ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރަކަށް އަހުމަދު މުހައްމަދު

އިދިކޮޅު ޑީއާރުޕީގެ ހުސްވެފައިވާ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އެސްޓީއޯގެ ކުރީގެ ސީއީއޯ އަދި ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި އަހުމަދު މުހައްމަދު (އަންޑޭ) މިރޭ ހަމަޖައްސައިފި އެވެ.
މިރޭ ބޭއްވި ޑީއާރުޕީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ޑެޕިއުޓީ ލީޑަރަކަށް އަހުމަދު މުހައްމަދު ހަމަޖެއްސީ ކައުންސިލުން އޭނާ އިސްތިއުފާ ދެއްވުމަށް ފަހު ކަމަށް ޑީއާރުޕީން ބުންޏެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރަކަށް އަހުމަދު މުހައްމަދު ހަމަޖެއްސުމުން އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ މަގާމު ވެސް މިހާރު ހަމަވީ އެވެ. އަހުމަދު މުހައްމަދުގެ ކުރިން ޑެޕިއުޓީ ލީޑަރަކަށް ކައުންސިލުން ހަމަޖެއްސީ ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒް އެވެ.
މީގެ އިތުރުން ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް މިރޭ ވަނީ މާލޭ ސިޓީ ކައުންސިލް އިންތިހާބުގައި މާފަންނު ދެކުނު ދާއިރާއަށް ކުރިމަތިލެއްވި މުހައްމަދު ނިމާލް ވެސް ހަމަޖައްސައިފަ އެވެ.
އަދި އެ ޕާޓީގެ ޑިފެންސް އެޑްވައިޒަރަކަށް އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަހުމަދު ނާޒިމް އަދި ސޯޝަލް އެޑްވައިޒަރަކަށް ޑރ. އާސިމް ވަނީ އައްޔަންކޮށްފައި ކަމަށް ޑީއާރުޕީން ބުންޏެވެ. އަދި ޑީއާރުޕީގެ ސްޕޯކްސްޕާސަން ކަމަށް އާލިމް ޝަކޫރު ވަނީ ހަމަޖައްސައިފަ އެވެ.
ކައުންސިލްގެ މިރޭގެ ބައްދަލުވުމުގައި ކައުންސިލުން ހުސްވި މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ހަސަން ލަތީފު ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ