ހދ. ވައިކަރަދޫން ކަރަންޓް ކެނޑިފައިވާ މައްސަލައިގައި ހިތްހަމަނުޖެހި، މާލޭގައި ހަމަނުޖެހުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ރޭ 30: 11 ހާއިރު މާލޭ ޒުވާނުންގެ މަރުކަޒު ކައިރީގައި އެ ރަށުގެ ފަންސަވީހަކަށް ޒުވާނުން އެއްވެ، އެ ރަށުގެ އެހެން ބަޔަކާ ހަމަނުޖެހުން ހިންގަން އުޅެނިކޮށް އެތަނަށް ފުލުހުން ގޮސް އެ މީހުން ވަނީ ދުރަށް ޖައްސައިފަ އެވެ. ފުލުހުން ހައްޔަރުކުރީ، ހަމަނުޖެހުން ކޮންޓްރޯލް ކުރަން އުޅުނު ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި ދެ ޒުވާނުންނެވެ.
މީގެ 22 އަހަރު ކުރިން ފެށިގެން ވައިކަރަދޫގައި ކަރަންޓުގެ ހިދުމަތްދެމުން އައި ވިނަރެސް ޖަމިއްޔާގެ ރައީސް އަބްދުލްވާހިދު ވިދާޅުވީ، ތެޔޮ ހުސްވެގެން މިހާރު ރަށުން ކަރަންޓު ކެނޑިފައިވާ އިރު އެ މައްސަލައިގައި ވާހަކަ ދެއްކުމަށް އެ ރަށުގެ ޒުވާނުންތަކެއް ރޭ ޖަމިއްޔާގެ ބައެއް އިސްވެރިންނަށް ޒުވާނުންގެ މަރުކަޒު ކައިރި އަށް ދިއުމަށް ދައުވަތު ދީފައިވާ ކަމަށެވެ. އަދި ޖަމިއްޔާގެ ދެ މެމްބަރުން އެތަނަށް ގޮސް ޒުވާނުންނާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ފަހުން އެކަން ޒުވާބަކަށް ބަދަލުވެ، ޖަމިއްޔާގެ މެމްބަރުން އެތަނުން ދިޔަ ނުދީ ޒުވާނުން ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެވަގުތު އެތަނަށް ފުލުހުން ދިޔައީ. ފުލުހުން ގޮސް އަޅުގަނޑުމެންނަށް ހިމާޔަތް ދިނުމަށް ޖިޕަށް އެރުވުމުން ޒުވާނުންގެ ތެރެއިން ދެ ކުއްޖަކު ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ފުލުހުންނަށް ހަމަލަދޭން މަސައްކަތް ކުރި. ދެން އެ މީހުން ބިޑިއަޅުވައިގެން ފުލުސް އޮފީހަށް ގެންދިޔައީ،" ވާހިދު ވިދާޅުވި އެވެ.
ފުލުހުން ރޭ ވައިކަރަދޫ ދެ ޒުވާނުން މާލެއިން ހައްޔަރު ކުރި އިރު ކަރަންޓުގެ މައްސަލައިގައި ވާހަކަ ދެއްކުމަށް ރޭ އެ ރަށަށް ފުލުހުން ވަނީ ގޮސްފަ އެވެ.
ކައުންސިލްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވީ، ކުޅުދުއްފުށީގައި ތިބޭ ފުލުހުން ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު އެ ރަށަށް ގޮސް ޖަމިއްޔާގެ ބައެއް އިސް މީހުންނާއި ކައުންސިލަރުންނާ ވާހަކަ ދައްކައި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަތިހު ހަތަރެއް ޖަހަންދެން ކުރިއަށް ދިޔަ އެ މަޝްވަރާތަކުން އެއްވެސް ނަތީޖާއެއް ނުނިކުތް ކަމަށް އޭނާ ވިދާޅުވި އެވެ.
ވަހީދު ވިދާޅުވި ގޮތުގައި ރަށުގައި ކަރަންޓުގެ ހިދުމަތް އަލުން ދިނުމަށް ޖަމިއްޔާއިން ޑިމާންޑް ކުރަނީ ދުވާލަކު 200 ލީޓަރުގެ ތެޔޮ ކޮންމެ ދުވަހަކު ވެސް ކައުންސިލުން ހިލޭ ދޭ މަތިންނެވެ. ނަމަވެސް އެކަމަށް ހަރަދުކުރާނޭ ވަރަށް ކައުންސިލުގައި ފައިސާނެތުމުން ޖަމިއްޔާގެ އެ އެދުމަށް ކައުންސިލުން އިންކާރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުލުހުން ރަށުން ފުރައިގެން ދިޔައީ މައްސަލަ އަށް ހައްލެއް ނައުމުން. އަޅުގަނޑުމެން އަދިވެސް މިތިބީ ކަރަންޓުގެ ހިދުމަތުން މަހުރޫމްވެފައި،" ވަހީދު ވިދާޅުވި އެވެ.
ވިނަރެސް ޖަމިއްޔާއިން ބުނީ ޖަމިއްޔާއިން ހިންގާ ހުރިހާ ހަރަކާތްތަކެއް ހުއްޓާލައި މި މަހުގެ 30ގައި އެ ޖަމިއްޔާ އުވާލުމަށް ހޯމް މިނިސްޓްރީން ނިންމާފައިވާތީ ރަށުން ކަރަންޓު ކެނޑޭނެ ކަން ކުރިން ރައްޔިތުންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެ ހިދުމަތް ހުއްޓާނުލައި ޖަމިއްޔާއިން ކުރިއަށް ގެންދިޔުމަށް އެ ރަށު ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް ތެޔޮ ނެތިގެން ކުއްލި ގޮތަކަށް ރަށުން ކަރަންޓު ކަނޑާލަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯޓުން އަމުރުކޮށްފައި ވަނީ އަޅުގަނޑުމެންނަށް މިކަން ކުރިއަށް ނުގެންދެވިއްޖެ ނަމަ ރަށު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔުމަށް. އެކަމަކު މިކަމުގައި ކައުންސިލުން އެއްބާރުލުމެއް ނުދޭ. ކައުންސިލަށް އަޅުގަނޑުމެން ހުށަހެޅީ ކަރަންޓު ދިނުމަށް ދުވާލަކު 500 ލީޓަރު ތެޔޮ ހަރަދުވާތީ 200 ލީޓަރު ތެޔޮ ކައުންސިލުން ދިނުމަށް. އެކަމަކު އެކަމަކާ ކައުންސިލުން އެއްބަހެއް ނުވޭ،" ވާހިދު ވިދާޅުވި އެވެ. އެކަމަކު ކައުންސިލުން ބުނިގޮތުގައި އެ މައްސަލައިގައި ޖަމިއްޔާއިން ހުށަހަޅާފައިވަނީ ވަރަށް "ތާކުން ތާކު" ނުޖެހޭ ކަންތައްތަކެވެ.
ސަތާރަ ސަތޭކަ އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށުގައި ކަރަންޓު ނެތުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުގަ އާއި ބޭސް ފިހާރައިގައި ހުރި ބޭސްތަކާއި އިންޖެކްޝަންތައް ހަލާކުވެދާނެތީ، އެ ބޭސްތައް ވަނީ އެ ރަށް ކައިރީގައި އޮންނަ ނޭކުރަންދު އަށް ގެންގޮސްފަ އެވެ. ފްރިޖްކޮށްގެން ނޭކުރަންދު އަށް ގެންދިޔަ އެތަކެތި މިހާރު ބަހައްޓާފައި ހުރީ ނޭކުރަންދޫ ބޭސް ފިހާރައެއްގައި ކަމަށް ވައިކަރަދޫން ބުންޏެވެ.
ކަރަންޓުގެ މައްސަލައިގައި ރަށު ކައުންސިލާއި ޖަމިއްޔާއަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ، އެ ރަށަށް ކަރަންޓު ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ކައުންސިލް އިދާރާއިން ބުނެ އެވެ.
ވައިކަރަދޫ ކަރަންޓުގެ މައްސަލައިގައި މާލޭގައި ހަމަނުޖެހުން ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ