ސުޕްރީމް ކޯޓަށް މައްސަލަތައް ބަލައިގަތުމުގައި ފަނޑިޔާރުންގެ ދައުރެއް ނޯންނަގޮތަށް ހަދައިފި

ސުޕްރީމް ކޯޓަށް މައްސަލަތައް ބަލައިގަތުމުގައި ފަނޑިޔާރުންގެ ދައުރެއް ނޯންނަގޮތަށް ހަމަޖައްސައިފިއެވެ. ސުޕްރީމް ކޯޓުން މިއަދު ބުނީ ކޯޓުތަކުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ސުޕްރީމްކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަތަކާ މެދު ގޮތެއް ނިންމަންޖެހެނީ އެ ކޯޓެއްގެ ރަޖިސްޓްރާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދުގެ ހަތަރުވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަތަކާ މެދު ގޮތެއް ނިންމާނީ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ގަވާއިދުގެ އެ މާއްދާ އަކީ ކޯޓުތަކުގެ ގާނޫނާ ޚިލާފު މާއްދާއެއް ކަމަށް އެ ކޯޓުން މިއަދު ބުންޏެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ގަވާއިދުގެ އެ މާއްދާ ބާތިލްކޮށްފައެވެ. https://twitter.com/Supreme_Courtmv/status/1214506943621939200 ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އާ ބެންޗާ އެކު މިދިޔަ އާދިއްތަ ދުވަހު ވަނީ ޝަރީއަތްތައް ފަށައިފައެވެ. އެ ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި މިހާރު ހުންނެވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ މިދިޔަ ޑިސެމްބަރުމަހުއެވެ. ސުޕްރީމްކޯޓުގެ ޝަރީއަތްތައް ފެށިއިރު ފަނޑިޔާރުންގެ ބެންޗްގައި އިންނަން ޖެހޭ ދެ ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން އައްޔަނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ