޅުން ގެންދަވަނީ ކަފާލާތުގެ ޝަރުތު ރައީސް ޔާމީން ހަމަނުވާ ކަމަށް ވިދާޅުވަމުންނެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް މަނީ ލޯންޑާކުރި ކަން ސާބިތުވުމުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ޖޫރިމަނާ ފައިސާ ކަމުގައިވާ ފަސް މިލިއަން ޑޮލަރު ނުވަތަ 77.1 މިލިއަން ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން ހަމަސް ދުވަސް ތެރޭގައި ކޯޓަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ބުނާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ނުހައްގު ހުކުމެކެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ، ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިހާރު ގެންދަނީ ޕެޓިޝަނެއްގައި ސޮއި ކުރުވަމުންނެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ