ސިއްރު ބަޔާން ލީކުވި މައްސަލަ ކްރިމިނަލް ކޯޓުން އިތުރަށް ތަހުގީގު ކުރަނީ

މުޖްތަމައަށް ނުރައްކާތެރި ކަމަށް އިންޒާރު ދީފައިވާ ބައެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކުރާ މައްސަލައެއްގައި ހިމެނޭ ސިއްރުކޮށްފައިވާ ބަޔާނެއް ލީކުވި މައްސަލަ ކްރިމިނަލް ކޯޓުން އިތުރަށް ތަހުގީގުކުރަން ފަށައިފި އެވެ.
ލީކުވެފައި ވަނީ މ. ކޮޅުފުށީ ޒަހީރާމަންޒިލް، އަހްމަދު ޝިރުހާނާއި ހ. ހަމަރޯޅި ރިލްވާން ފަރުހަތާއި ގއ. ދާންދޫ ދިލްކަޝްވިލާ ހައުޒާން ނިޒާމާއި ގއ. ވިލިނގިލީ ހިތިލާގޭ މުހައްމަދު ނައްވިރާއި ހ. އަގި އަސީލް އިސްމާއިލްގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ ޑޮކިއުމެންޓެކެވެ. އެ މީހުންގެ މައްޗަށް ޕީޖީ އޮފީހުން ދައުވާކުރަނީ އާންމު ތަނެއްގައި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުނު ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އޮގަސްޓް ،28 2011 ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހެއްގެ ދިފާއީ ވަކީލު އަތުގައި އެ މައްސަލައިގައި ހެއްކަކު ދީފައިވާ ބަޔާނެއް އޮތެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުގެ ތައްގަނޑު ޖަހާފައިވާ އެ ބަޔާނަކީ ސިއްރުކޮށްފައިވާ ބަޔާނެކެވެ.
ނުރައްކާތެރި މާރާމާރީ އާއި ގޭންގު ކުށްތައް ފަދަ މައްސަލަތަކުގައި ހެކި ނުލިބޭތީ އެފަދަ މައްސަލަތަކުގައި ޝަރީއަތް ކުރިއަށް ގެންދިއުމަށް ކޯޓުން ހަމަޖައްސާފައި ވަނީ ލިޔެކިޔުންތައް ސިއްރުކޮށްގެންނެވެ. އަދި ހެކިވެރިންގެ ހެކި ބަސް ނަގަނީ އޯޑިއޯ ލިންކެއް މެދުވެރިކޮށް އަޑު ވެސް ބަދަލުކޮށްގެންނެވެ.
އެ މައްސަލައިގައި ދިފާއީ ވަކީލުގެ އަތުގައި އޮތީ އެ ދުވަހު ހެކި ބަސް ދިނުމަށް ހަމަޖެހިފައިވާ އަންހެނެއްގެ ބަޔާނެވެ. އެ މީހާގެ ފުރިހަމަ ނަމާއި ދިރިއުޅޭ އެޑްރެސް ވެސް ލިޔެފައިވާ އެ ބަޔާނުގައި އަންހެން މީހާ ބުނެފައި ވަނީ ވަޅިއެއް ހިފައިގެން މައްސަލައިގައި ހިމެނޭ އަސީލް އެ ގޭ ތެރެއަށް ވަދެފައިވާ ކަމަށެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އެ މީހާ ބުނެފައި ވަނީ ވަޅިއެއް ހިފައިގެން ހުރި މީހަކު އެ ގޭ ތެރެއަށް ވަން ކަމަށާއި އެކަމަކު އެއީ ކާކުކަން ބުނެދޭން ނޭނގޭ ކަމަށެވެ.
ކްރިމިނަލް ކޯޓުން ކުރިން ބުނެފައި ވަނީ އެ ބަޔާން ލީކުވި މައްސަލަ އެ ކޯޓުން ބަލައިފި ކަމަށާއި ކޯޓުން އެ ބަޔާން ދޫކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ކޯޓުގެ މީޑިޔާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ ބަލަންޖެހޭ އިތުރު ކަންތައްތަކެއް ހުރުމުން އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ. އަދި ކޯޓުގެ ލީގަލް އޮފިސަރުން މެދުވެރިކޮށް ބަލަންޖެހޭ ހުރިހާ ކަމެއް ބެލުމުގެ ކަންތައްތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިތުރަށް ބަލަންޖެހޭ ކަންތައްތައް ހުރުމުން އެކަންތައްތައް ބަލަމުން މި ދަނީ. ކޯޓުގެ ލީގަލް ބޭފުޅުން ވެސް މެދުވެރިކޮށްގެން އެ މައްސަލަ އަޅުގަނޑުމެން މި ދަނީ އިތުރަށް ތަހުގީގު ކުރަމުން،" ކޯޓުން ބުންޏެވެ.
އެ މައްސަލައިގައި ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ ބަޔާން ލީކުވެފައި ވަނީ ޝަރީއަތުގެ މަރުހަލާގެ ތެރެއިން ކަމަށްވާތީ ފުލުހުން އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. އެކަމަކު ވިދާޅުވީ އެކި މައްސަލަތަކުގައި ފުލުހުންނަށް ބަޔާން ދޭ ފަރާތްތަކުގެ އެންމެ ބޮޑު އެދުމަކީ އެ މީހުން ހިމާޔަތް ކުރުން ކަމަށާއި ހެކިން ހިމާޔަތްކޮށް އެމީހުންނަށް ރައްކާތެރިކަން ދިނުމަކީ ފުލުހުން ވެސް ވަރަށް ބޮޑަށް ސަމާލުވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ތަހުގީގުތަކަށް ބަޔާން ދޭ ގިނަ މީހުން ވަރަށް ބޮޑަށް އެދޭ އެ ބޭފުޅުން ހިމާޔަތް ކުރުމަށް. ހެކި ދިނުމުން އެ ބޭފުޅުންނަށް އެއްވެސް ނުރައްކަލެއް ނުވާނެ ގޮތެއް ހެދުމަށް. އަޅުގަނޑުމެން ވެސް ވަރަށް ބޮޑަށް ސަމާލުވާ ކަމެއް އެއީ ހެކިންގެ ހިމާޔަތަކީ،" މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓާއި ފުލުހުން ފިޔަވައި ޖިނާއީ މައްސަލަތަކުގެ ބަޔާންތައް ދެން އޮންނާނީ ޕީޖީ އޮފީހުގަ އެވެ. އެ އޮފީހުން ހަވީރަށް ރަސްމީކޮށް މައުލޫމާތު ދެއްވަނީ ހަމައެކަނި ޕީޖީ އަހުމަދު މުއިއްޒެވެ. އެކަމަކު މުއިއްޒު ފޯނު ނުނަންގަވާތީ ބަޔާން ލީކުވި މައްސަލައިގައި ޕީޖީ އޮފީހުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ