މުހިންމު ވޯޓުތަކުގައި ރައީސް މަޖިލީހުގެ އިދިކޮޅު މެމްބަރުންނާ ބަރާބަރަށް ގުޅުއްވާ: ޕްރެސް ސެކްރެޓަރީ

ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ މުހިންމު މައްސަލަތަކާ ގުޅިގެން، މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުންނާ ރައީސް މުހައްމަދު ނަޝީދު ބަރާބަރަށް ގުޅުއްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވެއްޖެ އެވެ.
"މަޖިލީހުގެ މުހިންމު ވޯޓުތަކުގައި ރައީސް ހަމަ މަޖިލީހުގެ އިދިކޮޅު ޕާޓީތަކުގެ ވަކިވަކި މެމްބަރުންނާ ގުޅުއްވައި އަބަދުވެސް އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ވިދާޅުވެ ދެއްވާ. އެންމެ ފަހުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ވެސް ހަމަ އިންޑިވިޖުއަލް މެމްބަރުންނާ ގުޅުއްވައި ރައީސްގެ ވިސްނުންފުޅު ވިދާޅުދެއްވި،" ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް އިދިކޮޅު މެމްބަރުން ރައީސް އޮފީހުގައި އަދި މުލީއާގޭގައި ރައީސް ބައްދަލު ކުރައްވައި އެކިއެކި ކަންތައްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާ ވެސް ވަރަށް ގިނަ ކަންތައްތަކުގައި ރައީސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"ރައީސް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ ޕާޓީއެއްގެ ތެރެއިން. އެހެންވެ އެ މަނިކުފާނުގެ އިންތިހާބީ މަސްއޫލިއްޔަތެއް ކަމަށް ދެކެވަޑައިގަންނަވާ މަޖިލީހުގެ ހުރިހާ މެމްބަރުންނާ ގާތްގުޅުމެއް ބާއްވައި މަޝްވަރާގެ އުސޫލުން ކަންކަން ކުރިއަށް ގެންދަވަން. އެހެންވެ އެ ގޮތުގެ މަތިން ހުރިހާ މެމްބަރުންނާ މަޝްވަރާ ކުރައްވަނީ،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ