ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަންކުރަން ނިންމުމުން ބޮޑެތި ފާޑުކިޔުންތަކެއް
އިސްލާމް އާބާދު (7 ޖަނަވަރީ 2022) : ޕާކިސްތާނުގެ ސުޕްރީމު ކޯޓަށް އަންހެން ފަނޑިޔާރެއް ކަމަށްވާ އުމުރުން 55 އަހަރުގެ އައިޝާ މާލިކު އައްޔަން ކުރުމަށް ނިންމައިފިއެވެ. މިއީ ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރަކު އައްޔަންކުރުމަށް އެގައުމުގެ ޖުޑިޝަލް ކޮމިޝަނުން ނިންމި ފުރަތަމަ ފަހަރެވެ. މިނިންމުމަށް ޕާކިސްތާނުގެ ޝަރުއީ ދާއިރާގެ ތެރޭންވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މިނިންމުމަށް ފާޑުކިޔުއްވި ބޭފުޅުންގެ ތެރޭގައި ގިނަ އަދަދެއް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން އަދި މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ހިމެނެއެވެ. ފާޑުކިޔުއްވި ބޭފުޅުން ވިދާޅުވިގޮތުގައި މި ނިންމުން ކަމުނުދަނީ އައިޝާ މާލިކަށްވުރެ މާ ތަޖުރިބާ ލިބިފައިވާ އަދި އިލްމީ ގޮތުން މާމޮޅު ފާސްތައް ހުރި ފިރިހެން ބޭފުޅުން ތިއްބަވަނިކޮށް އެބޭފުޅުން އެއް ފަރާތް ކުރުމަށް ފަހު އައިޝާ އަށް މިމަގާމު ދޭން ޖުޑިޝަލް ކޮމިޝަނުން ނިންމުމުންނެވެ. އައިޝާ މާލިކް ހަމައެކަނި އަންހެނަކަށްވާތީ މަގާމު ދިނުމަކީ ބޭއިންސާފެއް ކަމަށާއި އަންހެނަކަށް ވިޔަސް އަދި ފިރިހެނަކަށް ވިޔަސް މިފަދަ މަގާމަކަށް އައްޔަންކުރަންޖެހޭނީ ތަޖްރިބާއާއި ގާބިލްކަމާ އަދި އިލްމީ ސަނަދުތަކަށް ރިއާޔަތްކޮށް އެންމެ ސީނިއާ ބޭފުޅަކު ކަމަށްވެސް ފާޑުކީ ފަރާތްތަކުން ބުނެފައިވެއެވެ. މި ޝަރުތުތައް ހަމަވާ ނަމަ އަންހެން ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަކީ މައްސަލައެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފެނިމިސްޓް ފިކުރުގެ މީހުންނާއި އެފިކުރުގެ ޖަމްއިއްޔާތަކުންވަނީ މި ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައެވެ. މިކަމަށް ތާއީދުކުރި ފެނިމިސްޓް ފިކުރުގެ މީހުންނަކީ ޖެންޑާ ނުވަތަ ދެޖިންސްގެ ހަމަހަމަކަމަށް ދައުވާކުރާމީހުން ކަމަށް ވިޔަސް އެފަދަ މީހުން ޖެންޑާގެ ނަމުގައި ގެންގުޅެނީ ހަމައެކަނި އަންހެންޖިންސަށް އެކަނި އިސްކަންދޭ ފިކުރެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. ޕާކިސްތާނުގެ ޝަރުއީ ދާއިރާގައި އައިޝާ މާލިކަށްވުރެ އެތައް ގުނައެއް ތަޖްރިބާކާރު އަދި އިލްމީގޮތުން މަތީ ސަނަދުތައް ހުރި އެތައް ސަތޭކަ ފަނޑިޔާރުން އެބަތިއްބެވިއެވެ. ޕާކިސްތާނުގެ ޖުޑިޝަލް ކޮމިޝަނުގެ މިނިންމުމަށް އެގައުމުގެ ވެރިކަންކުރާ ޕާޓީ (ބޮޑުވަޒީރު އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީ) ވަނީ ތާއީދުކޮށްފައެވެ. އެހެންކަމުން ޖުޑިޝަލް ކޮމިޝަނުގެ މިނިންމުމަށް ޕާކިސްތާނުގެ ޕާލަމެންޓުން ރުހުންދޭނެކަމަށްވަނީ ބެލެވިފައެވެ. ޕާކިސްތާނުގެ ޕާލަމެންޓުގެ އަޣްލަބިއްޔަތު އޮންނަނީ އިމްރާން ޚާން ގެ ތަހްރީކޭ އިންސާފު ޕާޓީ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ