ހަތަރު ދުވަސް ފަހުން ދިޔަމިގިއްޔަށް ކަރަންޓު ދީފި

އިންޖީނެއްގެ މައްސަލަ ޖެހި ތ. ދިޔަމިގިލިން ކަރަންޓް ކެނޑުނުތާ ހަތަރު ދުވަސް ފަހުން، އެ ރަށަށް ރޭ ފަތިހު އަލުން ކަރަންޓް ދީފި އެވެ.
ދިޔަމިގިލީ ކައުންސިލް މެމްބަރު މުހައްމަދު ވިޝާމް ވިދާޅުވީ "އިންޖީނު މަރާމާތުކޮށް ކަރަންޓް ލިބުނީ ރޭ ފަތިހު 10: 4 ހާއިރު" ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން ދިޔަމިގިލިން ކަރަންޓް ކެނޑުނީ އެ ރަށުގައި ހުރި 140 ކިލޯ ވޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ކަރަންޓް ނެތުމާ ގުޅިގެން އެ ރަށު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ލިބުން ދަތިވެ ރައްޔިތުންގެ ބަޔަކު ކަނު އަނދިރީގައި ތިބޭތީ އެ މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއްގެ ގޮތުގައި ވެސް ހުށަހަޅައިފަ އެވެ. ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް މިއަދު ވަނީ ކޮށްފަ އެވެ.
މި މައްސަލައިގައި ބައެއް މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި، ޒުވާބުކޮށް އަޑުގަދަ ކުރައްވަން ފެއްޓެވުމުން، މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލިއިރު، ކުއްލި މައްސަލަ އަށް ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ ދިޔަމިގިލީގައި ކަރަންޓް ނެތުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށެވެ.
ކުއްލި މައްސަލަ ހުށަހެޅުއްވި ވިލުފުށީ ދާއިރާ މެމްބަރު ރިޔާޒު ވިދާޅުވީ "ކަރަންޓް ނެތުމުގެ ސަބަބުން ދިޔަމިގިލީ ގޭގޭގައި ރޯދަ މަހު ބޭނުންކުރުމަށް ފްރިޖްކޮށްފައި ހުރި ކުކުޅާއި ތަރުކާރީތައް ވަނީ ހަލާކުވެފައި" ކަމަށެވެ.
ފަރެސްމާތޮޑާގެ މެމްބަރު އިބްރާހިމް މުއްތޮލިބު ވިދާޅުވީ ހަމައެކަނި ދަތި ހާލުގައި ތިބީ ދިޔަމިގިލީ ރައްޔިތުން ނޫން ކަމަށާއި އިންޖީނުގެތައް ޔުޓިލިޓީ ކުންފުނިތަކާ ހަވާލުކުރި ފަހުން ގިނަ ރަށްރަށުގެ ކަރަންޓް ހާލަތު ދަށްވެފައިވާ ކަމަށެވެ.
"ތަނަށް ]ޔުޓިލިޓީ ކުންފުނިތަކަށް[ ބޭނުންވާ ވަރަށްވުރެ މުވައްޒަފުން އިތުރެ، ހަރަދު ދެކޮޅުނުޖެހޭތީ މައްސަލައަކީ،" މުއްތޮލިބު ވިދާޅުވި އެވެ.
ދިޔަމިގިލީގެ ކަރަންޓް މައްސަލައިގައި ބަހުސްކުރަމުން ދަނިކޮށް، މެންދުރު 12 ޖަހަން ކައިރިވެފައިވަނިކޮށް، މަޖިލީހުގެ ޖަލްސާ މެދުކަނޑާލީ ބައެއް މެމްބަރުން ޒުވާބުކޮށް އަޑުގަދަކުރައްވަން ފެއްޓެވުމުންނެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި، ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ވިދާޅުވީ ޖަލްސާ ކުރިއަށް ގެންދެވުމުގެ ފުރުސަތު މެމްބަރުން ނުދެއްވުމުން ޖަލްސާ މެދުކަނޑާލެއްވީ ކަމަށެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ނިޒާމީ ނުކުތާގައި ވިދާޅުވީ ދިޔަމިގިއްޔަށް މިހާރު ކަރަންޓް ދީފައިވާއިރު، ކުއްލި މައްސަލަ ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުން ވަގުތުތަކެއް ގެއްލުވާލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ