ޖީއާންގެ މަރު: ގެއްލުމުގެ ބަދަލުގެ ގޮތުގައި 4.5 މިލިޔަން ރުފިޔާ ދިނުމަށް ހުކުމްކޮށްފި

ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި އުމުރުން ނުވަ އަހަރުގެ ރައުޝަން ޖިއާން ނިޔާވުމުގައި ޑަބްލިއު ކޮންސްޓްރަކްޝަންގެ އިހުމާލު އޮތް ކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ބަނގުލަދޭޝްއަށް ނިސްބަތްވާ ޖީއާން ނިޔާވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާ މަންޒިލްގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެގެންނެވެ.
ޖިއާންގެ މަރުގެ މައްސަލައިގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި އެކުއްޖާގެ މައިން ބަފައިންގެ ފަރާތުން ދައުވާކުރީ 2019 ވަނަ އަހަރުގައެވެ.
އެ މައްސަލައިގައި ކުއްޖާގެ މައިންބަފައިންގެ ފަރާތުން ޤާނޫނީ ވަކީލުގެ ގޮތުގައި ވަކާލާތު ކުރި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޖިއާން މަރުވެފައިވަނީ ޑަބްލިޔު ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް، ރަސްމީ މަސައްކަތެއްގެ ތެރެއިން ކުރި ފަރުވާކުޑަ އަމަލުތަކެއްގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝަރީޢަތަށް ސާބިތުވެފައިވާކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންކަމުން، ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން، ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުފުލަންޖެހޭކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ ހޯދުމަށް އެދިފައިވާ 17.4 މިލިއަން ރުފިޔާގެ ތެރެއިން ނަގާދެވޭނެ ގެއްލުމުގެ ބަދަލަކީ 4.5 މިލިއަން ރުފިޔާކަމަށް ކޯޓުން ކަނޑައަޅާފައިވާކަމަށް ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ. އަދި އެ 4.5 މިލިއަން ރުފިޔާ ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުކުމްކޮށްފައިވާކަމަށެވެ.
ވަކީލުންގެ ޓީމްގެ ބަޔާނުގައި ބުނެފައިވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދުގެ ތެރެއިން ބައެއް އަދަދު ނަގާދޭން ނުފެންނަކަމަށް ޝަރީއަތުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް އެ ޖަމްއިއްޔާއަށް ފެންނަކަމަށެވެ.
ޙުކުމުގެ އެ ބައި ހައިކޯޓަށް އިސްތިއުނާފުކުރުމަށް މައިންބަފައިންގެ ފަރާތުން އެދޭނަމަ އެޖަމްޢިއްޔާގެ ފަރާތުން އެޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާނެކަމަށާއި ނަމަވެސް، މި ވަގުތު އެޙުކުމް އިސްތިއުނާފުކުރުމާމެދު ވަކި ގޮތެއް މައިންބަފައިންގެ ފަރާތުން ނިންމާފައިނުވާކަމަށްވެސް ވަކީލުންގެ ޓީމްގެ ބަޔާނުގައިވެއެވެ.
ޖީއާން މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ހާދިސާ ހިނގި ސައިޓްގެ ސްޕަވައިޒަރު މޫސާ ހަސަން އަދި އެތަނުގައި އެ ވަގުތު މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީންގެ މައްޗަށެވެ.
އެހެންނަމަވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަ އާދަމް ޝަފީގު ފިޔަވާ އެހެން އެންމެންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މިމައްސަލާގައި ކުންފުނީގެ އެމްޑީ ސަލާމަތްވިއިރު ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ 2 ބިދޭސީންނެވެ. ދެން ތިބި ހަތަރުމީހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.
މިމައްސަލާގައި ސައިޓްގެ ސްޕަވައިޒަރު މޫސާ ހަސަން ވަނީ 115،000ރ. އިން ޖޫރިމަނާ ކޮށްފައެވެ. އަދި ބިދޭސީ ދެމީހުން 7،200ރ. އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
ދެ ބިދޭސީން ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު އެވަގުތު ބަސްތާ އަރުވަމުންދިޔަ ވިންޗްވީލް އޮޕަރޭޓަރު ރައްޖާވް އަލީ މައްޗަށް ކޮށްފައިވަނީ ހަ އަހަރުގެ ޖަލު ހުކުމެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާއެވެ.
ދައުވާލިބޭ އަނެއް ބިދޭސީ މީހާގެ މައްޗަށް އިއްވާފައިވަނީ ތިން އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ