ޓެކްސްގެ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި ގެއަކުން 6،533ރ. ދައްކައިފި

ވިޔަފާރީގެ ފައިދާއިން ޓެކްސް ނަގަން އިއްޔެ ފެށުމާއެކު ޓެކްސްގެ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި، މާލޭގައި ކުއްޔަށް ދީފައި ހުރި ގެއަކުން 6،533ރ. ދައްކައިފި ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ބުނެފި އެވެ.
މީރާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ވިޔަފާރީގެ ފައިދާ އިން ޓެކްސް ނަގަން ފެށި ނަމަވެސް، ޓެކްސް ދެއްކުމުގެ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް އޮންނާނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިން ޓެކްސް ދައްކަން އަތުވެއްޖެ ނަމަ އެ ފައިސާއެއް ބަލައިގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް އުފާކުރިން އެ ފަރާތުން އެ ފައިސާ މިހާ އަވަހަށް ދެއްކެވީމަ. އަޅުގަނޑުމެން އުއްމީދުކުރަނީ ޓެކްސް ދައްކަން ޖެހޭ ހުރިހާ ފަރާތްތަކުން ވެސް ވީއެންމެ އަވަހަށް ދައްކައި ނިންމަވާނެ ކަމަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.
ވިޔަފާރީގެ ފައިދާ އިން ޓެކްސްގެ ގޮތުގައި އެންމެ ފުރަތަމަ ދެއްކީ ކޮން ފަރާތެއް ކަމެއް މީރާ އިން ހާމައެއްނުކުރެ އެވެ. ނަމަވެސް އެތަނުން ބުނީ އެ ފަރާތުން ދައްކާފައި ވަނީ އިއްޔެ އިން ފެށިގެން މި އަހަރުގެ ބާކީ އޮތް 167 ދުވަހަށް ވާ 6،533.59ރ. ކަމަށެވެ.
މީރާއިން ހާމަކުރި ހިސާބުތައް ދައްކާ ގޮތުން އެ އިމާރާތުން ކުއްޔަށްދީފައި ހުރި ހަތަރު ބުރިން އެއް އަހަރު ދުވަހުގެ ކުލީގެ ގޮތުގައި 744،000ރ. ލިބެ އެވެ. އަދި ގާނޫނުގައިވާ ގޮތަށް 20 ޕަސެންޓް އުނިކުރުމުން ފައިދާގެ ގޮތުގައި 595،200ރ. ލިބެ އެވެ. އަދި 500،000ރ. އަށް ވުރެ އިތުރުވާ 95،200ރ. ގެ ތެރެއިން ފައިދާގެ ގޮތުގައި 15 ޕަސެންޓް ޓެކްސްގެ ގޮތުގައި އަހަރަކު 14،280ރ. ދައްކަން ޖެހެ އެވެ.
މީރާ އިން ބުނީ ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު މި ގާނޫނުގެ ދަށުން ޓެކްސް ދައްކަން ޖެހޭ ހުރިހާ ފަރާތްތަކުން ވެސް، އިއްޔެއިން ފެށިގެން މި އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކުރާ ވިޔަފާރިތަކުން އެ ފަރާތެއްގެ ޓެކްސް ބިނާކުރެވޭ ފައިދާ 500،000ރ. އަށްވުރެ އިތުރުވާ ނަމަ އެ އިތުރުވާ އަދަދެއްގެ 15 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ.
މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް ކުރާ ވިޔަފާރީގެ ފައިދާގެ ޓެކްސް އަދުލުވެރި ގޮތެއްގައި ލަފާކުރުމަށް ފަހު އެ އަދަދު މީރާ އަށް ދައްކަން ޖެހެނީ ޖެނުއަރީ ،31 2012 ގެ ކުރިންނެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ވިޔަފާރީގެ ފައިދާ އިން ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ކުންފުނި، ޕާޓްނާޝިޕް، ނުވަތަ އެއްވެސް ގާނޫނެއްގެ ދަށުން ހިސާބު ތައްޔާރުކުރަން ޖެހޭ ފަރާތްތަކާއި ވިޔަފާރިކުރާ ވަކިވަކި ފަރުދުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ