މުލާ ހަނދާނުން ހިތްވަރު ހޯދާ ބަޔާން މޮޅުވެއްޖެ

ދާދި ފަހުން މަރުވި ބަޔާން މިއުނިކްގެ ލެޖެންޑް ގާޑް މުލާ ހަނދާނުން ހިތްވަރު ހޯދައި ބަޔާނުން ބުންޑެސްލީގާގައި އެޓީމު ކުޅުނު ދެވަނަ މެޗު ކާމިޔާބު ކޮށްފި އެވެ.
ލީގުގައި ބަޔާނުން ކުޅުނު ފުރަތަމަ މެޗުން އެއްވަރުވި އިރު، ބަޔާންގެ އެލިއެންޒް އެރީނާ ސްޓޭޑިއަމްގައި ކްލޯން އާއި ވާދަކުރި މިމެޗުން ބަޔާން މޮޅުވީ 3-2 ގެ ނަތީޖާ އަކުންނެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މިމެޗު ފެށުމުގެ ކުރިން ބަޔާނުން ވަނީ އެޓީމުގެ ލެޖެންޑް ގާޑް މުލާ މަރުވުމުން އެކަމުގެ ހިތާމައިގައި ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ. ބަޔާނުގައި 15 އަހަރު ހޭދަކުރި އެޓީމުގެ އެއް ނަންބަރު ފޯވާޑް ގާޑް މުލާ މަރުވީ އުމުރުން 75 އަހަރުގަ އެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލެންޑިއޯ އެވޯޑުގެ އިތުރުން ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.
ބަޔާން އާއި ކްލޯންގެ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ކްލޯން ޓީމުންނެވެ. ބަޔާންއަށް މާ ރަނގަޅު ހަމަލައެއް ނުއުފެއްދުނެވެ.
ނަމަވެސް ދެވަނަ ހާފު ފެށުނު ގޮތަށް ބަޔާނުން ވަނީ ގިނަ ހަމަލާތަކެއް އުފައްދަން ފަށާފަ އެވެ. ނަތީޖާ އަކަށްވީ ކައިރި ކައިރީގައި ބަޔާނުން ދެގޯލު ކާމިޔާބު ކުރުމެވެ. އެގޮތުން ޖަމާލް މުސިއާލާގެ ޕާހަކުން ރޮބާޓް ލެވަންޑޮސްކީ ބަޔާނަށް ލީޑު ހޯދައިދިން އިރު ދެވަނަ ގޯލު ޖަހާފައި ސާޖް ގިނަބްރީ އެވެ.
މިއާއެކު ކްލޯން އިން ވަނީ ކުޅުން ރަނގަޅުކޮށް ދެ މިނެޓު ތެރޭގައި ދެގޯލު ޖަހާފަ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެންތޮނީ މޯޑެސްޓް ކްލޯންއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނ އިރު ދެވަނަ ގޯލަކީ މާކް އުތީހާ ކާމިޔާ ބޮށްދިން ގޯލެކެވެ. ކްލޯންގެ ދެ ގޯލަކީ ވެސް އަރިމަތިން ހުރަސް ނަގައިގެން އޭރިއާ ތެރޭގައި ތިބި ކުޅުންތެރިން ލައްވާ ޖަހާފައިވަ ދެގޯލެވެ.
އެހެން ކަމުން ބަޔާނުން ވަނީ އަރިމަތިން ކްލޯން ޓީމު ކުޅެމުން އައި ބޯޅަތައް ހުއްޓުވާފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ބަޔާންގެ ގިނަބްރީ ވަނީ އިތުރު ގޯލެއް ޖަހައި ބަޔާނަށް މޮޅެއް ހޯދައިދީފަ އެވެ.
ބުންޑަސްލީގާގައި ރޭ ލެވާކޫސެން އާއި މޮންޗެންގްލެދްބަކް ބައްދަލު ކުރި މެޗުން ލޭޗާކޫޝެން މޮޅުވީ 4-0 އިންނެެވެ. ހޮފެންހައިމް ޔޫނިއަން ބާލިން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ